އެއްތިރިސްވަނަ ބައި

"އެކަމުގެ ތެރެއަށް އަހަރެން ވެއްދީ ކީއްވެ؟" އައްޒާމްގެ ހިތުގައި އުފެދުނު އޭނާއަށް އެންމެ އުނދަގޫ ކުރި ސުވާލު އޭނާ ނާޒްއާ ކުރިއެވެ.

"އެއީ މާޒް ކުރުވި ކަމެއްކަމަށް ދައްކަންވެގެން.."

"އެކަމަކު ކީއްވެ އަހަރެން؟" އައްޒާމް އަނެއްކާވެސް އޭނާގެ ހަޤީޤީ ސުވާލު ތަކުރާރުކުރިއެވެ.

"އަހަރެންނަށް އެނގުނު އައްޒާމް އަހަރެންނާ ދޭތެރޭ ދެކެނީ ކިހިނެއްކަން.. މިބުނީ އަހަރެންދެކެ ލޯބިވާކަން.. އެހެންވީމަ އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކުރާނެކަން އަހަރެންނަށް ޔަޤީންވީ.. އެހެންވެގެން އަހަރެން އެގޮތަށް ކަންތައްކުރީ.." ނާޒް ފަޚުރުވެލިއިރު ހީވީ އޭނާއަށް މާ މޮޅު ކަމެއް ކުރެވިގެން އުޅޭހެންނެވެ. ކުއްލިއަކަށް ފަހަތުން އަތްތިލަބަޑި ޖަހަން ފެށި އަޑަށް ނާޒްއާ އައްޒާމް އެއްފަހަރާ ބަލާލިއެވެ. އެދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބުނީ ރުޅިވެރި ނަޒަރަކުން އެދެމީހުންނަށް ބަލަން އިން ޔޫޝައު ފެނުމުންނެވެ.

"ވާއު! ހާދަ މޮޅު ޕްލޭންއެކޭ ތީ.. މާސްޓަރ މައިންޑެއްގެ ވެރިއެއް ދޯ މީނީ.." ނާޒްއަށް އިޝާރާތްކޮށްލަމުން ޔޫޝައު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ޔޫ.. ޔޫޝައު.."

"އަނގަ މަޑުންލައިގެން އިނދޭ!" ޔޫޝައު އަމުރުވެރި ރާގަކަށް ބުނެލުމުން ނާޒްއަކަށް އެއްވެސް ހަރަކާތެއް ކޮށްލާކަށް ނުކެރުނެވެ. ދެންމެ ނުހަނު ގަދަވެލާފައި ވާހަކަދެއްކި މީހާ ކުޑަވިވަރުން އަޒްމީލް ގާތަށް ޒާތެއްގެ ހިންޏެއްވެސް އައެވެ.

"ހީކުރީ ތިކުރެވުނީ ވަރަށް މޮޅުކަމެއް ކަމަށްތަ؟ އެނގޭތަ؟ އެނގޭތަ ތި ހަލާކުކޮށްލެވިނީ ކިތައް މީހުންގެ ދިރިއުޅުންކަން؟ ހަމައެކަނި އައިކާއާ މާޒްގެ ދިރިއުޅުމެއް ނޫނޭ ހަލާކުވީކީ.. އެދެމީހުންނާ އަހަރެންނާ އަހަރެންގެ ދެދަރިން އަދި މީނދަ އައްޒާމްގެ ދިރިއުޅުންވެސް.." ނާޒްއާ ދިމާއަށް ގުދުވެލަމުން ރުޅިވެރިކަމާއެކު ޔޫޝައު ބުނެލިއެވެ.

"އަމިއްލަ ދިރިއުޅުން އަމިއްލަ އަތުން ހަލާކުކޮށްލެވުނުއިރުވެސް ނޭނގުނު ދޯ؟" ޔޫޝައު މަލާމާތުގެ ބަހެއް އައްޒާމްއަށް އެއްލިއެވެ. އައްޒާމްއަށް އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ.

"ހީކުރީ އައިކާގެ ހިތް ތިގޮތަށް ބަދަލުކޮށްލައިގެން ކަލޭއަށް ވަރަށް އުފަލުގަ އުޅެވިދާނެކަމަށްތަ؟ އަހަރެން ކަލޭ ތި ދެއްކި ހުރިހާ ވާހަކައެއް ރެކޯޑްކޮށްފިން.. އެ ހުރިހާ އެއްޗެއް އޭނައަށް އިއްވީމަ ކަލެއަށް ވަރަށް އުފަލުގަ އުޅެވޭނެޔޭ.. އޭރުން ކާމިޔާބު ލިބުނީ ކާކަށްކަންވެސް އެނގިދާނެ.." ނާޒްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޔޫޝައު އެހެން ބުނެލާފައި ދާން ހިނގައިގަތީ އަޒްމީލް ގާތު އައުމަށް އިޝާރާތްކުރަމުންނެވެ.

ޔޫޝައު އައިކާމެން ތިބި ކޮޓަރިއަށް ދިޔައިރު އައިކާ އުޅެނީ ދެކުދިން މަސަލަސްކުރުމުގައެވެ. ސަނާވެސް އެތަނުން އެއްކުއްޖަކު ހުއްޓުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޔޫޝައު ވަނުމުން ސަނާ އެކުއްޖާ ޔޫޝައުގެ އަތަށް ދިނެވެ. ހަމަ ދިނުމާއި އެކުހެން ރުއިން ހުއްޓާލައިފިއެވެ.

"އެ ހުއްޓާލީނު.. ބޭބީއަށްވެސް ޑެޑީ ވަކިކުރަން އެނގޭނެއޭ ދޯ.. މާޝާ ﷲ!! ބަލާބަލަ ލޯބިކަން.." އަޒްމީލް ބުނެލިއެވެ. ސަނާއާއި ޔޫޝައުވެސް ހީލިއެވެ.

ދެކުދިންގެ ރުއިން ހުއްޓުމާއެކު ސަނާ ބޭރަށް ނުކުމެލިއެވެ. އަޒްމީލްވެސް ޔޫޝައުގެ ކޮނޑުގައި ޖަހާލާފައި ނުކުތީ އަވަހަށް މަސައްކަތް ކުރިއަށް ގެންދާށޭ ބުނާފަދަ އިޝާރާތެއް ކޮށްލާފައެވެ.

"އިކާ! އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި.. ހަމަ މިރޭ.. މިހާރު.."

"އަލުން ދެމީހުން ގުޅޭ ވާހަކަ ދައްކަންޏާ ބުނެވޭނީ ތީ ބޭކާރު ވާހަކަތަކެކޭ.. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ.." އައިކާ ބުނެލިއެވެ. އޭނާ ހުރީ އޭނާގެ ގޮތުގައެވެ.

"ތިއަށްވުރެވެސް މާބޮޑު ވާހަކައެއް ދައްކަން މިއުޅެނީ.. މިވީ ދެތިން މަހެއްގެ ތެރޭ އަހަރެމެން އެންމެންވެސް މިތިބީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި.." ޔޫޝައު ބުނެލިއެވެ.

"ކޮން އެންމެންނެއް؟"

"އަހަރެންވެސް.. އައިކާވެސް.. އަދި މާޒްވެސް.." ޔޫޝައު ބުނެލިއެވެ.

"ތިކިޔާ އެއްޗެއް އަހަރެންނަކަށް ނުވިސްނޭ.. ސާފުކޮށް ބުނެދީފާނަންތަ؟" އައިކާ އިނީ ވާނުވާ ނޭނގިފައެވެ. އައިކާ އެހެން ބުނެލުމުން ޔޫޝައު އޭނާގެ ފޯނުން ރިކޯޑްކުރި ނާޒްއާއި އައްޒާމްގެ ވާހަކަތައް ޕްލޭކޮށްލިއެވެ. އިވެމުންދިޔަ ވާހަކަތަކެއް އައިކާއަކަށް ޤަބޫލެއް ނުކުރެވުނެވެ.

"ނޫން.. ތީ ދޮގެއް.."

"ނޫން.. މީ ތެދެއް.. މީ މިރޭ އަހަރެންނާ އަޒޭ ރެސްޓޯރެންޓެއްގައި ތިއްބާ އިއްތިފާޤަކުން އަހަރެމެންނަށް އިވުނު ވާހަކަތަކެއް.. ސީދާ ނާޒްއާއި އައްޒާމްގެ ދުލުން ހުރިހާ ވާހަކައެއް ދައްކާފަ މިހުރީ.." ޔޫޝައު ޔަޤީންކަން ދިނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑަށް ޔޫޝައުއާ އައިކާއަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ.

"ހުޅުވާފަ ހުރީ.." އައިކާ އެހެން ބުނެލީ ސަނާމެން ކަމަށް ހީކޮށްފައެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އައްޒާމް ފެނުމާއެކު ޔޫޝައުގެ ލޭ ކެކިގަތެވެ.

"ކިހިނެއް މިތަނަށް އަންނަން އެނގުނީ؟" ޔޫޝައު ރުޅިވެރިކަމާއެކު އަހާލިއެވެ.

"ޔޫޝައުގެ ފަހަތުން އަހަރެން މިއައީ.." އިސްޖަހައިގެން ހުރެ އައްޒާމް ބުނެލިއެވެ.

"ކީއްކުރަން؟ އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟" އައިކާ ރުޅިވެރިކަމާއެކު އެހެން ބުނިނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ.

"ނޫން.. އަހަރެން މިއައީ މާފަށް އެދެން.. އަހަރެންނަށްވެސް މިހުރިހާ ދުވަހަކު މި ހުރެވުނީ އޮޅުމެއްގެ ތެރޭގައި.. ނާޒް މިހުރިހާ ދުވަހު އަހަރެން ކަނުބަނދެގެން ގެންގުޅުނީ.. އަހަރެންނަށްވެސް ހަޤީޤަތް މި އެނގުނީ މިރޭ.. އޭނަ އަހަރެންގެ ގާތުގައި އައިކާއޭ މާޒްއޭ ކިޔައިގެން ދޮގު ވާހަކަދައްކައިގެން އަހަރެން ބޮލަށް ސަވާރުވީ.. އޭނަގެ ބަދަލު ހިފުމުގެ ތެރެއަށް އަހަރެން ވެއްދީ.. އެންމެފަހުން އަހަރެންނަށް ކެހިވެސް ދިނީ.. އަހަރެން ހީކުރީ އޭނަ އަހަރެންދެކެ ލޯބިވާކަމަށް.. އެކަމަކު މިރޭ މި އެނގުނީ އެއީވެސް އޭނަ ދެއްކި ދަޅައެއްކަން.." އައްޒާމް ހުރީ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުގަނެފައެވެ. އެކަން އޭނާގެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.

"އަހަރެން ހުރިހާ ކަމެއްވެސް ކުރީ ނާޒް ބުނިގޮތަށް.. މާޒްއަށް ވެގެން އައިކާއަށް މެސެޖު ކުރީވެސް.. އަހަރެންނަށް ނާޒްދެކެ ލޯބިވެވުނުލެއް ބޮޑުކަމުން އޭނަ ދެއްކި ހުރިހާ ވާހަކައެއްވެސް ތެދުކަމަށް ހީކުރެވުނީ.. އަހަރެންނަށް މާފްކުރޭ.. އިނގޭ އެހާ ފަސޭހަކަމެއް ނޫންކަންވެސް.. އެކަމަކުވެސް.."

"ދެން ހެޔޮ.. ދާންއުޅޭ މިތަނުން.. ނުލިބޭނެ އަހަރެންގެ މާފެއް.. ދެން މިތަނަށް އައިސްފިއްޔާ ޕޮލިހަށްވެސް އަންގާނަން.. ހައްޔަރުވާންތަ ބޭނުމީ؟ ކަލޭ މައިންބަފައިން، އަހަރެން ބޭނުން ކޮންމެ އަދަބެއް ކަލެއަށް ދިނުމަށް އިޚްތިޔާރު ދިނުމުންވެސް އެމީހުންނާ ދޭތެރޭ ވިސްނާލާފަ ކުރީ ފަހަރުވެސް ކަލޭ ޕޮލިހުންނާ ހަވާލުނުކުރީ.. އެވަރުންވެސް ކަލޭ އެކަން ހުއްޓައެއްނުލި.. ދެވަނަ ފަހަރުވެސް ދިމާކުރީ.. އެހެންވީމަ މިފަހަރު ކުރީ ބައިގަ މިބުނަނީ.. ދެން އަހަރެން ފެންނަ ހިސާބަށް އަޔަސް އަހަރެން ކަލޭ ޕޮލިހުންނާ ހަވާލުކުރާނަން.. ހަމަ މިހާރު މިތަނުން ނިކުމޭ.. އަހަރެން ކަލޭއަށް ދުވަހަކުވެސް މާފެއް ނުކުރާނަން.." އައިކާ ރުޅިވެރިކަމާއެކު އެހެން ބުނެލުމުން އައްޒާމް އެއްވެސް އެއްޗެކޭ ނުބުނެ ނުކުތެވެ. ކިތަންމެ ވަރަކަށް މާފަށް އެދުނަސް އައިކާގެ މާފު ނުލިބޭނެކަން އެނގޭތީއެވެ. އައްޒާމް ނުކުތުމާއެކު އައިކާއަށް ބާރަށް ރޯން ފެށުނެވެ.

"އައިކާ ޕްލީޒް! ނުރޮއި ހުއްޓާލާ.." އައިކާ ރޯން ފެށުމުން ޔޫޝައު ވަރަށް ދެރަވިއެވެ.

"ޔޫޝް! އަހަރެން ދެން ކިހިނެއް ހަދާނީ؟ އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ހާދަ ގޯސްކޮށޭ.. އަހަރެން އޭނައާ ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް؟ އޭނަ އަހަރެންގެ އާއިލާއަށްވީ ހުރިހާ އެހީއެއްގެ ބަދަލު އަހަރެންނަށް ދެވުނީ ހާދަ އިހާނެތި ބަސްތަކަކުންނޭ.. އަހަރެން ކިހިނެއް ދެން މާޒްއާ ކުރިމަތިލާނީ؟ މިރޭވެސް އޭނަ އައިމަ އަހަރެންނަށް އޭނައާ ދިމާއަށް ހާދަ ނުބައި އެއްޗިއްސޭ ގޮވުނީ.. ދެން ނޭނގެ.. އަހަރެންނަށް ހަމަ ޔަޤީން މިހާރު އަހަރެން މާފަށް އެދުނަސް މާޒް އަހަރެންނަށް މާފެއްވެސް ނުކުރާނެކަން.." އައިކާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ޙައްޤަކާއިނުލާ މާޒްއާ ދިމާއަށް ގޮވުނުހާ އެއްޗެހި ހިތަށް އެރުމުންނެވެ.

"ނޫން.. މާޒްއަކީ ވަރަށް ރަނގަޅު މީހެއް.. އޭނަ އައިކާއަށް މާފްކުރާނެ.." ޔޫޝައު ޔަޤީންކަން ދިނެވެ.

"އަހަރެންނަކަށް ނުކެރޭނެ މާޒްއާ ކުރިމަތިލާކަށް.. އޭނަ އަހަރެންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ.." އައިކާ ބުނަމުންދިޔައެވެ.

"އައިކާ! ތިހެން ނުބުނޭ.. އައިކާއަށް މާޒްއާ ކުރިމަތިލެވޭނެ.. އައިކާއަކީ ހިތްވަރުގަދަ ކުއްޖެއް.. އެކަން އައިކާ ވަނީ މިވީ ދެމަހެއްހާ ދުވަސްތެރޭ ސާބިތުވެސް ކޮށްދީފައި.. ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ކިހާ ބޮޑު ވޭނެއްކަން އައިކާ ވަނީ ތަޖުރިބާކޮށްފައި.." ޔޫޝައު އައިކާއަށް ހިތްވަރުދިނެވެ.

ހަފްތާއެއް ފަހުން ނާޒިމްއާއި ސަނާ އައިކާއާއި ދެކުދިން ގޮވައިގެން ރަށަށް ދިޔައެވެ. ރަށަށް ދެވުމުންވެސް އައިކާ މާޒްއަކަށް ނުގުޅިއެވެ. މާޒްއާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ގޮތުން ލަދުންނެވެ. މާޒް ބުނިތަން މިއޮތީ އައިސްފައެވެ. ހަޤީޤަތް އެނގުމުން މާޒްގެ ކުރިމައްޗަށް އަރަން އައިކާ ލަދުގަންނާނެކަމަށް މާޒް ވަނީ ބުނެފައެވެ. އޭނާއާ ދިމާއަށް ގޮވި އެއްޗެހީގެ ސަބަބުން އެކަމާ ހިތާމަކުރާނެކަމަށްވެސް މާޒް ބުނެފައިވެއެވެ. ކަންތައް ވީވެސް އެހެންނެވެ. ހަޤީޤަތް އެނގުނު ފަހުން އައިކާއަށް ހިތްހަމަޖެހިގެނެއް ނުހުރެވެއެވެ. ހަމަ ބުއްދިން މާޒްއާ ދޭތެރޭ އޭނާއަށް ވިސްނާލެވުނީ އަދި ކިރިޔާއެވެ. ވާނެ އެއްޗެއް ވީފަހުންނެވެ. މާޒްގެ މާފު ނުލިބޭނެހާ ވަރަށް މާޒްގެ ހިތުގައި ޖައްސާ ހެދުނު ފަހުންނެވެ. އޭނާ އެކަމާ ހިތާމަކޮށް ކަރުނަ ނުއޮހޮރާ ދުވަހެއް ނުދެއެވެ.

އައިކާއަށް މިހާރަކަށް އައިސް މާޒްއާ ދޭތެރޭ ވިސްނެނީވެސް މާވަރަކަށެވެ. މާޒްއާ ދޭތެރޭ އޭނާ ދެކެމުން އައި ގޮތް ބަދަލުވަމުން އަންނަކަން އޭނާއަށް ޤަބޫލުކުރެވެއެވެ. މާޒް ދުށުމަށް ހިތް އެދެނީއެވެ. ވާހަކަ ދައްކާލާ ހިތްވަނީއެވެ. އެކުގައި ވަގުތު ހޭދަކުރާ ހިތްވަނީއެވެ. ނުފެނުމުން ހިތް ނުތަނަވަސްވަނީއެވެ. މިއީ ކުރިންވެސް އޭނާއަށް ކުރެވުނު އިހުސާސްތަކެކެވެ. ނަމަވެސް ކުރިން އެ އިހުސާސްތައް ކުރެވުނީ މާޒްއަށްޓަކައެއް ނޫނެވެ.

"އަހަރެން ކިހިނެއް ހަދާނީ މާޒް ކައިރިން މާފަށް އެދެން؟ މާޒް ގާތު އެވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނުވިސްނޭ.. މާޒްއާ ދިމާއަށް އަހަރެން ގޮވުނު އެއްޗެހީގެ ސަބަބުން އޭނަ އަހަރެންނަށް މާފުކުރާނެބާ؟ އޭނަ އަހަރެންނަށް މާފް ނުކޮށްފިއްޔާ އަހަރެން ހަދާނީވެސް ކިހިނެއް؟ އަހަރެންނަށް މިހާރު މާޒްއާނުލާ އުޅެން ވަރަށް އުނދަގޫ.. އަހަރެންނަށް މާޒްދެކެ ލޯބިވެވިއްޖެ.. އަހަރެންނަށް އެކަން މިހާރު ޤަބޫލުކުރެވިއްޖެ.. ކޮންމެ ދުވަހަކު މާޒް ފެންނައިރުވެސް އަހަރެންގެ ހިތް އަބަދުވެސް އެދެނީ އޭނަ ފެންނަ ހިސާބުގައި ހުންނަން.. އޭނަ ފެނުނީމަ އެވާ ގޮތްތަކެއްވެސް ނޭނގެ ބުނާކަށް.. ހިތްއަވަސްވެ އަތްފައި ފިނިވެ.. ދެން ނޭނގެ.." އައިކާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

"ހިތްވަރުކޮށްލާފަ މާޒްއަށް ގުޅަންވީ ކަންނޭނގެ.." އައިކާގެ ހިތަށްއެރިއެވެ.

"މާތް ﷲ މިއަޅާއަށް ހިތްވަރު ދެއްވާނދޭވެ.. އާމީން!" މަޑުމަޑުން ދުޢާކޮށްލުމަށްފަހު އައިކާ ފޯނު ނެގިއެވެ. އަދި އޭނާ ބްލޮކް ކޮށްލާފައިވާ މާޒްގެ ނަންބަރު އަންބްލޮކް ކޮށްލިއެވެ. ވަރަށް ނުކެރި ހުރެފައި އޭނާ އެ ނަންބަރަށް ގުޅާލިއެވެ.

މާޒް އޮތީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ވިސްނުންތައް ގުޅިފައިވަނީ އައިކާއާއެވެ. އެނޫންކަމެއް އޭނާގެ ޙަޔާތުގައި ނުވާފަދައެވެ. އެކަން އައިކާއަށް ވިސްނޭނެނަމައޭ އޭނާގެ ހިތަށްއެރިއެވެ. ފޯނު ރިންގުވާ އަޑަށް ސިހިފައި މާޒް ފޯނަށް ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ އައިކާގެ ނަން ފެނުމުން އޭނާއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއް ނޫންބާވައޭ އޭނާގެ ހިތަށްއެރިއެވެ. ހައިރާންވެފައި އިނދެ މާޒް ފޯނު ނެގިއެވެ.

"ހެލޯ!"

"ހެލޯ! މާޒް!" ޖެހިލުވެފައި ހުރެ އައިކާ ގޮވާލިއެވެ.

"އާނ.. ކީކޭ؟" މާޒްގެ އަޑުގައިވާ ބީރައްޓެހިކަން އައިކާއަށް ފާހަގަކުރެވުނެވެ.

"މިގެއަށް އައިސްދެވިދާނެތަ؟ މިހާރު.." އައިކާ ބުނެލިއެވެ.

"ކިހިނެއްވީ؟ މާބޮޑު ކަމެއް އޮތީތަ؟" މާޒް ކަންބޮޑުވެފައި އަހާލިއެވެ.

"ހޫމް.. ކުޑަކަމެއް ނޫން.."

"އާނ.. އެބަ ދަން އިރުކޮޅަކުން.." މާޒް ބުނެލިއެވެ.

ކުޑައިރުކޮޅެއްވީއިރު މާޒް ހުރީ އައިކާމެން ގޭގައެވެ.

"އިކާ! ކިހިނެއްވީ؟" ގޭތެރެއަށް ވަންނަމުން ސިޓިންރޫމުގައި އިން އައިކާ ގާތު މާޒް އަހާލިއެވެ.

"މާޒް! އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.. އެކަމަކު އަހަރެންނަކަށް ނޭނގެ މިވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް.. އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އެކަން އަހަރެން ޤަބޫލުކުރަން.. އަދި އެކަމާ ވަރަށް ދެރަވެސްވޭ.." އައިކާ ސޯފާގައި އިނދެފައި ކޮޅަށް ތެދުވިއެވެ. އަދި މާޒްގެ ފުރަގަހަށްވާ ގޮތަށް ހުއްޓުނެވެ. މާޒްގެ މޫނަށް ބަލަން ހުރެ އޭނާއަށް އެވާހަކަ ދައްކަން ފަސޭހަ ނުވާތީއެވެ.

"މާޒް! ވަރަށް ލަދުގަނޭ މިވާހަކަ ބުނަންވެސް.. އެކަމަކުވެސް މިހާރު އަހަރެންނަށް ހަމަޖެހުމެއް ނުލިބޭތާ ދެމަސް ވެދާނެ.. ހަޤީޤަތް އެނގުމުންވެސް މާޒްއާ ކުރިމަތިލާން ނުކެރިފަ އަހަރެން މިހުންނަނީ.." އައިކާ ދެއަތް ދެއަތާ މޮޑެމުން ބުނެލިއެވެ.

"އަހަރެންގެ ދިރިއުޅުން ހަލާކުވުމުގައި މާޒްގެ އެއްވެސް ކުށެއްނެތް.. އަހަރެންނަށް އެކަން އެނގިއްޖެ.. އެ ހުރިހާ ކަމަކީވެސް އަހަރެމެން ދެމީހުންނާ ދުޝްމަންކަން ބާއްވައިގެން އުޅޭ މީހަކު އަހަރެމެން ދެމީހުން ދޭތެރެ ޖައްސަންވެގެން އަހަރެންނަށް ދެއްކި މަންޒަރުތަކެއް.. ބޮޑު އޮޅުވާލުމެއް.." އައިކާ އަދިވެސް ހުރީ މާޒްއާ ދިމާއަށް އެނބުރެން ނުކެރިފައެވެ.

"އިކާ ތިކިޔަނީ ކީކޭ؟" އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލަމުން މާޒް އަހާލިއެވެ.

"އާނ މާޒް.. އަހަރެން މި ކިޔަނީ ހަމަ ރަނގަޅު އެއްޗެއް.. މި ހުރިހާ ކަމެއްގެ އަޑީގައި ހުރީ ނާޒް.."

"ކީކޭ!؟ ނާޒްއޭ!؟ ކީއްވެ؟" ހައިރާންކަމާއެކު މާޒްއަށް އަހާލެވުނެވެ.

"އަހަރެމެން ކިބައިން ބަދަލު ހިފަންވެގެން.. މާޒް އޭނައާ ނުގުޅުނީމަ.. އަހަރެން މާޒްއާ ގުޅިދާނެތީ.."

"މާޒް! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް މާޒްއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.." އައިކާ ކުއްލިއަކަށް މާޒްގެ ގައިގައި ބައްދާލިއެވެ.

"އަހަރެން އިކާއަށް ހެޔޮހިތުން މާފްކޮށްފިން.. އަހަރެން އިކާދެކެ ވަރަށް ލޯބިވޭ.." މާޒްއަށް އެއްވެސް އިޚްތިޔާރަކާނުލާ އޭނާ އައިކާދެކެ ލޯބިވާ ވާހަކަ ބުނެވިއްޖެއެވެ.

"މާޒް! އަހަރެންނާ އިންނާނަންތަ؟" އައިކާ އެހެން އަހާލުމުން މާޒްއަށް ކުއްލިއަކަށް އައިކާއާ ދުރަށް ޖެހިލެވުނެވެ.

"އިކާ! އަހަރެންނާ ތިކަހަލަ ސަމާސާ ނުކުރޭ.. އަހަރެންގެ ހިތް ކުދިކުދިވެދާނެ.."

"މާޒް! މީ ސަމާސާއެއް ނޫން.. މީ ހަޤީޤަތެއް.. އަހަރެން މާޒްއާ އިންނަން ބޭނުން.. އަހަރެންނަށް މާޒްދެކެ ލޯބިވެވިއްޖެ.." އައިކާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.

"ހަމަ އަސްލުތަ؟ ސަމާސާއެއް ނޫންތަ؟" މާޒް ޔަޤީންކުރަން ބޭނުންވިއެވެ.

"އާނ.. މީ ހަމަ ހަޤީޤަތެއް.." އައިކާ ޔަޤީންކަން ދިނެވެ.

"އަހަރެން މިއަދު ވަރަށް އުފާވެއްޖެ.." މާޒް ވަރަށް ލޯބިން އައިކާ ގައިގައި ބައްދާލިއެވެ. އަދި މަޑުމަޑުން އައިކާގެ އިސްއުފުލާ އެމޫނަށް ރީތިކޮށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ދެމީހުންނަށް މަޑުމަޑުން ގާތްވެވެމުން ދިޔައެވެ. މާޒްގެ ތުންފަތް އައިކާގެ ތުންފަތާއި ޖޯޑުވި ވަގުތު އައިކާއަށް ދެލޯ މަރާލެވުނެވެ. އެވަގުތު ބޭރުން އައިސް ގޭތެރެއަށް ވަތް ނާޒިމްއާއި ސަނާ ކަރުކެހިލި އަޑަށް ދެމީހުންނަށް ސިހިފައި ދުރަށް ޖެހެވުނެވެ.

"ތީ ކޮންކަމެއް؟" ނާޒިމް ރުޅިވެރިކަން ދައްކަމުން ބުނެލި ނަމަވެސް ދެންމެ ފެނުނު މަންޒަރުން އޭނާގެ ހިތުގައި ވަނީ އުއްމީދުގެ ހުޅުކޮޅެއް ރޯވެފައެވެ. ނާޒިމްމެންނަށް އެމަންޒަރު ފެނުނުކަން އެނގުމުން ދެމީހުން ވަރަށް ލަދުގަތެވެ. އިސާހިތަކު އައިކާގެ މޫނުމައްޗަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވިއެވެ.

"ބޭބޭ! އަހަރެން އައިކާއާ އިންނަން ބޭނުން.." މާޒް މަޑުމައިތިރިކަމާއެކު ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ލަދުވެތިކަމެވެ. ނާޒިމްއާއި ސަނާގެ މޫނުމަތިން ފެނިގެން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަފަދަ އުފާވެރިކަމެކެވެ.

"މަންމަ މިއަދު ވަރަށް އުފާވެއްޖެ.. ދަރިފުޅަށް މިއަދު އިހުސާސްކުރެވިއްޖެ ދޯ މާޒް ދަރިފުޅުދެކެ ލޯބިވާވަރު.." ސަނާ އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

**********

އައްޒާމްއަށް ހަޤީޤަތް އެނގުނު ރެއިން ފެށިގެން ނާޒް އުޅުނީ އައްޒާމްއަށް ފިލައިގެންނެވެ. ނަންބަރުވެސް ބަދަލުކޮށް ގެއިން ނުކުތުން އެއްކޮށްހެން ހުއްޓާލިއެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަކަށް ނުދެއެވެ. އިއްތިފާޤަކުންވެސް އައްޒާމްއާ ދިމާނުވޭތޯ އޭނާ ހުންނަނީ އަބަދު ދުޢާކޮށްލަކޮށްލައެވެ. އައްޒާމްގެ ފަރާތުން އެރޭ ވަނީ އޭނާއަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ. އޭނާގެ ހިތުން ނުފިލާވަރުގެ ގޮތެއް އޭނާ ހަދާނެކަމުގެ އިންޒާރެވެ. އެހެންކަމުން ފަހަރެއްގައި ބޭރަށް ނުކުމެލިނަމަވެސް އޭނާ ހުންނަނީ ބިރުން ސިހިސިހިއެވެ.

މަސްދުވަސް ފަހުން އައްޒާމްއަށް ނާޒް ފެނުނީ މަޖީދީ މަގުގައި ހުންނަ އަންނައުނު ވިއްކާ ފިހާރައަކުން ނުކުންނަނިކޮށެވެ. ނާޒްއަށް އައްޒާމް ފެނުނީ އޭނާއާއި ފުދޭވަރަކަށް ކައިރިއަށް އައިފަހުންނެވެ. ފެނުމާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއޮއް ފިނި ދުވަހުވެސް އޭނާ ދާހިއްލާ ފޯވެއްޖެއެވެ. އައްޒާމް އޭނާއާއި ގާތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް ލިބެމުން ދިޔައީ އިންޒާރެކެވެ. އޭނާ ބަލާކަށް ނުހުރެ ހުރިގޮތަށް މަގު ހުރަސްކުރަން ހިނގައިގަތެވެ. ހާސްވެ ބިރުގެންފައި ހުރުމުގެ ސަބަބުން އެއްވެސް ކަމެއް އޭނާއަށް ވިސްނައެއްނުލެވުނެވެ. މަގުގެ މެދެއްހާ ހިސާބަށް ދެވުނުތަނާ ބާރު ދުވެލީގައި އައި ލޮރީއެއްގައި ޖެހި އޭގެ ދަށުވީއެވެ. މާ ބާރަށް ނައިނަމަވެސް ކުއްލިއަކަށް އެހާ ކައިރިން މީހަކު ފެނުމުން ޑްރައިވަރަށް ލޮރީގެ ބުރަކި ނުޖެއްސުނީއެވެ. އިސާހިތަކު ލޭގެ ކޯރެއް ހެދި އެހިސާބަށް މީހުން އެއްވާން ފަށައިފިއެވެ.

އެންބިއުލާންސްގައި ނާޒް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާގެ ފުރާނައެއް ނެތެވެ. އައްޒާމްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އޭނާ ނާޒްއާ ދިމާއަށް އައީ އެއްގޮތަކަށްވެސް ނާޒްއަށް ގެއްލުމެއް ދޭކަށް ނޫނެވެ. ނަމަވެސް އެރޭ ރުޅިއައިސްފައި ހުރިވަރުން އޭނާއަށް ބުނެވުނު އެއްޗެއްގެ ސަބަބުން ނާޒް މާބޮޑަށް ބިރުގަތީއެވެ. ނާޒްގެ މަރުގެ ޚަބަރު ލިބުމާއެކު އޭނާގެ މަންމަ ދުނިޔޭން މޮޔަވީއެވެ. އޭނާގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވީއެވެ.

**********

"ލަމް! އެނގޭތަ؟ މާޒްއާ އައިކާ އުޅެނީ އިންނަންވެގެން.. އަންނަ މަހު.." ޔޫޝައު އެހެން ބުނެލުމުން ލަމްހާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އައިކާ ވަނީ ލަމްހާ ގާތުގައިވެސް މާޒްއާ ދިމާއަށް އެހާވަރަށް އެއްޗެހި ގޮވާފައި ވިއްޔާއެވެ. ވީއިރު ކުއްލިއަކަށް އެދެމީހުން ކައިވެނިކުރާ ވާހަކަ ބުނުމުން ހައިރާންވާނެ ނޫންހެއްޔެވެ؟

"އަސްލުވެސްތަ؟ އެކަމް ހާދަ ހީނުވެޔޭ.. އައިކާ މާޒްދެކެ ވަރަށް ރުޅިއަންނަކަމަށް އަހަރެން ގާތު އައިކާ ބުނީ.." ލަމްހާއަށް ޤަބޫލު ނުކުރެވިގެން ބުނެލިއެވެ.

"އޭނައަށް ހަޤީޤަތް އެނގުނީމަ އެ ރުޅިވެރިކަން ފިލާ ދިޔައީ ކަންނޭނގެއެއްނު.." ޔޫޝައު އޭނާގެ ހިތުގެ އުދާސްތައް ފޮރުވަމުން ބުނެލިއެވެ.

"ވެދާނެ ތިހެންކަމަށް.. އަޅާނުލާ ދެން.. އަހަރެން މިހުރީނު.. އައިކާއަށްވެސް މާޒްއާއެކީ އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ ކިހާ ރަނގަޅު.. އޭރުން އެ ދެކުދިންވެސް ބޮޑެތިވާނީ މައިންބަފައިންގެ ލޯބި ފުރިހަމައަށް ލިބިގެން ރަނގަޅު ކުދިންތަކެއްގެ ގޮތުގައި.." ލަމްހާ އެހެން ބުނެލުމުން ޔޫޝައުވެސް ބޯޖަހާލިއެވެ.

**********

އެއްމަސް ފަހެވެ. މާޒްއާއި އައިކާގެ އާއިލާއިން ތައްޔާރުވަމުން ދަނީ އެދެމީހުންގެ ކައިވެންޏަށެވެ. ދެމީހުންވެސް މާބޮޑު ހަފްލާއެއް ބާއްވަން ބޭނުން ނުވިނަމަވެސް އާއިލާ މީހުންނާ ރައްޓެހިންނަށް ކެއުމެއް ދިނުމަށް ތައްޔާރުވަމުން ދިޔައެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން އެކަކަކީ ލިހާމްއެވެ. އެއްއިރެއްގައި މާޒްއާ އެންމެ ދުޝްމަންވެގެން އުޅުނު މީހާއެވެ. އޭނާގެ އަންހެނުން މާޝާ ވިހަން ގާތްވެފައި އިންދާ ބަނޑުން ލޭ ފައިބައިގަނެގެން ލޭ އަޅަން ޖެހުނު ހިނދު މާޒް އޭނާއަށް ލޭ ދިނުމަށްފަހު، ލިހާމް މާޒް ކިބައިން މާފަށްއެދި އެކުވެރިވީއެވެ. އޭގެ ފަހުން އޭނާ މާޒްއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދެއެވެ.

ލީންއާއި ޒިޔާންވެސް އެކަމުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. ލީން ބަލިވެ އިނދެ އެހާ ގިނަ ދުވަސް ނުވާތީ ސަނާމެން އޭނާ ބުރަކޮށް މަސައްކަތް ކުރިޔަކަ ނުދިނެވެ. އޭނާއަށް ޖެހުނީ އިށީނދެލައިގެން އިނދެ ކޮށްލެވޭ ކަހަލަ ކުދިކުދި ކަންކަން ކޮށްލާށެވެ. މާބަނޑުވުމުގެ ސަބަބުން ގިނަ އަންހެނުންނަށް ދިމާވާ ގަދަ ވަސްތަކަށް ބޯއަނބުރާ މޭނުބައިކުރުންފަދަ އުނދަގޫތައް އޭނާއަށް ދިމާނުވުމަކީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އެންމެ ދެކެން ބޭނުންވި ދުވަސްތަކުގެ ތެރެއިން އެއްދުވަސް އައިއިރު އޭނާއަށް އެކަމުގައި ކުޑަކޮށްވެސް ބައިވެރި ނުވެވުނީހެވެ.

އެރޭގެ ނުވައެއް ޖެހިއިރު މާޒްއާއި އައިކާ ތިބީ ގޭގެ ސިޓިންރޫމުގައި ކައިވެންޏަށް ތައްޔާރުކޮށްފައިވާ މޭޒު ކައިރީގައެވެ. ހެކިވެރިންނާއި ގާޒީގެ އިތުރުން ދެފަރާތުގެ އާއިލާ ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމެވެ. މާޒް އިނީ ހިތް އަވަސްވެފައެވެ. އަލަތު ކައިވެނި ނޫންނަމަވެސް އައިކާވެސް އިނީ ހަމަ އެފަދަ ހާލެއްގައެވެ. މާބޮޑު ގޮތްތަކެއް ހަދާފައި ނެތްނަމަވެސް ކަޅާއި ރަތުން ފަރުމާކޮށްފައިވާ ސާދާ ހެދުމުގައި އައިކާ ފެންނަނީ ޕަރީއެއް ފަދައިންނެވެ. މާޒްވެސް ކަޅުކުލައިގެ އަތްދިގު ގަމީހާއި ކަޅު ފަޓުލޫނުގައި އިންއިރު އައިކާއަކަށް ދުލެއް ނުކުރެއެވެ.

"އަނބި ޤަބޫލުކޮށްފިން.." މާޒްގެ ދުލުން އެބަސްތައް ބޭރުވުމާއެކު އައިކާއަށް ދެލޯ މަރާލެވުނެވެ. ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އެދެމީހުންނާއި އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. އެންމެ ބޮޑު އުފާވެރިކަމެއް ހިއްސާކުރަމުން ދަނީ ދެމީހުންގެ މައިންބަފައިންނެވެ. ރަނގަޅު ދެއާއިލާ އެކުވުމުންނެވެ.

ކައިވެނިކޮށް ނިމުމުން ދެމީހުންނަށް މަރުޙަބާއާއި ތަހުނިޔާގެ ބަސްތައް ކެނޑިނޭޅި އިވެމުންދިޔައެވެ. ބާއްޖަވެރި މުސްތަޤުބަލަކަށް އެންމެންވެސް އެދެމުން ދިޔައެވެ. ވަލީމާގެ ކަންތައް ނިމުމާއެކު މާޒް އައިކާ ގޮވައިގެން އެރެއަށް އެމީހުންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރެއަށް އެކޮޓަރި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. މާޒް ކޮޓަރީގެ ދޮރު ތަޅުލުމުން އައިކާގެ މެޔަށް ފިނިވިއެވެ. މިއީ އާ ކައިވެނީގެ ރޭވެސް އޭނާއަށް ކުރެވުނު އިހުސާސެކެވެ. މާޒް އައިކާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ.

"އަހަރެން މިރޭ ވަރަށް އުފާވެއްޖެ.. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން މިރޭ މިއައީ.. އައި ލަވް ޔޫ.." މާޒް އައިކާ އޭނާއާ ދިމާއަށް އަނބުރާލަމުން ބުނެލިއެވެ.

"އަހަރެންވެސް މިރޭ ވަރަށް އުފާވެއްޖެ.. މާޒް ކަހަލަ ރަނގަޅު މީހަކު ލިބުނީމަ.. އައި ލަވް ޔޫ ޓޫ.." އައިކާ މާޒްގެ މޭތެރޭ ބޮނޑިވެލިއެވެ. މާޒް އައިކާ ދުރުކޮށްލަމުން އައިކާ އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އައިކާ މާޒްގެ ކަރުގައި އަތް ވަށާލުމާއެކު ދެމީހުންގެ ތުންފަތް ޖޯޑުކޮށްލިއެވެ.

(ނިމުނީ)