މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގެއަށް ބަދަލު ކޮށްދެއްވުން އެދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާފުށީ ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އޮފިސަރުން ތަކެއް ކޮވިޑަށް ފައްސިވެފައިވާ ކަމުގެ އަޑުތައް އިވެމުންދާ ކަމަށެވެ.

ފައްސިވި އޮފިސަރުންގެ ތެރޭގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ކަންކަން ބަލަހައްޓަވާ އޮފިސަރެއްވެސް ހިމެނޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިކަމަކީ އެހާމެ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައިވަނިކޮށް މާފުށީ ޖަލުން ކޯވިޑް 19 ފެނި، ރައީސް ޢަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރާން ޖެހޭނެ ކަމެއް ކަމުގައި މިކޯލިޝަނުން ޤަބޫލު ކުރަމެވެ. އަދި މިއީ، ސިޔާސީ ނުފޫޒުން ކުރެވިފައިވާ ޙައްޤު ނޫން ޙުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ 2 ވަނަ ރަމަޟާން މަހެވެ." އެ ބަޔާނުގައި ވެއެވެ. އެހެން ކަމުން އެމަނިކުފާނަށް ސިއްޙީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތްކުރުމަށް ނަމަވެސް "އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ. "ހަމައެއާއެކު އެމަނިކުފާނު ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުންވެސް ލަފާދެއްވާފައިވާތީ އެކަމަށްވެސް ރިޢާއަތް ކޮށްދެއްވައި އެގޮތުގެ މަތީން ޢަމަލުކޮށްދެއްވުމަށް ގޮވާލަމެވެ." ނޫސް ބަޔާނުގައި ވެއެވެ.

"މާފުށީ ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތަކަކާއި އޮފިސަރުން ތަކެއް ކޯވިޑް 19 އަށް ފައްސިވެފައިވުމީ ވެސް ކޯލިޝަނުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ. އެހެން ކަމުގެ އެކަމުގެ ސާފު މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާ ތަކަށް ވެސް ވަނީ ގޮވާލައިފައެވެ. މާފުށި ޖަލުން ކޯވިޑް 19 އަށް ފައްސިވެފައިވާ މުވައްޒަފުންނާއި އޮފިސަރުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ ޖަލުގައި ތިބި އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރު ކުރައްވައި ފުރިހަމަ ސިއްހަތެއްގައި ލެއްވުން އެދި ދުޢާ ކުރާ ކަމަށް ވެސް ބުނެފައެމެވެ.