ގދ. ފަރެސްމާތޮޑާގައި ފެނަކައިން އެޅުމަށް ހަމަޖެހިފައިވާ އައު އިންޖީނުގެ އަޅައިދޭނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރައްވައިފިއެވެ.
ދެވަނަ ފަހަރަށް އިޢުލާން ކުރެއްވީ ފުރަތަމަ ކުރި އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައި ނުވާތީ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެރަށުގެ އެއާޕޯޓު ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ މި އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ ފެނަކައިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާ އެއްގޮތަށެވެ. އެ މަސައްކަތަށް ބޭނުންވާ ތަކެތި (ކޮންސްޓްރަކްޝަން މެޓީރިއަލްސް) ފޯރުކޮށްދޭނީ ފެނަކައިން ކަމަށް ވެސް ބުނެފައިވެއެވެ.
ފަރެސްމާތޮޑާ އިންޖީނުގެ އެޅުމަށް ބަޔަކު ހޯދަން ދެވަނަ ފަހަރަށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ފެނަކަ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށެވެ.
ބިޑުގައި ބައިވެރި ވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ މި ހިނގާ އެޕްރީލް މަހު 25 އިން 27 ވަނަ ދުވަހާ ހަމައަށް ކޮންމެދުވަހަކު ހެނދުނު 9:00 އިން 13:00 އަށެވެ. މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚަކީ (އީމެއިލްގެ ޒަރިއްޔާއިން) އެޕްރީލް 29 ވަނަ ދުވަހު މެންދުރު 1:00 އަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މެއިމަހު 3 ވަނަ ދުވަހު ހެނދު 11:00 ގައި ކަމަށް ވެސް ފެނަކައިގެ އިއުލާނުގައި ވެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މިކަމާ ބެހޭގޮތުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށް ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.