އަސްގާޑިޔަލަކީ ދަތުރުފަތުރުކުރުމަށް ބޭނުންކުރާ އެންމެ ދުވަސްވީ ފުރޮޅުލީ އެއްގަމުގައި ދުއްވާ އެއްޗެވެ. މީގެ 5200 އަހަރު ކުރިން އެންމެ ފުރަތަމަ ފުރޮޅުލައިގެން ދުއްވީވެސް އަސްގާޑިޔާ އެވެ. އަހަކީ އެއްޗެތި އުފުލުމަށް ބޭނުން ކުރެވޭ އަދި އެންމެ ބާރަށް ދުވާ އެފަދަ ޖަނަވާރެވެ. އަސްގާޑިޔާ އަކީ އަހުގައި ބަނދެގެން ދުއްވާ ގާޑިޔާއެކެވެ.

އަސްގާޑިޔާގެ ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. އޭގެ ތެރޭގައި ދެ ފުރޮޅު ލާފައި ބާރަށް ދުއްވާ "ޗެރިއޮޓް" އާއި ހަތަރު ފުރޮޅު ލީ "ކެރިއޭޖް" އާއި ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ ފުރޮޅު ލީ "ކޯޗް" ހިމެނެއެވެ.

އެންމެ ފުރަތަމަ އަސްގާޑިޔާ ބޭނުން ކުރީ ތަކެތި އުފުލާށެވެ. އޭރު އެއްގަމުގައި ދުއްވާ އެހެންއެއްވެސް އުޅަނދެއް އުފައްދާފައި ނެތުމުން، އެ އަސްގީޑިޔާ ވެގެން ދިޔައީ ވަރަށް ބޭނުންތެރި އެއްޗަކަށްށެވެ. އޭގައި ހަރުކޮށްފައި ހުރި ފުރޮޅަކީ ބޮޑު އެއް ލަކުޑިގަނޑެއް ވަށްކޮށް ކީހާފައި، ނާރެސްއެއްގައި އިންދާފައިވާ ވަރަށް ބަރުބޮޑު ފުރޮޅެކެވެ. ގްރީކް އާއި އެސީރިއަން ކުރެހުންތަކުން ދައްކާގޮތުގައި، އަސްގާޑިޔަލަކީ ދަތުރުފަތުރުކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ.

އިހުގެ ފުރޮޅެއް

އެންމެ ފުރަތަމަ އަސްގާޑިޔާތަކަކީ ބާރަށް ދުވާ އުޅަނދެއް ނޫނެވެ. ނަމަވެސް ގަރުނުތައް ފާއިތުވެ، ފުރޮޅު ފަރުމާކުރުން ތަރައްގީވުމުން، ފުރޮޅުތައް ލުއި ވެފައި ވަރުގަދަ ވިއެވެ. އަދި ގާޑިއާ ދުއްވޭ ވަރަށް މަގުތައް ފުޅާވިއެވެ. އެއާއެކު އަސްގާޑިޔާތަކުގެ ދުވެލި ވެސް ހަލުވިވެ، އަސްކަރީ ކަންކަމަށް ބޭނުންކުރަން ފެށުނެވެ. ގަދީމީ އީޖިޕްޓް (މިސުރު) ގައި ދެ ފުރޮޅުލީ ކުދި ގާޑިޔާ (ޗެރިއޮޓް) ހަނގުރާމައިގާ ބޭނުން ކުރިކަމަށް އެމީހުންގެ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. އެއީ އެކަކު އަރައިގެން ކޮޅަށް ހުރެ ދުނި ދަނޑިން ހަމަދެމުން، ދުއްވާ ގާޑިޔާއެކެވެ. މިސުރުގެ އިތުރުން ރޯމަން ލަޝްކަރުގައިވެސް އެފަދަ ދެ ފުރޮޅު ލީ ޗެރިއޮޓް ބޭނުންކުރިއެވެ. އަދި ރޯމްގެ މަޝްހޫރު ސްޓޭޑިއަމް ގައި ރޭސް ޖެހުމަށް ވެސް ޗެރިއޮޓް ބޭނުންކުރިއެވެ.

ރޯމްގެ ސަރކަސްގައި ކުޅިވަރަށް ރޭސް ޖެހުމަށް ބޭނުންކުރި ޗެރިއޮޓް

ގަދީމީ ޔޫރަޕުގައި އަސްގާޑިޔާ ވެގެން ދިޔައީ ހިނގާފައި ނުދެވޭ ތަންތަނަށް ދިއުމަށް ބޭނުންކުރެވޭ ހަމައެކަނި ވަސީލަތްކަމުގައެވެ. ވިޔަފާރިވެރިންގެ މުދާ އުފުލުމަށް އޮތް ހަމައެކަނި ގޮތެވެ. ދެ އަސް ގެންގުޅެވޭ ވަރުގެ ތަނަވަސްކަން ތިބި މީހުން، ގާޑިޔަލުގައި ދެ އަސް އެއްކޮށް ބަނދެގެން އިތުރަށް ބަރު މުދާ އުފެލޭގޮތް ހެދިއެވެ. ނަމަވެސް ވިލާތުގެ ޝާހީ މުއްސަނދިން އަސްގާޑިޔާ ހިޔާކޮށްގެން، ކެރިއޭޖް އެއްގެ ތެރޭ ތިބެގެން ދުއްވަން ފެށީ މާފަހުން، 16 ވަނަ ގަރުނުގެ ތެރޭގައެވެ. އަދި އޭގެ ފަހުން އަސްގާޑިޔާތަކުގެ އެންޖިނިއަރިން ތަރައްގީވެ އާ މައުދަންތައް ބޭނުންކޮށްގެން ލުއިކޮށް، ބާރަށް، އޮމާންކޮށް ދުއްވޭގޮތަށް ފަރުމާކުރެވިގެން ދިޔައެވެ.

18ވަނަ ގަރުނުގެ އަސްގާޑިޔާ

ވިލާތުގައި 18 ވަނަ ގަރުނު ތެރޭގައި ކޯޗު ހަދާ މީހުންނާއި، ދަވާދުލާ މީހުންނާއި، ގޮނޑީގައި ގޮދަޑި ހަރުކުރާ މީހުންގެ ހުނަރުތައް އެއްކޮށްލައިގެން، ފަސިންޖަރުންގެ އަރާމާއި ހިތްހަމަޖެހުމަށް އިސްކަންދީގެން ބޮޑެތި އަސްގާޑިޔާތައް ހެދިއެވެ. އެއީ ހަތަރު ފުރޮޅު ލީ ކެރިއޭޖެވެ. އޭގައި ހަތަރު މީހުންނަށް ހަމަޖެހިލައިގެން ތިބެވެއެވެ. ކެރިއޭޖް ގެ އެކިއެކި ބާވަތްތައް އުފައްދާފައިވެއެވެ. ދެ މީހުންނާއި ހަތަރުމީހުނަށް ވުރެ ގިނަ މިހުންނަށް އެރޭ ވަރު ކެރިއޭޖްވެސް އުފެއްދާފައިވެއެވެ. އެގޮތުން، 19 ވަނަ ގަރުނު ނިމެންދެން، ކެރިއޭޖް އަސްގާޑިޔާ ވެފައިވަނީ ވިލާތުގައި ދަތުރުފަތުރު ކުރުމަށް އެންމެ ގިނައިން ބޭނުންކުރި އެއްޗަށެވެ. ނަމަވެސް އެއަށް ފަހު، ރޭލާއި ކާރު އުފެއްދުމުން އަސްގާޑިޔާގެ ބޭނުން ހީނަރުވާން ފެށިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އަސްގާޑިޔާގެ ބޭނުންހިފީ ދާދި އެއްގޮތްތަކެއްގައި ކަމަކު، އެބައެއް ސަގާފީ ސްޓައިލް އޭގެ ފަރުމާގެ ތެރެއަށް ވަދެފައިވެއެވެ. އިނގިރޭސި އަދި ފަރަންސޭސި ވިލާތުގައި ބޭނުންކުރި ކޯޗުތަކުގައި ކޯޗުދުއްވާމީހާ އިންނަނީ ކޯޗުގެ ކުރީކޮޅުގައި އުސްކޮށް ބަހައްޓާފައި ހުންނަ ގޮނޑިއެއްގައެވެ. ނަމަވެސް ސްޕޭނުގައި ކޯޗު ދުއްވާމީހާ އިންނަނީ ކޯޗު ދެމުމަށް ބަނދެފައިވާ އެއް އަހަށް ސަވާރުވެގެންނެވެ. ސައުތު އެފްރިކާގައި ދަނޑުގޮވާން ކުރުމަށް ހަ އަސް ގުޅައިގެން ފަސްގަނޑު ޖެހުމަށް އަސްގާޑިޔާ ބޭނުންކުރިއެވެ.

އިނގިރޭސިވިލާތުގައި ބޭނުންކުރި ކޯޗު އަސްގާޑިޔާ

އެއް ސަހަރުން އަނެއް ސަހަރަށް ކުރާ ދިގު ދަތުރުތައް ކުރުމަށް ބޭނުން ކޮށްފައިވަނީ ސްޓޭޖްކޯޗް އެވެ. އެއީ ހަތަރު އަހުގައި ބަނދެގެން ދުއްވި ކޯޗް އެކެވެ. ފަސިންޖަރުން އުފުލާ ގޮތަށް ޓިކެޓުވިއްކައިގެން ދަތުރުކުރަން ފެށި ފުރަތަމަ އެއްގަމު އުޅަނދަކީ މިއީއެވެ. އޭގެ އެންމެ ފުރަތަމަ ހިޔާލު ފެންނަން އޮތީ 13 ވަނަ ގަރުނުގެ އިނގިރޭސިވިލާތުގެ ލިޔެކިއުންތަކުގައެވެ. ޕޯސްޓު އޮފީހުންވެސް ސިޓީބިޓީ ބެހުމަށް ހިޔާރުކޮށްފައިވަނީ ސްޓޭޖްކޯޗެވެ.

ސްޓޭޖްކޯޗް ދުއްވުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މަގުތަކުގެ ފެންވަރު ދެރަކަމެވެ. ސްޓޭޖްކޯޗް ދުއްވުމަށް މަގުތައް ތައްޔާރުކުރުމުންވެސް އޭގެ ދުވެލި ހަލުވި ކުރެވެނީ ގަޑިއަކު 10 މޭލުބާރުމަނަށެވެ. އެހެންކަމުން، ސަހަރުގެ ތެރޭގައި، ކަނޑައެޅިފައިވާ ވަކި މަގުތަކެއްގައި، ރޭލު ދަގަނޑު އެޅުމަށް ފަހު، އޭގައި ހާއްސަ ފުރޮޅު ތަކެއް ހަރުކޮށްގެން، އަހެއްގައި ބަނދެގެން "ރެއިލް ކާ" އަދި "ހޯސް ޓްރޭމް" ގެ ނަމުގައި ދުއްވަން ފެށިއެވެ.

ރޭލު ދަގަނޑުގައި ދުއްވާ އަސްގާޑިޔާ

އަސްގާޑިޔާގެ މިނޫންވެސް ބާވަތްތައް ދުނިޔޭގައި އެކި ދުވަސްވަރު ގެންގުޅެފައިވެއެވެ. ރެކޯޑުތަކުން ދައްކާގޮތުގައި 300 އަށް ވުރެ ގިނަ ބާވަތުގެ އަސްގާޑިޔާ އެކި އަހަރުތަކުގެ މަތިން ދުނިޔޭގެ އެކި ދިމާލުގައި ދުއްވަން ގެންގުޅެފައިވެއެވެ. އޭގެ ތެރޭގައި "ކެބްރިއޮލޭ"؛ "ރޯޑް ކޯޗް"؛ "ސްޓޭޖްކޯޗް"؛ އަދި "ވެގޮނެޓް" ހިމެނެއެވެ. 1800 ގެ އަހަރު ތަކުގައި، މީހަކު ދުއްވާ އަސްގާޑިޔާ އަކީ އެމީހާގެ ހައިބަތު ދައްކައިދޭ އެއްޗެއްގެ ގޮތުގައި ސިފަކުރެވިފައިވެސް ވިއެވެ.

މިހާރު އަސްގާޑިޔަލަކީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާ ވަސީލަތެއް ނޫނެވެ. ނަމަވެސް އަދިވެސް ވަރަށް ގިނަ ގައުމުތަކުގައި، ހާއްސަކޮށް އޭޝިއާގެ ގައުމުތަކުގައި، ދަތުރުފަތުރު ކުރުމަށް އަސްގާޑިޔާ ބޭނުންކުރެއެވެ. އޭގެ އިތުރުން، ވަރަށް ގިނަ ގައުމުތަކުގައި އެކިއެކި ސަގާފީ ހާއްސަ ހަފުލާތަކުގައި ވަރަށް ބޮޑަށް ޖަރީކޮށް ޒީނަތްތެރިކޮށްފައިވާ އަސްގާޑިޔާ މިހާރުވެސް ބޭނުންކުރަމުންދެއެވެ.