ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

"ބޭބޭ- މިހާރު ތިޔަ ނިންމީ ކިހިނެއް ހަދަން-؟" ރަފީޤު އޭނާގެ ބޭބެ ޝަރީފާ ދިމާ އަށް ބަލައިލާފައި މަޑު މައިތިރި ރާގަކަށް އަހައިލިއެވެ.

"ކޮން ކަމެއް-؟" ޝަރީފް ފަނި ހުސް ކުރި ތަށި ޒުބައިދާގެ އަތަށް ދެމުން އަހައިލިއެވެ.

"މަންމަގެ ކަންތައް-" ރަފީޤު ބުނެލިއެވެ.

ކަލޭ މޮޔަ ވީތަ-؟ ކަލޭގެ އުމުރުން މި ވީހައި ތަނެއް ހޭދަ ކުރީ މަންމަޔާ އެކީގައިތަ-؟ މިހާރު މަންމަގެ ލޯ އަނދިރި ވީމާ ކަލެއަށް މަންމަގެ ޚިޔާލު މާ ބޮޑަށް ކުރެވެން ފެށީ ކީއް ވެގެން-؟" ޝަރީފް ހަރުކަށި ކަމާ އެކު ބުންޏެވެ.

"ޝަރީފް- އެ ކަމާ ދެކޮޅު ހަދަނީ ކީއް ކުރަން-؟ އެއީ ރަފީޤުގެ ވެސް މަންމައެއްނު-؟ ޝަރީފްގެ ޙައްޤު މަންމަގެ މައްޗަށް އޮންނަ ވަރަށް ރަފީޤު ގެ ޙައްޤުވެސް އޮންނާނެ- މައްސަލަ ބޮޑު ކުރަން އުޅުމުގެ ބޭނުމެއް ނެތް-" ޒުބައިދާ ބުނެލިއެވެ.

"އަހަރެން މައްސަލަ ބޮޑު ކުރަނީތަ-؟" ޝަރީފް ގެ ރުޅި ވަގުތުން ސައްތައަށް އަރައިގެން ހިނގައްޖެއެވެ.

އޭނާގެ އަޑު އިވިގެން ޖެހިގެން ހުރި ގޭގައި އުޅޭ، އެ މީހުންގެ ބޮޑު ދައިތަވެސް އަތުވެއްޖެއެވެ. އަދި އެ މީހުންގެ މަންމަ، އޭނާގެ މާމަ ދަރިފުޅު ނުޞްރަތުގެ ކޮނޑުގައި އަތް އަޅައިލައިގެން ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ.

"ޝަރީފް- ކިހިނެއްވީ-؟ ހަޅޭއް ލަވަނީ ކީއް ވެގެން-؟" މަންމަ އަހައިލިއެވެ.

"ކަމެއް ނުވޭ މަންމާ-" ރަފީޤު އަވަސް އަވަހަށް ބުނެލިއެވެ.

މަންމަ ނުޞްރަތުގެ އެހީ އާ އެކު އައިސް އުނދޯލީގައި އިށީނދެއްޖެއެވެ.

"ދަރިފުޅާ ރަފީޤް- ކަލޭ މި ގެއަށް އަތުވެއްޖެއްޔާ ބޭބެއާ އަރައިރުން ނުވެއެއް ނުދޭ-" ބޮޑު ދައިތަ ބުނެލިއެވެ.

"ބޮޑު ދައިތާ- އަހަރެން ދެއްކީ އަރައިރުން ވާން ޖެހޭ ކަހަލަ ވާހަކައެއް ނޫން- އަހަރެން ވެސް މިއީ މަންމަގެ ދަރިއެއް- މަންމަ އަހަރެން ބަލައި ބޮޑު ކުރީ ވަރަށް ބޮޑެތި ބުރަ އުފުލައިގެން- އެހެންވީމާ މަންމަ ބެލުމަކީ އަހަރެންވެސް ކުރާ ހިތް ވާ ކަމެއް.

ސުވަރުގެ ލިބެނީ މަންމަގެ ފައިތިލައިގެ ދަށުންނޭ އޮވެއެއްނު-؟ އަހަރެންވެސް މިއީ މާ ރަނގަޅު މީހަކީމެއް ނޫން- އެހެންވީމާ މަންމަ އަށް ޚިދުމަތް ކޮށް ދިނީމާ އަހަރެންގެ ފާފަވެސް ފޮހެވުމަކީ އެކަށީގެންވާ ކަމެއްނު-؟" ރަފީޤް ގެ އަޑު ކުރެހިއްޖެއެވެ.

"ޝަރީފް- ދަރިފުޅުވެސް ޤަބޫލު ކުރޭ- ރަފީޤަކީވެސް ހަމަ މަންމަގެ ދަރިއެއްނު-؟" ރަފީޤްގެ ވާހަކައިން އަސަރު ކޮށްގެން ބޮޑު ދައިތަ ބުނެލިއެވެ.

"ބޮޑު ދައިތާ- ނިކަން ވިސްނާލަ ބަލަ- ރަފީޤް އުޅެނީ ސަހަރުގައި- އޭނާގެ ގެއަކު އަންހެނަކު ނޫޅޭ- ލޯ އަނދިރި މުސްކުޅިއަކު ބަލާނީ ކާކު-؟" ޝަރީފް ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.

"ބޮޑު ދައިތާ- އަހަރެން ބުނީމެއްނު-؟ މަންމަގެ ދުޢާގެ ސަބަބުން މިއަދު އަހަރެން ވެފައި ވަނީ މުއްސަނދި މީހަކަށް- އަހަރެންގެ ގެއަކު މަދު އެއްވެސް ކަމެއް ނޯންނާނެ- ނޯކަރުން އުޅޭނެ- އަހަރެން މަންމަ ބަލަން އަންހެނަކު ޚާއްޞަ ކޮށްފައި ބަހައްޓާނަން-" ރަފީޤް ޖޯޝާ އެކު ބުނެލިއެވެ.

"އެއީ ތެދެއް- ޝަރީފް ދަރިފުޅާ- ސަހަރަކީ މި ތަނާ މާ ދުރުގައި އޮތް ތަނެއް ނޫނެއްނު-؟ ބޭނުން ވުމާއެކު ގޮސް މަންމަ ގެނެވިދާނެއެއްނު-؟" ބޮޑު ދައިތަ ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ.

"ބޭބެ ނުދިޔަޔަސް، އަހަރެން ދޭތެރެ ދޭތެރެއިން މަންމަ ގޮވައިގެން އަންނާނަން-" ރަފީޤް ބުންޏެވެ.

ޝަރީފަކަށް ދެން ދައްކާނޭ ވާހަކައެއް ނޭނގުނެވެ. އެހެންވީމާ އަނގައިން ނުބުނެ ހިމޭނުން ހުރީއެވެ. ޒުބައިދާވެސް އިތުރު ވާހަކަ އެއް ނުދައްކައެވެ. ރަފީޤު މަންމަ ތައްޔާރު ކުރުވާން ޒުބައިދާ ގާތު ބުނެފިއެވެ.

"ޝަރީފް- މިހާރު ބުނަނީ ކީކޭ-؟" ޒުބައިދާގެ އަޑުގައި ވަނީ މަލާމާތުގެ އަސަރެވެ.

"ކަލޭމެންނަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ- އަހަރެން ގާތު އަހާނޭ ކަމެއް ނެތް-" ޝަރީފް ރުޅި އައިސްފައި ބުނެލިއެވެ.

"ޝަރީފް، ދަރިފުޅާ- އަހަރެން ރަފީޤާ އެކީގައި ފޮނުވާ- އެއީވެސް ހަމަ މަންމަގެ ދަރިއެއް- އޭނާގެ ހިތުގައި ޖެހޭ ގޮތެއް ހަދާކަށް މަންމަ ބޭނުމެއް ނުވޭ-" މަންމަ އަލިކަމެއް ނެތް ލޮލުން ވަށައިގެން ހޯދުމަށް ފަހު ބުނެލިއެވެ.

"މިހާރު ހުރިހައި ކަމެއް ނިމުނީއެއްނު-؟ މަންމަ ދާން ހުރިއްޔާ ޝަރީފް ދެކޮޅު ހަދާނޭ ކަމެއް ނެތެއްނު-؟" ބޮޑު ދައިތަ ބުނެލިއެވެ.

ޝަރީފް އަބަދުވެސް އޭނާގެ ކޮއްކޮ، ރަފީޤްގެ ކޮންމެ ކަމަކާ ދެކޮޅު ހަދަ އެވެ. ޝަރީފަކީ ވަރަށް މަސައްކަތްތެރި، ހިންމަތްތެރި މީހެކެވެ. އޭނާގެ އަނބިދަރިންނަށް ކާން ބޯން ދެނީ ކުރާ މަސައްކަތުން ލިބޭ އެއްޗަކުންނެވެ. ރަފީޤަކީ އެންމެ ކުޑަ އިރުއްސުރެ ވެސް މިޒާޖުގައި ގޮތް ދޫ ނުކުރުމާއި، ހަރުކަށިކަން ހުންނަ މީހެކެވެ. ސަހަރަށް ގޮސް އޭނާ ގުޅުނީ ކުށް ކޮށް އުޅޭ މީހުންނާއެވެ. އޭނާ ދިޔައީ ތަރިކަ މުދަލުން އޭނާ އަށް ވާ ބަޔާއި، ބައްޕަގެ ބިމުން ވާ ބައި ވިއްކައިލައިފައެވެ. އޭނާ އުޅޭ ހިތް ވަނީ ސަހަރުގައި ކަމަށް ވާތީއެވެ. އޭނާގެ ޣައިރުޤާނޫނީ ކަންތައްތަކުގެ ޚަބަރެއް ޝަރީފަކަށް ވެފައެއް ނެތެވެ.

ރަފީޤް ރަށަށް އަންނަ އިރު އަބަދުވެސް ހުންނަނީ ވަރަށް އަގު ބޮޑު، މޮޅު ހެދުމެއް އަޅައިގެންނެވެ. އަންނަނީ ބޭބެ އާއި ފަހަރި އާއި ކުދިންނަށް ދޭން އަގު ބޮޑު ހަދިޔާ ހިފައިގެންނެވެ. ރަށު އެންމެން ތިބެނީ އޭނާގެ މައްޗަށް ނުނިޔަތް ލައިގެންނެވެ.

މަންމަ ވެސް އޭނާ އައުމާއެކު ބޮލުގަޔާއި، ބުރަކަށީގައި ފިރުމައި، ހެޔޮ ދުޢާ ކޮށް ހަދައެވެ. އަދި އަންނަ ކޮންމެ ފަހަރަކު ނަސޭހަތް ދެއެވެ. "ދަރިފުޅާ- ދެން އަވަހަށް މީހަކާ އިނދޭ- މަންމަގެ ލޮލުގެ ނޫރު މި ވަނީ ގޮސްފައި- އެކަމަކު މަރު ވުމުގެ ކުރީން ދަރިފުޅު މީހަކާ ދެވާން ބޭނުން ވޭ-"

"މަންމާ- ތިޔަ ކަމާ ފިކުރު ނުކުރޭ- އަހަރެންނާ އެކު ސަހަރަށް ހިނގާ- މޮޅު ޑަކްޓަރަކަށް ދައްކައިގެން މަންމަގެ ލޯ ރަނގަޅު ކުރުވާނަން-" ރަފީޤް ބުންޏެވެ.

"ދަރިފުޅާ- މަންމަގެ ލޮލުގެ ނޫރަކީ ތިޔަ ދެބެއިން- މަންމަގެ ހިތުގެ ލޮލަށް މިހާރުވެސް ތިޔަ ދެބެއިން އެބަ ފެނޭ-"

ރަފީޤް ދެކެ ޝަރީފް އަންނަ ރުޅީގެ އެއް ސަބަބަކީ ބިން ވިއްކުމެވެ. އޭނާ ދެކޭ ގޮތުގައި ކާބަފައިންގެ ބިން ވިއްކާ މީހާ ވާނީ ބޮޑު މުޖުރިމަކަށެވެ. އެއީ މަޢާފް ކުރެވޭ ވަރުގެ ކުށެއް ނޫނެވެ. އެހެން ނަމަވެސް މަންމަ ނުފޮނުވައި ހިފެހެއްޓުމަކީ އޭނާ އަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ޤާނޫނީ ގޮތުން ބަލާ އިރު މަންމަގެ މައްޗަށް ދެ މީހުންގެ ޙައްޤު އޮންނާނީ އެއް ވަރަކަށެވެ.

ތައްޔާރު ވެގެން ނުކުންނަމުން މަންމަ ބުންޏެވެ. "ދަރިފުޅާ ނުޞްރަތު- މާމަގެ ތަސްބީހަ އާއި އަނދުން ދަޅު ދަބަހަށް ލިންތަ-؟"

"މަންމާ- އެ އެއްޗެތި ބަހައްޓާ- އަހަރެން ރަށަށް ގޮސް މަންމައަށް މަދީނާގެ ތަސްބީހައެއް ދޭނަން- މި ދިޔަ އަހަރު އަހަރެންގެ ރައްޓެއްސަކު ޙައްޖަށް ގޮސްފައި ގެނައި ތަސްބީހައެއް އޮންނާނެ-" ރަފީޤް ބުންޏެވެ. ރަފީޤް މަންމަ ގޮވައިގެން ދިޔަ ފަހުން ދޮޅު އަހަރު ދުވަސް ވެއްޖެ އެވެ. ޝަރީފް ގެ ދަރިން ރޭގަނޑު ކައިގެން ނިދާން އޮށޯންނަމުން މާމަގެ ވާހަކަ ނާހާ ރެއެއް ނާދެއެވެ. ހެނދުނު ތެދުވުމާ އެކު ފުރަތަމަ ވެސް ބުނަނީ ހުވަފެނުން މާމަ ފެނުނު ވާހަކައެވެ.

"މާމަ ކިހިނެއް-؟" ނުޞްރަތު އަހައިލިއެވެ.

"މާމަ ހުރީ ވަރަށް އުފަލުން- ހުރީ ވަރަށް ރީތި ހެދުމެއް ލައިގެން- ރަން އުނދޯޔެއްގައި- އުނދޯލި ހެއްލަން ނޯކަރަކުވެސް ހުރި-" ޝަފީޤް ބުންޏެވެ.

"އާނ- ނޯކަރުން އުޅޭނެ- ބޮޑު ބޭބެ އެހެން ބުންޏެއްނު-؟" ނުޞްރަތު ބުނެލިއެވެ.

"ސަހަރުގައި ހުންނަ ބޮޑު ޒިޔާރަތަކަށް ދާ އިރު މާމަޔާ ބައްދަލު ކުރާ ވާހަކަ ބައްޕަ އޮތީ ބުނުއްވާފައި-" ހޫނު މޫސުމް ފެށިއްޖެ އެވެ. ގޮވާން ކަނޑައި ނިމިގެން، އެއްޗެތި ވިއްކާން ފޮނުވުމަށް ފަހު ޝަރީފް އޭނާގެ ޢާއިލާ އާ އެކު އެ ޒިޔާރަތަށް ދާން ތައްޔާރު ވާން ފަށައިފިއެވެ. ސަހަރަށް ދެވޭތީ ކުދިން ތިބީ ވަރަށް ބޮޑަށް އުފާ ވެފައެވެ. ތިން ވަނަ ކުއްޖާ ވަރަށް ކުޑައެވެ. އޭނާ އަކަށް އެއްވެސް ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އެހެން މީހުން ތަނަކަށް ދާން ތައްޔާރު ވާކަން އެނގޭތީ އޭނާ ވެސް ހުރީ އުފަލުންނެވެ.

އެ މީހުންނަށް ސަހަރަށް ދެވުނީ ހުކުރު ދުވަހަކުއެވެ. ފުރަތަމަވެސް އެ މީހުން ބޭނުންވީ ޒިޔާރަތަށް ދާށެވެ.

އެ ތަނަށް ދާން އައިސް ތިބި މީހުން ވަރަށް ގިނައެވެ. ދުއްވާ އެއްޗެއް ލިބުނީވެސް ވަރަށް އުނދަގުލުންނެވެ. އެ މީހުން ރެކިސާއެއް ހުއްޓުވައިގެން އެއަށް އަރައިފިއެވެ.

އެ ދަމަން ހުރި މީހާ އަހައިލިއެވެ. "ދާންވީ ކޮން ތަނަކަށްތޯ-؟"

"ޒިޔާރަތަށް- އެއީ…"

"ކޮން ޒިޔާރަތެއްކަން އަޅުގަނޑަށް އެނގިއްޖެ- އެންމެންވެސް ދާން ބޭނުން ވާނީ އެ ތަނަށް- އެ ތަނަށް ދެވޭނީ ފަސް ރުފިޔާ އަށް-"

ރެކިސާ ދަމާ މީހާ އަކީ ވަރަށް އަނގަ ގަދަ މީހެކެވެ. މުޅި ދަތުރު މަތީގައި އޭނާ ކުރި ކަމަކީ ޒިޔާރަތުގެ މާތް ކަމުގެ ވާހަކަ ދެއްކުމެވެ. އެ ހިސާބަށް ދެވުނީ ބައި ގަޑިއެއްހައި އިރު ފަހުންނެވެ.

އެ ތަނާ ކައިރީގައި ވަކީން މީހުން ގިނަ އެވެ. ޝަރީފް ބުންޏެވެ. "ޒުބައިދާ- ދަރިން ގޮވައިގެން މި ތާނގައި މަޑު ކޮށްލާ- ފުރަތަމަ އަހަރެން ގޮސްފައި އަންނާނަން- އަހަރެން އައީމާ ކަލޭމެން ދާނީ- މި ތަނުން ދުރަށް ނުދާތި-"

"އާނ- އަވަހަށް ގޮސްފައި އާދޭ-" ޒުބައިދާ ދަރިން ގޮވައިގެން އެއް ފަރާތުގައި ހުރި ފާރު ބުރިއެއްގެ މަތީގައި އިށީނދެއްޖެ އެވެ.

ބޮޑު ދެ ކުދިން އެ ތަނަށް ޖަމާ ވެފައި ތިބި މީހުންނާ ދިމާ އަށް ޙައިރާން ވެފައި ބަލަން ތިބީ އެވެ. ކުއްލިއަކަށް ނުޞްރަތުގެ ލޮލުގައި އަޅައިގަތީ މައްޗަށް އަރާން ހުރި ސިޑީގެ ހަރުފަތްތަކުގެ މަތީގައި ތިބި ސަލާން ޖަހާ މީހުންނެވެ. އެ މީހުންގެ ތެރޭގައި ނާށިގަނޑެއް ހިފައިގެން އެ އިނީ އޭނާގެ މާމައެވެ. ލައިގެން އިނީ ވީދި ހަސް ނެތިފައި އޮތް ލިބާސް ގަނޑެކެވެ. މާމަގެ ކައިރީގައި ކިލަލުން ތަތް ތެޅިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު ހުއްޓެވެ.

"ބައްޕާ- ބައްޕާ-" ނުޞްރަތު ވަރަށް ބާރަށް ބައްޕަ އަށް ގޮވައިލިއެވެ.

ޝަރީފް ކުރިއަށް ގޮސް ގޮސް ހުރެފައި އެނބުރި ބަލައިލި އެވެ. އަދި އެނބުރި ނުޞްރަތުގެ ގާތަށް އަތުވެއްޖެއެވެ.

"ކިހިނެއްވީ-؟"

ބައްޕާ- މާމަ… މާމަ…" ނުޞްރަތު އިނގިލިން އޭނާގެ މާމަ އިން ދިމާއަށް އިޝާރާތް ކޮށްލިއެވެ.

ޝަރީފް އެ ދިމާއަށް ބަލައިލިއެވެ. އެ މީހެއްގެ ފައިތިލަ ދަށުގައި ސުވަރުގެ ވާ ކަމަށް އޮންނަ މަންމަ އެ އިނީ ސަލާން ޖަހާށެވެ. އޭނާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ރުޅިއާއެކު ހިތާމައިގެ ރާޅެއްވެސް އޭނާގެ ސިކުނޑީގައި ނެގިއެވެ. ހިތަށް އެރިއެވެ. ރަފީޤް ކޮބައިބާވައެވެ؟

"މަންމާ- މި ތާނގައި…" އޭނާ އަކަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.

"ބޭބޭ- ކޮންހައި ވާހަކައެއް- އެއްޗެއް ދެންޏާ ދީފައި ކުރިއަށް ދޭ-" މަންމަގެ ކައިރީގައި ހުރި ކުޑަ ކުއްޖާ ބުނެލިއެވެ.

"ކަލޭ ތިޔައީ ކާކު-؟" ޝަރީފް އެ ކުއްޖާ އާ ދިމާއަށް ވަރަށް ހުތުރު އެއްޗެއްވެސް ކިޔައިފި އެވެ.

"ހުތުރު އެއްޗެތި ކިޔަނީތަ-؟ ރަފީޤްބޭބެ އަޔަދީ- ކަލޭގެ ސިކުނޑިން ދިޔަ ފެލައިލާނެ-" އެ ކުއްޖާވެސް ރުޅި އައިސްގެން ހަޅޭއް ލަވައިގަތެވެ.

"ކޮއިފުޅާ- އެ ކުއްޖާޔާ ޒުވާބު ކުރަނީ ކީއްކުރަން-؟" އެ ތާނގައި ސަލާން ޖަހަން ހުރި މުސްކުޅި ފިރިހެނަކު ބުނެލިއެވެ. "މި އަންހެން މީހާ އާއި ކުޑަ ކުއްޖާޔާ މި ތަނަށް ލާފައި ދިޔައީ ރަފީޤް."

ޝަރީފްގެ ރުޅިގަނޑު ވަރަށް މައްޗަށް ހިނގައްޖެއެވެ.

އޭނާ އަށް މި ފެނުނީ ރަފީޤްގެ ޙަޤީޤީ ސިފައެވެ. އޭނާ ބޮލުގައި ދެ އަތުން ހިފަހައްޓައިގެން ބިންމަތީގައި އުޑަފައިން އިށީނދެއްޖެއެވެ.

(ނިމުނީ)