ލަންކާ ބޮޑު ވަޒީރު މަހިންދަ ރާޖާޕަކްސަ، ޕާލަމެންޓަށް ހުކުރު ދުވަހު ހުށަހަޅުއްވާފައިވާ ގަރާރުގެ މަގްސަދަކީ، އާއިލާ މެންބަރުންނާއި ގާތް މީހުންގެ ކޮޕަރްޝަންގެ މައްސަލައް ހުއްޓުވައި އެމައްސަލަތައް ބަލާ ގާޒީންނާއި ތަހުގީގު ކުރި މީހުންނަށް އަދަބު ދިނުން ކަމަށް އިދިކޮޅު ޖޭވީޕީގެ ލީޑަރު އަރޫނާ ކުމާރާ ޑިސަނާޔަކަ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ބަންޑާރަ ނާއިބްގެ އޮފީހަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްގެން އެކަން ކާމިޔާބު ނުވުމުން ޕާލަމެންޓަށް ގަރާރެއް ފާސްކުރުމަށް ވެއްދެވީ ކަމަށެވެ.
މިގަރާރު ފާސްކޮށް އަމަލު ކޮށްފިނަމަ، ބަރީއަވަގެންދާނެ މަޢްލޫމާތު ދެއްވަމުން ޑިސަނާޔަކަ ވިދާޅުވީ، މިހާރު ޝަރީއަތުގެ މަރުހަލާގައި އޮތް ކުރީގެ ކަނޑުގެ ސިފައިންގެ ވެރިޔާ ވަސަންތާ ކަރަންނަގޯޑާއާއި މަތީފެނވަރުގެ ނޭވީ އޮފިސަރުން ބަރީއަ ވެގެންދާނެ ކަމަށެވެ. މި ފަރާތްތަކަކީ، 2008 އާއި 2009 ގައި ތަމަޅަ 11 ޒުވާނަކު ވަގަށް ނަގައިގެން އަނިޔާކުރުމުގެ ކުށުގައި ޝަރީއަތް ކުރެވެމުންދާ ބަޔެކެވެ. އަދި ހަތިޔާރު ގުދަންކޮށްގެން ގެންގުޅުކަމުގެ ކުށުގައި ދައުވާ ކުރެވޭ ދިވެހިންގެ ބަޔަކާ ގުޅުން ހުރިކަމަށް ތަހުގީގުގައި ބުނެފައިވާ، ކުރީގެ އެވޮން ގަރޑްގެ ވެރިޔާ އުދާޔާ ގައްމަންޕިލާ ވެސް ހިމެނޭއެވެ.
މި ފަރާތްތަކުގެ އިތުރުން މަނީ ލޯންޑަރިންގގެ މައްސަލާގައި ޝަރީއަތުގައި މައްސަލަ އޮތް ރާޖާޕަކްސަ އާއިލާގެ ބެސިލް ރާޖަޕަކްސަވެސް ކޯޓުން ބޭރުވެގެން ދާނެއެވެ. އަދި މީގެ އިތުރުން ރަޝިޔާއަށް ކުރިން އައްޔަން ކޮށްފައިވާ ބޮޑު ވަޒީރު ރާޖާޕަކްސަގެ ދެބޭންގެ ދެދަރި އުޑުވާންގާ ވޫރަތުންގަ އާއި މަނީ ލޯންޑަރިންގެ މައްސަލާގައި ޝަރީއަތުގައި މައްސަލަ އޮތް އެމެރިކާއަށް ކުރިން އައްޔަން ކޮށްފައިވާ އެމްބެސެޑަރ، ރާޖާޕަކްސަގެ ދެބޭންގެ ދެދަރި ޖާލިޔާ ވިކްރަމަސޫރިޔާއާއި މަނީ ލޯންޑަރިންގ ގެ މައްސަލާގައި ތުހުމަތު ކުރެވިފައިވާ މިހާރުގެ ބޮޑު ވަޒީރު ރާޖަޕަކްސަގެ ޗީފް އޮފް ސްޓާފް، އޭނާގެ ދަރިފުޅު ޔޯޝިތާ ރާޖަޕަކްސައާއި ނޫސް އެޑިޓަރ ލަސަންތާ ވިކްރަމަތުންގަ މަރާލުމުގައި ބައިވެރިވާ މީހުންނާއި ނޫސްވެރިޔާ ކީތު ނޯޔާރު މަރާލުމުގައި ބައިވެރިވާ މީހުންވެސް ސަލާމަތް ވެގެންދާނެއެވެ.
ޑިސަނާޔަކަ ވިދާޅުވިގޮތުގައި މި ގަރާރު ފާސްވުމުން ގާޒީންނާއި މި މައްސަލާގައި ދައުވާ ކުރި ވަކީލުންނާއި ތަހުގީގު ކުރި ސީއައިޑީ އޮފިސަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ފުރުސަތު ލިބިގެންދާނެއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނަސް ޕާލަމެންޓްގެ ތިން ބައިކުޅަ ދެބައި ދިން 6.9 މިލިއަން މީހުން މި ސަރުކާރަށް ވޯޓުލީ ކުށްވެރިންނާއި އާއިލީ މީހުންނާއި ގާތްތިމާގެ މީހުން ކުށުން ބަރީއަކުރާކަށެއް ނޫނެވެ.