ސެޕްޓެމްބަރުގައި ވާވޭއިން ބުނީ ގޫގަލްގެ އެންޑްރޮއިޑް ސޮފްޓްވެއަރ އިން 2021ން ފެށިގެން ފެއަށް ދާނެ ކަމަށެވެ. އެކަން މިހާރު ދަނީ ހަގީގަތަކަށް ވަމުންނެވެ.
ވާވޭގެ އޯއެސްއަކީ، ހަރމޮނީއެވެ. ޗައިނާ ބަހުން އެއީ ހޮންގމެންގއެވެ.
ވާވޭއިން މި އޯއެސް އުފެއްދުމުގެ މަސައްކަތް ފެށީ 2012ގައެވެ. އެމެރިކާއިން ވާވޭއަށް ދަތިކުރަން ފެށުމާއެކު މި ކުންފުނިން މިމަސައްކަތް ބާރަށް ކުރިއަށް ޖެހީއެވެ.
އެމެރިކާއިން މޭ މަހު ވާވޭއާ ދެކޮޅަށް ދަތިކުރުމުން އެކުންފުންޏަށް ގޫގްލްގެ އެޕްތަކާއި ޚިދުމަތްތައް ލިބޭ ގޮތެއް ނުވިއެވެ.
ތިން މަސްފަހުން ވާވޭއިން ވަނީ ހަރމޮނީ ހާމަކޮށްފައެވެ.
ގޫގްލްއާއި އެޕަލްގެ އޯއެސްއަކީ ތަފާތު އިލެކްޓްރޯނިކް ޑިވައިސްތަކަށް ތަފާތުކޮށް ބޭނުން ކުރެވޭ ތަކެއްޗެވެ. ނަމަވެސް ހަރމޮނީއަކީ ކޮންމެ ކަހަލަ އިލެކްޓްރޯނިކް ޑިވައިސްއަކަށްވިއަސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ހަރމޮނީ، ޕީސީއާއި ސްމާޓް އިލެކްޓްރޯނިކް އުފެއްދުންތަކުގައި ބޭނުން ކުރުމަށް ދޫކޮށް ލުމަށް ހަމަޖެހިފައި ވަނީ 2020ގައެވެ. ސްޕީކަރުތަކާއި އިޔަރ ފޯންތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2021 ގައެވެ.
ހަރމޮނީގައި އެންޑްރޮއިޑަށް ހަދާފައިވާ އެޕްތައް ބޭނުން ކުރެވޭނެއެވެ.
އެންޑްރޮއިޑާއި ހަރމޮނީއާ ދެމެދުގެ ތަފާތަކީ އެހެން އެއްވެސް އޯއެސްއާ ތަފާތުވާފަދައިން ކޮންމެ އާލާތަކާ އޭގެ ހާރޑްވެއަރއާ ދެމެދު ގުޅުވައިދޭ ކަރނެލްއެވެ. މިއީކޮންމެ އޯއެސްއެއްގެ ވެސް އަސާސީ ބައެވެ.
ހަރމޮނީގައި ބޭނުންކުރާ ކަރނެލް ތަފާތެވެ. ހަރމޮނީގައި ސިސްޓަމާ ގުޅުމުގެ މައި ދައުރު އަދާކުރާނީ ކާރނެލްއިން ބޭރުގައި ހުންނަ އެހެން ބައިތަކުންނެވެ. ކާނަލްއިން ކުޅޭނީ ކުޑަ ދައުރެކެވެ. މާނައަކީ މިއީ ހުރިހައި އެއްޗަކަށް ހެޔޮވަރު ކޮށް ބޭނުން ގޮތަކަށް އަމިއްލައަށް ހެޔޮވަރު ވެގަންނަ ކާރނެލްއެކެވެ.
ވާވޭ ނޫނަސް އެހެން ކުންފުނިތަކުން ވަނީ އަމިއްލަ އޯއެސް އުފެއްދުމަށް ބޮޑެތި އދަދުން ހޭދަކޮށް ބޮޑެތި މަސައްކަތް ކޮށްފައެވެ. ވިންޑޯޒްއަށް މިކަން ކަމިޔާބު ނުވެގެން 2017ގައި އެމީހުން ވަނީ މިކަމުން ދުރަށް ޖެހިފައެވެ.
ސެމްސަންއިންވެސް އޯއެސްއަށް މަސައްކަތް ކުރިއެވެ. ނާކމިޔާބީއާ ކުރިމަތިވީއެވެ.
އެހެން ވީއިރު ވާވޭއަށް ކާމިޔާބު ވާނީ ކިހިނެއް ހެއްޔެވެ؟
އެކުންފުނިން ދޭ މަޢްލޫމާތަށް ބަލާއިރު އެމީހުން މަސައްކަތް ކުރަނީ އެޕްތަކުގެ ދުނިޔޭގައި ކޮންމެ އެޕަކަށްވެސް ހަރމޮނީއާއެކު އުޅެލެވޭ ގޮތަށް ހަރމޮނީ ޑީޒައިންކޮށްފައި ބާއްވަށެވެ.
ވާވޭއަށް މިކަމުގައި ކާމިޔާބު ވާނީ އެކުންފުނިން 10 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ "އަރކް ކޮމްޕައިލަރ" އިންނެވެ. އަރކް ކޮމްޕައިލަރ ބޭނުންކޮށްގެން މަސައްކަތް ނުކުރާން އުޅޭ އެޕްތައްވެސް ހަރމޮނީއަށް ބައްޓަން ކުރުވިދާނެ ކަމަށް ވާވޭއިން ބުނެއެވެ.
ސްޓެޓިސްޓިކާ ބުނާ ގޮތުން ދުނިޔޭގެ 99 އިންސައްތަ އާލާތްތައް ކޮންޓްރޯލް ކުރާ އޯއެސް ތަކަކީ އެންޑްރޮއިޑާއި އެޕަލް އޯއެސް އެވެ.