ވޭތުވެދިޔަ ގަރުނާއި އޭގެ ކުރީ ގަރުނުގެ ފަހުބަޔަކީ، ކާރު އީޖާދު ކުރުމާއި އުފެއްދުމާ އަދި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބޮޑު އިންގިލާބެއް ގެނައި ދުވަސްވަރެކެވެ. ސްޓީމް އިންޖީނު އެޅި ކާރާއި، ދިޔާތެޔޮ އިންޖީނު އެޅި ކާރާއި، އިލެކްޓްރިކް އަދި ހައިބްރިޑް ކާރާއި، ފުއެލް ސެލް އާއި ހައިޑްރިޖަން އާއި ސޯލާ ފަދަ އެހެނިހެން ހަތަކަ ބޭނުންކުރާ ކާރު އޭގެ ތެރޭގައި ހިމެނެއެވެ. ސައިޒުގެ ގޮތުންވެސް ވަރަށް ތަފާތު ގިނަ ބާވަތުގެ ކާރު ހިމެނެއެވެ. ދުވެލިއަށް ބެލިޔަސް، އަދި އޭގައި ތިބޭ މީހުންނަށް ތިބެވޭ އަރާމަށް ބެލިޔަސް ވަރަށް ގިނަ ބާވަތްތަކުގެ ކާރު ހުރެއެވެ.

ސްޓީމް އިންޖީނުލީ އިހުގެ ކާރެއް

ކާރުގައި އެންމެ ފުރަތަމަ އެޅީ ސްޓީމް އިންޖީނެވެ. "އިންޓަރނަލް ކޮމްބަޝަން އެންޖިން" ނުވަތަ އޭގެ އެގެތެރޭގައި ތެޔޮ އަންދާ އިންޖީނުލީ ކާރު ތައް އީޖާދު ކުރި އިރު، ސްޓީމް އިންޖީނު ލީ ކާރަކީ އާންމު ވެފައިވާ އެއްޗެކެވެ. ނަމަވެސް އިންޖީނު އަޅައިގެން ވިޔަފާރީގެ ގޮތުގައި އެންމެ ފުރަތަމަ ވިއްކި ކާރުތަކަކީ ހަގީގަތުގައި ތިން ފުރޮޅުލީ އިންޖީނެއްގެ މަތީގައި މީހަކަށް އިށީންދެވޭ ގޮތަށް ހަދާފައިވާ އުޅަނދެކެވެ. އަދި އެއީ އެތެރޭގައި ތެޔޮ އަންދާ ބާވަތުގެ ކާރެކެވެ. އެ ކާރު އުފެއްދީ މިހާރު މަޝްހޫރު މަރސަޑެސް ބެންޒް ކާރުގެ ބާނީ، ކާލް ބެންޒް އެވެ.

ބެންޒް އީޖާދުކުރި ތިންފުރޮޅުލީ އިންޖީނު

ވިޔަފާތީގެ ގޮތުގައި ސްޓީމް އިންޖީނު އެޅި ކާރު އުފައްދަން ފެށީ 1878 ގައި ފަރަންސޭސި ވިލާތުގައެވެ. ނަމަވެސް އޭގެ 70 އަހަރު ފަހުން، ކާރުގައި ސްޓީމް އިންޖީނު އެޅުން ހީނަރުވެގެން ދިޔައެވެ. އޭގެ މައިގަނޑު ސަބަބަކީ ކާރުގެ އިންޖީނު ރޯކުރާ އާލާތެއް އުފެއްދުމެވެ.

ދިޔާތެޔޮ އަޅައިގެން އެތެރޭގައި ތެޔޮ އަންދާ އިންޖީނު ސްޓާޓު ކުރުމަށް ނުވަތަ ރޯކުރުމަށް، އިލެކްޓްރިކް ސްޓާޓަރ މޯޓަރު އުފެއްދުމާއެކު، ކާރުގެ އިންޖީނު ރޯކުރުމަށް ފަސޭހަވެގެން ދިޔައެވެ. އެ މޯޓަރު އީޖާދު ކުރީ 1903 ގައެވެ. ނަމަވެސް އޭގެ ފަރުމާ ބައްޓަމަށް އެކި ފަހަރުމަތިން ތަރައްގީ ބަދަލުތަކެއް ގެނެވި، ކާރު ސްޓާޓުކުރުމަށް އެއީ އެންމެ ރަނގަޅު އާލާތް ކަމުގައި ވެގެން ދިޔައީ އޭގެ ބައިގަރުނު ފަހުންނެވެ. އޭގެ ކުރިން އިންޖީނު ރޯކުރުމަށް ކުރޭންކު ހެންޑެއްޔެއް ބޭނުންވެއެވެ. ހެންޑެންޔެއްގެ ބަދަލުގައި އެހެން ބައެއް ގޮތްގޮތަށްވެސް އިންޖީނު ރޯކުރެވެއެވެ. އެއީ ޗާބީދޭ ކެނބެއްގެ އެހީގައި، ނުވަތަ ބަޑިބޭސް ސިލިންޑަރެއްގެ އެހީގައި، ނުވަތަ ބުރެއްގައި އޮޅާފައިވާ ވާ ފަށެއްގެ އެހީގައެވެ.

ކުރޭންކު ހެންޑެއްޔަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމުން، ވަކިން ހާއްސަކޮށް އަންހެން ޑުރައިވަރުން ކާރު ދުއްވުމާ ގަޔާވާން ފެށީ އެއާ ނުލާ ކާރު ސްޓާޓު ކުރެވޭގޮތްވުމުންނެވެ.

20ވަނަ ގަރުނުގެ ކުރީކޮޅުގައި ދުއްވި ކާރެއް

ކާރުގެ އިންޖީނަކީ ކާރެއްގެ އެންމެ މުހިންމު ބައެވެ. ނަމަވެސް ކާރު ދުއްވާ މީހާއާއި ފަސިންޖަރުންގެ އަރާމާއި ހިތްހަމަ ޖެހުމަކީވެސް އެއާ ނުލާ ކާރު ވިއްކަން ދަތިވާ ކަމެކެވެ. އެހެންކަމުން، ކާރުގެ އެތެރެވަޑާން ފަރުމާކުރުމުގައި، ގޮދަޑިލީ ގޮނޑި ހަރުކުރުމާއި، ޒީނަތްތެރި ކުރުމާއި ޖަރީކުރުންވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވެގެން ދިޔައެވެ.

ކާރެއްގެ އެތެރޭގައި ޖަހާފައިވާ ގޮނޑި

ކާރުގެ ޗެސިސްގަނޑުގައި ދަވާދުލުމާއި، ލޯގަނޑަކަށް ދޫނުކުރާވަރުގެ އޮފެއް ދުއްވުމާއި، ފުލޭޓުތަކުގެ އަރިމަތީގައި ކްރޯމް ނުވަތަ ރަނުން ޕުލޭޓުކުރުން ހިމެނެއެވެ.

ކާރުގެ ސިފަތަކުގެ ތެރެއިން އޭގެ ދުވެއްޔަކީވެސް ކާރުގަންނަ ފަރާތަކުން އިސްކަން ދޭ އެއް ސިފައެވެ. އެހެންކަމުން ކާރު އުފައްދާ ފަރާތްތަކުން، ބާރަށް ދުވާ ކާރު އުފައްދަން ފެށިއެވެ. ވަކިން ހާއްސަކޮށް ރޭސްޖަހާ ކާރު ވެގެން ދިޔައީ ޒުވާނުންނަށް ވަރަށް މަގުބޫލު ބާވަތަކަށެވެ.

ކާރެއް ބާރަށް ދުއްވިވަރަކަށް އޭގައި އަޅާވައި އިތުރުވެއެވެ. ބޮޑަށް ވައިއަޅާނަމަ، ބާރަށް ދުއްވުމަށް އިންޖީނުގެ ބާރު އިތުރަށް ގަދަ ކުރަންޖެހެއެވެ. އަދި އިތުރު ތެޔޮ ބޭނުންވެއެވެ. އެހެންވެ، ބާރު ސްޕީޑުގައި ދުއްވާ ކާރުތަކުގެ ބައްޓަން ފަރުމާކޮށްފައި އެވަނީ، ވީހާވެސް ކުޑަކޮށް ވައި އަޅާނެ ގޮތަކަށެވެ.

ކާރު އުފައްދާ ފަރާތްތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ މުއްސަނދިންނެވެ. މުއްސަނދިންނަކީ އެމީހުންގެ އަސާސީ ބޭނުންތަކަށް ފުދޭވަރަށް ވުރެ ގިނައިން ކާރު ގަންނަބައެކެވެ. އެމީހުން ބޭނުންވާނީ އެންމެ ރަނގަޅު ކޮލިޓީގެ އުޅަނދެވެ. އެންމެ ބާރަށް ދުއްވޭނެ އުޅަނދެވެ. ކޮންމެހެން ތެޔޮ މަދުން ބޭނުންވާ ގޮތަށް އުފައްދާކަށް ނުޖެހެއެވެ. އެހެންކަމުން "ލަގްޒަރީ ކާ" އަކީ އޭގެ ޒާތުގައި ވަކި ގިންތިއެކެވެ. އެފަދަ ކާރުގެ އެތެރޭގައި ފިނިބުއިން ލިބޭ ގޮތަށް އައިސްއަލަމާރި-ވަތްގަނޑެއް ހަރުކުރުމާއި ލަވަޖެހޭގޮތަށް ހުރުމާއި، އަދި ފަހުން، އެއާކޮންޑިޝަނަރު ހަރުކުރެވުނެވެ. އެފަދަ ކާރުތަކަކި ވަރަށް އަގުވެސް ބޮޑު ކާރުތަކެކެވެ. ބައެއް ކަރުގައި ރަންކުލައިގެ ޕުލޭޓުކޮށްފައި ހުންނަ ބައިތަކުގައި އަސްލު ރަންވެސް ހަރުކޮށްފައި ހުރެއެވެ.

ރޯލްސް ރޮއިސްގެ ލަގްޒަރީ ކާރެއް

ސަލާމަތީ ސިފަތަކަކީ ކާރެއްގައި ހުރުން ކޮންމެހެންވެސް ލާޒިމު ސިފަތަކެކެވެ. ނަމަވެސް އިހުގެ ކާރުތަކުގައި ސަލާމަތީ ސިފަތައް، މިހާރުގެ ކާރުތަކާ އަޅާބަލާއިރު، މަދެވެ. ސަލާމަތީ ކަންކަމަކީ އާންމު ގޮތެއްގައި ސަރުކާރުން ކަނޑައަޅާ ކަންކަމަށް ވާތީ، ސަރުކާރުން އެފަދަ ކަންކަން ކަނޑަ އަޅަނީ ކޮންމެވެސް ހިތާމަވެރި ހާދިސާއެއް ދިމާވުމުން އޭގެ ފަހުންނެވެ. ހިތާމަވެރި ހާދިސާތައް ގިނަވިވަރަކަށް ސަލާމަތީ ފިޔަވަޅުތައް އިތުރު ވިއެވެ. އެހެންކަމުން އިހުގެ ކާރުތަކުގައި ހުރީ ވަރަށް މަދު ސަލާމަތީ ސިފަތަކެކެވެ.

އިހުގެ ކާރުތަކަކީ އާންމުގޮތެއްގައި ބަލާލަން ވަރަށް ރީތި ކާރުތަކެކެވެ. ސްޕީޑަށާއި ތެލުގެ ސަމަކާރައަށް ދޭންޖެހޭ އަހަންމިއްޔަތު އިތުރުވުމުން، ކާރުގެ ސިފަތަކަށް ބަދަލު ގެނެވިފައިވަނީ، އެންމެ އެދެވޭ ބައްޓަމަކަށް ކާރު އުފެއްދުމަށެވެ. އެހެންނަމަވެސް ރީތި ސިފައެއްގައި އޭގެ ބައްޓަން ބެހެއްޓުމަކީ އިހުގެ ކާރު އުފެއްދުމުގައި އެންމެ އިސްކަންދީފައިވާ ކަމެކެވެ.