އެއްގަމު އުޅަނދުފަހަރުގައި އެންމެ ފުރަތަމަ އެޅީ ސްޓީމް އިންޖީނެވެ. ސްޓީމް އިންޖީނަކީ، އޭގެ އިނގިރޭސިބަހުގެ މާނައިން ދޭހަވާ ގޮތުގައި، އާވިން ދުއްވާ އިންޖީނެކެވެ. ކޮންމެވެސް އެއްޗެއް އަންދައިގެން، ބޮއިލަރެއްގައި ހުންނަފެން ހޫނުކޮށްގެން ކެކުނީމަ، އެއިން އުފެއްދޭ ހޫނުގަދަ އާވިން އުފެދޭ ޕްރެޝަރު، ހައްޔަރުކޮށްގެން، ޕިސްޓަން އެއް ދުއްވުމުން، އެ އިންޖީނު ފުރިހަމަވީއެވެ. ޕިސްޓަން ހުންނަނީ ގިޔަރުތަކެއް މެދުވެރިކޮށް ފުރޮޅު އެނބުރޭގޮތަށް ގުޅާފައެވެ. ސްޓީމް އިންޖީނުގައި ހަކަތަ އުފައްދާ އެއްޗެއްގެ ގޮތުގައި ރޯކުރުމުން އަނދާ ކޮންމެ އެއްޗެއްވެސް ބޭނުންކުރެވިދާނެއެވެ. އެގޮތުން ބޯޓުދެލި، ދަރު، އަދި ތެޔޮ ވަރަށް އާންމުކޮށް ސްޓީމްއިންޖީނުގެ ހަކަތަ އުފައްދާ އެއްޗެއްގެ ގޮތުގައި ބޭނުންކުރިއެވެ.

އެއްގަމުގައި ދުއްވާ އުޅަނދެއްގައި އެންމެ ފުރަތަމަ އިންޖީނު އެޅީ ސްޓީމް އިންޖީނެވެ. އެއީ ރޭލުގައެވެ. ރޭލަކީ އާންމުގޮތެއްގައި އެއްވަރުކޮށްފައިވާ ބިމެއްގައި ދިގަށް ހަރުކޮށްފައި ހުންނަ ރޭލުދަގަނޑު މަތީ ދުއްވާ އުޅަނދެކެވެ. އެއީ މައި އިންޖީނުލީ ބޮލެއްގެ ފަހަތުގައި ފޮށިތަކެއް ކަފުޖަހައިގެން ދަމާ އުޅަނދެކެވެ. އެ ފޮށިތަކަކީ މުދާ އުފުލާގޮތަށް ނުވަތަ މީހުން ދަތުރުކުރާގޮތަށް ފަރުމާކޮށްފައިވާ ބައިތަކެކެވެ. ސަސްޕެންޝަން ހަރުކުރުމާއެކު ފަސިންޖަރުން ގޮވައިގެން އެންމެ ފުރަތަމަ ރޭލު ދުއްވަން ފެށީ 1825 ގައެވެ. އެއީ ސްޓީމް އިންޖީނު އަޅައިގެންނެވެ. އަދި 1829 ވަނަ އަހަރާ ހަމައަށް، އިނގިރޭސިވިލާތުގެ ލަންޑަން އާއި ބާތް އާއި ސަމަރސެޓް، މި ތިން ރަށް ގުޅާލައި 120 މޭލު ދިގު ރޭލު ދަތުރު ކުރަން ފަށާފައިވެއެވެ.

އެންމެ ފުރަތަމަ އާންމު ފަސިންޖަރުން އުފުލި ރޭލިގެ އިންޖީނުބައި

ސްޓީމް އިންޖީނުގެ އެންމެ ބޮޑު ބޭނުން ކުރެވިފައިވަނީ ރޭލުގައި އަޅައިގެންނެވެ. އެހެނީ، ސްޓީމް އިންޖީނަކީ ވަރަށް ބާރުގަދަ އިންޖީނެކެވެ. އޭގެ ސައިޒު ކުޑަ ކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް، އޭގެ ސައިޒު ބޮޑުކުރުމުގައި އެފަދަ އުނދަގޫތަކެއް ނުވެއެވެ. އެހެންކަމުން ވަރަށް ބިޔާ އިންޖީނުތައް އުފައްދާ ރޭލުގައި އަޅާފައިވެއެވެ. ވަކިން ހާއްސަކޮށް އެމެރިކާގައި ސްޓީމް އިންޖީނުއެޅި ރޭލަކީ، އެމެރިކާ ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އުޅަނދެވެ. އެ އިންޖީނުތަކުގެ ސައިޒުތައް ބޮޑެތި ވެފައި ބާރުގަދައެވެ. އެމެރިކާ ހުރަސްކޮށް ފަރުބަދަތަކަށް އަރަމުން، އެމެރިކާގެ ސިނާއީ ތަރައްގީގެ އެންމެ ބޮޑު ޒިންމާ އާއި ޝަރަފު ލިބިފައިވަނީ އެ ރޭލުތަކަށެވެ. އެމެރިކާގައި މިއަދާ ހަމައަށް ވެސް އެކި ވަރުގެ ސްޓީމް އިންޖީނުލީ ރޭލު ބޭނުންކުރެއެވެ.

އެމެރިކާގެ ޔޫނިއަން ޕެސިފިކްގެ ސްޓީމް އިންޖީނުލީ ރޭލެއް

ރޭލު ދަތުރުތަކަކީ ހާއްސަ ދަނގަޑު އަޅައިގެން ތައްޔާރުކޮށްފައި މަގެއްގައި ނޫނީ ނުކުރެވޭނެ ދަތުރެކެވެ. އާންމު ދަތުރުފަތުރުކުރާ ހުރިހާ ދިމާލެއްގައި ރޭލު ދަގަނޑެއް ނޭޅޭނެއެވެ. ބަހަކީ، ކޮންމެ މަގެއްގައިވެސް ދުއްވޭނެ އެއްޗެކެވެ. އަހުގައި ބަނދެގެން ބަސްދުއްވަން ފަށާފައިވަނީ 1924 ގައެވެ. އޭރު ބަހަށް ދީފައިވާ ނަމަކީ "އޮމްނިބަސް" އެވެ. ބަހުގައި ސްޓީމް އިންޖީނު އެޅުމަކީ ހައިރާންވާން ޖެހޭ ކަމެއްނޫނެވެ. ބަހުގައި ސްޓީމް އިންޖީނު އެޅީ 1830ގެ އަހަރުތަކުގައެވެ.

ފަރަންސޭސި ސްޓީމް ބަސް

ކާރުގައި "އިންޓަރނަލް ކޮމްބަޝަން އިންޖީނު" ނުވަތަ ދިޔާތެލުގައި ދުއްވާ އިންޖީނު އެޅުމުގެ ކުރިން، ސްޓީމް އިންޖީނު ހަރުކޮށްގެން ކާރު އުފެއްދިއެވެ. އެހެންކަމުން ކާރުގައިވެސް އެންމެ ފުރަތަމަ އެޅީ ސްޓީމް އިންޖީނެވެ.

ސްޓީމް އިންޖީނޭ ބުނުމުން ދޭހަވާ މާނައިގާ، އޭގެ ހަގީގީ ބާވަތްތަކާއި ސައިޒުތަކާއި، އޭގެ ބާރު އޮޅެއެވެ. އެހެނީ، އެހެންކޮންމެ އީޖާދެކޭ އެއްފަދައިން، ސްޓީމް އިންޖީނުވެސް އެންމެ ފުރަތަމަ ފަރުމާކުރުމާއެކު، އެ އިންޖީނު ތަރައްގީ ކުރުމަށް ކެނޑިނޭޅި ކުރެވިފައިވާ މަސައްކަތުގެ ސަބަބުން، އެކިއެކި ގިނަ ބާވަތްތަކުގެ އިންޖީނު އުފެއްދިފައިވެއެވެ. އޭގެ ތެރޭގައި އެއް އިންޖީނަށް ވުރެ ގިނަ އިންޖީނު ގުޅާލައިގެން ރޭލުގެ ބާރު ގަދަ ކުރުމަށް "އާޓިކިއުލޭޝަން" ގެ ބޭނުން ހިފާފައިވާ ރޭލު ހިމެނެއެވެ. އަދި ފުރޮޅުތައް ގިނަކޮށްގެން، އޭގެ ބަރުދަން ބަހާލުމުގައި ތަފާތު ގޮތްތައް ބޭނުންކޮށްފައިވެއެވެ. އޭގެ އިތުރުން، "ތެލުގެ" ގޮތުގައި ބޭނުންކުރާނެ އެކިއެކި މާއްދާތައް ތަހުލީލުކޮށް، އެންމެ އެކަށީގެން ގޮތަކަށް ހަކަތަ ނެރެވޭނެ ގޮތްގޮތަށް ތަފާތު އިންޖީނުތައް އުފައްދާފައިވެއެވެ. ބޯޓުދެލިން އުފެދޭ ކަޅު، ބޯ، ދުމަކީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗަކަށްވާތީ، ބޯޓުދެލި ބޭނުންކުރާ ސްޓީމް އިންޖީނުތައް މިހާރު ދަނީ އެހެން ބާވަތެއްގެ ތެލެއް ބޭނުންކުރާ ގޮތަށް ބަދަލު ކުރަމުންނެވެ. ނުވަތަ، ބޯޓުދެލިން އުފެދޭ ދުން، ޖައްވަށް ދޫކޮށްލުމުގެ ކުރިން، ހާއްސަ ނިޒާމެއްގެ ތެރެއިން ދައުރުކުރުވައިގެން، އޭގެ ގެއްލުންދޭ ބައިތައް ސާފުކުރެވޭގޮތްވެސް ހަދައެވެ.

ސްޓީމް އިންޖީނަކީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގައި އަޅާފައިވާ އެންމެ ދުވަސްވީ އިންޖީނެވެ. އެހެން އީޖާދުތައްވެސް ޒަމާން ބަދަލުވުމުން ބަދަލުވެ، އުވި، ނެތިގެން ދާހެން، ސްޓީމް އިންޖީނުގެ ދުވަސްވެސް ނިމިދިއުމަކީ ހައިރާންވާންޖެހޭނެ ކަމެއްނޫނެވެ. އެހެން ނަމަވެސް، އެދުވަހެއް އަދި ނާދެއެވެ.