ބ.އޭދަފުށިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު، އެރަށުން މިހާތަނަށް 609 ސާމްޕަލެއްވަނީ ނަގާފައެވެ. އަދި މީގެ ތެެރެއިން 71 މީހަކު ޕޮޒިޓިވްވެފައިވާއިރު 50 ސާމްޕަލެއްގެ ނަތީޖާ އަދިވަނީ ނުލިބިއެވެ. މީގެ އިތުރުން އެރަށުގައި ޤައިމްކޮށްފައިވާ ރީޖަނަލް ކޮވިޑް-19 ސެންޓަރުގައި އެއްވެސް މީހަކަށް ފަރުވާދެމުން ނުގެންދެއެވެ.

އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އެ ރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.