ކައުންސިލް ތަކުގެ މެމްބަރުންގެ މުސާރާއަށް ގެނައި ބަދަލުތަކަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަޙުމަދު ސައުދު ފާޑުވިދާޅުވެއްޖެއެވެ.

އެކަމަށް އޭނާ ފާޑުވިދާޅުވީ ޑިގްރީ، މަސްޓަރ، ޕީއެޗުޑީ ހާސިލް ކޮށްފައިވާ މީހުންނާއި ކައުންސިލަރުންގެ މުސާރައިގެ ތަފާތު ބޮޑުކަމުންނެވެ. "އުމުރު ހުސްކޮށް ބޮޑު ޚަރަދުން ޑިގްރީ، މާސްޓަރ، ޕީއެޗްޑީ ނެނގުމުގެ ބޭނުމެއްނެތޭ ގިނަ މީހުން ހިތައް އަރަނީ ހަމަ އަރަންވެގެން،" އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރަކަށް ވެސް ލިބެނީ ފަަނަރަ ހާސް ރުފިޔާއެވެ.

މިގެނައި ބަދަލުގެ ސަބަބުން މޭޔަރަކަށް ސާޅީސް ހާސް ރުފިޔާ ލިބޭނެއެވެ. ޑެޕިޔުޓީ މޭޔަރަކަށް ފަންސަތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. ސިޓީކައުންސިލް މެމްބަރަކަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ.

އަތޮޅު ކައުންސިލް ރައީސަކަށް ލިބޭނީ އަށާވީސް ހާސް ރުފިޔާއެވެ. ރަށުކައުންސިލް ރައީސަކަށް ތޭވީސް ހާސް ރުފިޔާއެވެ. ރަށުކައުންސިލްގެ ނާއިބު ރައީސަކަށް ލިބޭނީ ފަނަރަ ހާސް ރުފިޔާއެވެ. މެމްބަރަކަށް ބާރަ ހާސް ރުފިޔާއެވެ.

ސައުދު ވިދާޅުވީ 10 އަހަރު ތަޖުރިބާއާއެކު މާސްޓަރ ޑިގްރީ އޮތް ޑިރެކްޓަރެއްގެ މުސާރަ 15 ހާސް ހަމަނުވާ ކަމަށެވެ. "ސަރުކާރުން މިކަމަށް ފުންކޮށް ވިސްނަން ޖެހޭކަމަށް ދެކެން،" އޭނާ ވިދާޅުވިއެވެ.