ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ އިންތިޚާބުގެ ފޯކަސް ގެއްލުވާލަން ކަމަށް ޖުމްހޫރީޕާޓީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ސަޢުދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވިޔަސް އެކަން ނިންމަވާނީ ރައްޔިތުން ކަމަށެވެ. ބަރުލަމާނީ ވެރިކަމުގެ ނިޒާމަކަށް ބަދަލު ކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވިޔަސް ރައްޔިތުންގެ މިހާރުގެ ނިންމުން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ސަޢުދު މިހެން ވިދާޅުވީ ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް މެސެޖެއް ކުރެއްވުމުންނެވެ.

"ރިޔާސީ ދައުރު ނިމެންދެން ކެތްކޮށްލުން ރަނގަޅު. ރ. ނަޝީދުއަށް ރަނގަޅަށް އެނގިލައްވާނެ ރައްޔިތުން މިހާރުގެ ނިންމުން. ތިކަންތައްވެސް ނިންމާނީ ރައްޔިތުން. ތިޔަ އުޅުއްވަނީ އިންތިޚާބުގެ ފޯކަސް ގެއްލުވާލަން. ރައްޔިތުން މޮޔަހެއްދޭ ޒަމާން މާޒީވެއްޖެ،" ސަޢުދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.