އަސްގާޑިޔާގައި ދުތުރުފަތުރުކުރުން ނިމުމަށް އައީ އެ ގާޑިޔާތަކުގައި އިންޖީނުއެޅުމުންނެވެ. އިންޖީނު އަޅައިގެން އެންމެ ފުރަތަމަ ދުއްވަން ފެށި އުޅަނދުތަކަކީ މި ޒަމާނުގެ ކާރުގެ ބައްޓަމަށް ވުރެ ބޮޑަށް އަސްގާޑިޔާއާ ވައްތަރު އެއްޗެކެވެ. އެންމެ ފުރަތަމަ އިންޖީނު އެޅުމާއެކު އިސްކަން ދިނީ އޭގެ މަސައްކަތަށެވެ. އެހެނީ އޭރު އިންޖީނަކީ ވަރަށް މައްސަލަ ގިނަ، އެ މައްސަލަތައް ހައްލުކުރަން އެހާމެ އުނދަގޫ އެއްޗެކެވެ.
އިންޖީނަކީ އެކިއެކި ސައިންޓިސްޓުންގެ އީޖާދުތައް ހިއްސާވާ އެއްޗެކެވެ. ގޭސް ޓަރބައިން އުފެއްދީ 1791 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ދިޔާ ތެލެއް އަޅާ އިންޖީނު އުފެއްދީ 1794 ގައެވެ. ދިޔާ ތެލާއެކު ސިނާއަތަށް ބޭނުންކުރެވޭ ވަރުގެ އިންޖީނެއް އުފެއްދުނީ 1823 ގައެވެ. އެއަށް ފަހު އެކި ފަހަރުމަތިން އެކި މިންވަރަށް އިންޖީނުގެ ޑިޒައިން ތަރައްގީ ކުރެވިފައިވެއެވެ. އަދި ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވޭ ފެންވަރަށް އިންޖީނު ތަރައްގީވެ، ވިޔަފާރީގެ ގޮތުން ބޭނުންކުރެވޭނެ އެންމެ ފުރަތަމަ އިންޖީނު އުފެއްދީ 1860 ގައިއެވެ. އަދި އެ އިންޖީނަށްވެސް ބައެއް ތަރައްގީތައް ގެނެވި، ވިޔަފާރީގެ ގޮތުން ބޭނުންކުރެވޭ މިޒަމާނުގެ އިންޖީނާ އެންމެ އެއްގޮތް އިންޖީނެއް އުފެއްދީ 1876 ގައެވެ. އަދި ހަތަރު ބުރުޖަހާ ޕިސްޓަން އާއި ދެ ސްޓްރޯކް އިންޖީނު އުފެއްދީ 1879 ގައި ކާލް ބެންޒް އެވެ. އެއީ މިހާރު މަޝްހޫރު "މަރސަޑިސް ބެންޒް" މަރުކާގެ ބާނީއެވެ. އަދި ކާރުހާނާއެއްގައި އިންޖީނު ތައްޔާރުކުރަން އެންމެ ފުރަތަމަ ފެށީވެސް އޭނާއެވެ. އެ އިންޖީނުގައި ހުންނަނީ ތިންފުރޮލު ލާފައި، ޗެސިސް އަކާވެސް އެކުގައެވެ. މާނައަކީ، އިންޖީނު ވަކިން އަޅާފައިވާ އުޅަނދެއް އުފެއްދުމުގެ ބަދަލުގައި، އުފައްދަމުންދިޔައީ އިންޖީނާ ވަކިނުކުރެވޭގޮތަށް ބައިތައް ހަރު ކުރެވިފައިވުމެވެ. 1892 ގައި ރުޑޮލްފް ޑީސަލް ކޮމްޕްރެސް ކޮށްފައިވާ ތެލުގެ އާވި ބޭނުންކުރާ ގޮތަށް "ކޮމްޕްރެޝަން އިގްނިޝަން އެންޖިން" އުފެއްދިއެވެ. އަދި އެންމެ ފުރަތަމަ ދިޔާ ތެޔޮ އަޅާ ރޮކެޓް އުފެއްދީ 1926 ގައެވެ. އަދި ޖެޓް އިންޖީނު އުފެއްދީ 1939 ގައެވެ.
ކާރުގައި އިންޖީނު އެޅުމާއެކު ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑު އިންގިލާބެއް އައެވެ. ފުރޮޅު އީޖާދު ކުރުންފަދަ މަދު އީޖާދެއް މެނުވީ އެފަދަ ބޮޑު އަސަރެއް އިންސާނުންގެ ތަރައްގީއަށް ކޮށްފައި ނުވެއެވެ. ކާރުގައި އިންޖީނު އެޅުމުން ބަދަލު އައީ މީހުން ދިރިއުޅުމަކަށް އެކަންޏެއްނޫނެވެ. ހެންރީ ފޯޑް، އޭނާގެ "މޮޑެލް ޓީ" ގެ ފެކްޓަރީ ހުޅުވުމާގުޅިގެން، އޭގެ އަސަރު ވިޔަފާރިތަކަށާއި އިގުތިސޯދަށްވެސް ކުރީ، އެއްވެސް މީހަކު އޭގެކުރިން ހީނުކުރާ މިންވަރަކަށެވެ.
އެހެންކަމުން، ކާލް ބެންޒް އީޖާދުކުރި ނަމަވެސް، އިންޖީނުއެޅި ކާރުގެ ބާނީކަމަށް މަޝްހޫރުވެފައިވަނީ ހެންރީ ފޯޑް އެވެ. ފޯޑް އަކީ ކާރު އުފެއްދުމުގައި ގެންގުޅޭ އަސްލު ތަރުތީބު ގާއިމުކޮށް، ކާރު އުފެއްދުމުގެ ހަލުވިކަމަށް އިންގިލާބެއް ގެނެސްދިން މީހާއެވެ. ވިޔަފާރިއެއްގެ ގޮތުގައި އަގު ހެޔޮކޮށްގެން ވިއްކޭގޮތްވީ އެހެންވެއެވެ.
މުޅި ދުނިޔޭގައިވެސް މިހާރު އޮތް އެންމެ ބޮޑު އެއް ސިނާއަތަކީ ކާރު އުފެއްދުމުގެ ސިނާއަތެވެ. އަދި އޭގެ ސަބަބުން ތެލުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. ނަމަވެސް އޭގެ ސަބަބުން އަސް ގެންގުޅެ ޖޯޑުކުރާ މީހުންނަށާއި ގާޑިޔާ ހަދާ މީހުންނަށް ގެއްލުންތަކެއް ވިކަން ހަނދާނައްތައެއް ނުލެވޭނެއެވެ.
ކާރުގައި އިންޖީނު އެޅުމުން އެންމެ ބޮޑަށް ފާޅުވި ކަމަކީ މީސްމީހުންގެ އާންމު ދިރިއުޅުމަށް އައި ބަދަލެވެ. ކާރުގެ ސަބަބުން އެއްތަނުން އަނެއްތަނަށް އަވަހަށް ދެވުމާއި، ގިނަތަންތަނަށް ދެވުމުގެ ސަބަބުން، މީހުންގެ ދިރިއުޅުމުގެ ހަލަބޮލިކަން އިތުރުވިއެވެ. އަދި އޭގެ މާނައަކީ ކުރަން ހުރި ކަންކަން އަވަހަށް ކުރެވުމާއި ހުސް ވަގުތު އިތުރުވުމުވެ. އެހެންކަމުން، މީހުންނަށް އަރާމުކޮށްލުމަށް ދަތުރުކުރުމުގެ ފުރުސަތު އިތުރުވެގެން ދިޔައެވެ. ޗުއްޓީއަކީ ހަމައެކަނި އަހަރަކު އެއްފަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ނަގާ އެއްޗަކަށް ނުވެ، ހަފުތާނިމުމަކަށް، އެއް ރެއަށް، ތަނަކަށް ޖައްސާލެވޭ މަގު ތަނަވެސްވިއެވެ.
ދަތުރު ކުރެވޭ ސް÷ޕީޑު އިތުރުވެ، އެކަށީގެންވާ ފެންވަރަށް މަގުތައް ހެދުމުން، މީހުން ދިރިއުޅޭތަންތަންވެސް ސަހަރުގެ މެދާ ދުރަށް ދިއައެވެ. "ސަބަރބް" ތަކަށް މީހުން ބަދަލު ވާން ފެށިއެވެ. ("ސަބަރބް" އަކީ ސަހަރުގެ ބޭރު ފަށަލައިގާ މީހުން ދިރި އުޅުމަށް ހާއްސަކޮށް ހަދާފައި ހުންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެއްވެސް ސިނާއީ ކަމެއް ނުހިނގާނެއެވެ. އަދި ކޮމަރޝަލް ވިޔަފާރީގެ ކަމެއްވެސް ނުހިނގާނެއެވެ.)
ކާރުތައް ބާރަށް ދުއްވަން ފެށުމުން އެކުސިޑެންޓުތައް ވެސް އިތުރުވެ، އޭގެ ސަބަބުން މަރުވާ މީހުންގެ އަދަދުވެސް އިތުރުވިއެވެ. ކޮންމެ އަހަރަކު 1.3 މިލިއަން މީހުން މުޅި ދުޔޭގައި ކާރު އެކުސިޑެންޓުގެ ސަބަބުން މަރުވެއެވެ. އަދި އޭގެ އިތުރުން 20 އާއި 50 މިލިއަން ދެމުދުގެ އަދަދެއްގެ މީހުން އަނިޔާވެއެވެ. އަދި އެއާ ވިދިގެން ޑްރައިވިންގް ސްކޫލް ތަކާއި ޓްރެފިކް ސްކޫލް ތައް އުފެއްދިފައިވެއެވެ.
ކާރުތައް ގިނަވުމުގެ ސަބަބުން އޭގެ ދުންހޮޅިން ބޭރުކުރާ ގޭސްތަކުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންވާކަމަކީ، އެކަމާމެދު ކަންބޮޑުވާ މީހުންގެ މެދުގައި މިހާރު އެންމެ ހޫނުކޮށް ބަހުސްކުރެވޭ އެއް މައުލޫއެވެ. އޭގެ އަސަރު ބޮޑުވަމުން ގޮސް، މިހާރު އެއީ ދުނިޔޭގެ ފެންވަރުގެ މައްސަލައެއްކަމަށް ވަނީ ވެފައެވެ. އެހެންކަމުން، ކާރު އުފައްދާ ކުންފުނިތަކުން ވެސް އެއާ މެދު ފިޔަވަޅުތަކެއް އެޅުމުގެ ޝައުގުވެރިކަން ދައްވާފައިވެއެވެ. އޭގެ އިތުރު ބައެއް މުއާހަދާތައް ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވުމާއި، ގާނޫނާއި ގަވައިދު އެއާ ބެހޭގޮތުން ހެދިފައިވުމުގެ ސަބަބުން، ބައެއްކަހަލަ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިތަކަށް ވަނީ މަޖުބޫރު ވެސް ވެފައެވެ. އަދި ފަންނީގޮތުން ތަހުލީލުތައް އިތުރުކޮށް، އީޖާދުތައް ތަރައްގީކޮށްގެން މިހާރު "ތިމާވެއްޓާ ރައްޓެހި" ވަރަށް ގިނަ ބާވަތްތަކުގެ ކާރު އުފައްދައެވެ. އޭގެ ތެރޭގައި ހައިބްރިޑް ކާރާއި އިލެކްޓްރިކް ކާރަކީ ވަކިން ބާރަށް ވިކެމުންދާ ބާވަތްތަކެކެވެ.
ކުރިމަގުގައި އިލެކްޓްރިކް ކާރުތަކަކި ޕެޓްރޯލް ކާރުގެ ބަދަލުގައި އެންމެ އާންމުކޮށް ދުއްވާ ކާރުކަމުގައި ވާނެވެ. އިލެކްޓްރިކް ކާރުގެ އެހެނިހެން ފައިދާގެ ތެރޭގައި އަމިއްލައަށް، ކޮމްޕިއުޓަރެއްގެ އެހިގައި، މީހަކާނުލާ، ދުއްވުމުގެ ގާބިލުކަން ލިބުމެވެ. މިހާރުވެސް އެފަދަ ކާރުތައް އުފައްދާ ބޭނުންކުރެއެވެ. އަދި އެ ކާރުތަކަކީ، އެކުސިޑެންޓެއް ވެދާނެކަމުގެ ބިރުއޮތް ހާލަތަކަށް ދާއިރަށް، ނުވަތަ އެކުސިޑެންޓެއް ވަމުން ދާއިރު، އިންސާނަކަށްވުރެ ހަލުވިކޮށް ހަރަކާތައް ގެނައުމުގެ ގާބިލުކަން އޮތް ކޮމްޕިއުޓަރު، އަމިއްލައަށް، އެ ކާރު އެ އެކުސިޑެންޓުން ސަލާމަތް ކުރުމުގެ ހުނަރު މިހާރު ލިބިދީފައިވާ އުޅަނދުތަކެކެވެ. ވީމާ ކުރިމަގުގައި އެފަދަ ކާރުތައް ވެގެންދާނީ އެކުސިޑެންޓު ވެގެން މީހުން މަރުވާމަރުވުން މަދުކުރާ އާލާތަކަށެވެ.
ނަމަވެސް އެދުވަސް އަންނަންދެން ކާރުދުއްވާ އެންމެންވެސް މަގުމަތީގެ ސަލާމަތަށް އިތުރު ސަމާލުކަމެއް ދޭންޖެހޭނެއެވެ.