މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުޙުމަތުކުރެވުނު މައްސަލާގައި ހައްޔަރުކުރި އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު) ހިމެނޭހެން ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވަނީ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ޕެސްޓާއި އެކު މި މައްސަލައިގަ އިތުރު ހަތަރު މީހެއްގެ މައްޗަށް މަސްތުވާތަކެއްޗާއި ގުޅުން ހުރި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމް (26އ) އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު (23އ) އަދި މ. އަސަރީހަދާން، ޢާއިޝަތު ޙަސްނާ ނާހިދުއެވެ.

މި މައްސަލާގައި ޕެސްޓުގެ މައްޗަށް ވަނީ ފަސް ދަޢުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާއެވެ. އޭނާއަކީ ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިއެކެވެ.

ލ. ގަން-ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މ. އަސަރީހަދާން، ޢާއިޝަތު ޙަސްނާ ނާހިދުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކެނެބިހުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާއެވެ. ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމްގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ފަސް މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާކަމަށެވެ.