އިޒްރޭލުން ފަލަސްތީން މީހުންނާއި ދެކޮޅަށާއި އިޒްރޭލުގެ ބައިމަދު އަރަބިންނާ ދޭތެރޭ މުއާމަލާތު ކުރަނީ ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތެއްގެ ދަށުން ކަމަށް ހިއުމަންރައިޓްސް ވޮޗްއިން ސިފަ ކޮށްފިއެވެ. ހިއުމަން ރައިޓްސް ވޮޗްއިން ބުނަނީ އިޒްރޭލުގެ މި އަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމުގައެވެ.

ނިއުޔޯރކްގައި ހުންނަ ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ޔަހޫދީ ދައުލަތުން އަރަބިންނާ ދޭތެރޭ މުއާމަލާތު ކުރާ ގޮތް ޑޮކިއުމެންޓްކޮށް، 213 ސަފްހާގެ ރިޕޯޓެއް ޝާއިއުކޮށްފައެވެ.

ހިލޭސާބަހަށް މަސައްކަތް ކުރާ މި ޖަމާއަތުން ބުނެފައި ވަނީ އިޒްރޭލުގެ އަމަލުތަކާއި ދޮން މީހުން ހިންގި ދެކުނު އެފްރިކާގައި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ހިންގި ސިޔާސަތުތައް އަޅައި ކިޔާކަށް ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ނަސްލީތ ތަފާތު ކުރުމުގެ އަމަލުތަކެއް ކަމަށް ސިފަ ކުރެވޭނެ ކަންކަމެވެ.

އާދައިގެ މަތިން އިޒްރޭލުން ވަނީ މި ރިޕޯޓަކީ އުފެއްދުމެއް ކަމަށް ބުނެ، މިއާދެކޮޅަށް ވާހަކަ ދައްކާފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ވަނީ މި ރިޕޯޓަށް މަރުޙަބާ ވިދާޅުވެފައެވެ.

ދާދި މިދާކަށް ދުވަހު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިޒްރޭލު ސިފައިންނާއި ހަނގުރާމަވެރި ހަމާސް ޖަމާއަތާއި ހަތިޔާރު އެޅި ޖަމާއަތްތަކުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގު ކުރާނެ ކަމަށް ބުނެފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތުގެ ޖަރީމާތަކުގެ މިސާލު ދައްކަމުން ބުނެފައި ވަނީ 1967 ގައި އިޒްރޭލުން ހިފފައިވާ އަރަބިންގެ ބިންތައް ކޮންޓްރޯލް ކޮށް އެތަންތަނަށް އެމީހުން ވަނުމަށް ހުރަސް އަޅައި އެމީހުންގެ ބިންތައް ފޭރި ގަނެ، އެތަންތާ ޔަހޫދީން ވަޒަންވެރި ކުރަމުން ގެންދާ ކަމަށެވެ. ޔަހޫދީންނަށް މޮޅުވާ ގޮތަށް، ފަލަސްތީނު މީހުންގެ އާބާދީތަކާއި ބިންތަކުގެ ކޮންޓްރޯލްވެސް އިޒްރޭލުން ގެންގުޅޭ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

މިފަދަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް، ރިޕޯޓުން އައިސްފައިވާ ނަތީޖާއަކީ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް އިޒްރޭލުން ހިންގާ ކަމަށެވެ.

ނަސްލީ ތަފާތު ކުރުމުގެ ކުށް މާނަކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކީ 1973ގެ މުއާހަދާއާއި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު އުފެއްދުމަށް އެކުލަވާލި 1998 ގެ ރޯމް މުއާހަދާއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިއާސީ ވައުދަކީ އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ވައުދެވެ. އޭނާ ވިދާޅުވެފައި ވަނީ ރަހްމަތްތެރި ގައުމަކުންވިއަސ އިންސާނީ ހައްގަށް އަރައި ގަންނަ ނަމަ އެމެރިކާ އެގައުމަކާ ދެކޮޅަށް ބަސް ބުނާނެ ކަމަށެވެ.

ބައިޑަން އާއި އޭނާގެ ނާއިބް ހެރިސް އަކީ ޔަހޫދީ ދައުލަތުގެ ދެ ރަހްމަތްތެރިން ކަމަށް މީޑިއާ ސިފަކުރެއެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަދި ބައިޑެން ބަސްފުޅެއް ވިދާޅެއް ނުވެއެވެ.