މި އަހަރު ނިމުމުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ލިބޭނެކަމަށް ބެލެވޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ބޯޑުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އެދަނަމް ގެންރިއޭސުސްވަނީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ ވެކްސިނަކަށް މުޅި ދުނިޔެއިން ބޭނުންޖެހިފައިވާކަމަށް ވިދާޅުވެފައެވެ. ވެކްސިނެއް ތައްޔާރުވުމުން މުޅި ދުނިޔެއަށް އެ ވެކްސިން ފޯރުކޮށްދޭނެކަމަށާ މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް އުފެއްދޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ބޯޑުގެ ބައްދަލުވުމުގައި އެ އިދާރާއިންވަނީ ކޯވިޑް-19އާ ދެކޮޅަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުންތަކުގައި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމެނޭގޮތަށް ބައެއް ޤައުމުތަކުންވަނީ ޑަބްލިއުއެޗުއޯއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައިފައެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކަށް ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނެއް ލިބޭނެކަން ޔަޤީންކުރުމަށް ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޯވެކްސް ފެސިލިޓީއިންދަނީ ނުވަ ވެކްސިނެއް ދިރާސާކުރަމުންނެވެ.