ފަސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އާއިލާ އިން ހުށައަޅާފައިވާ ހުށައެޅުމާމެދު ގޮތް ނިންމަން ތައްޔާރުވެއްޖެ އެވެ.

ރޯދަ މަހު ރައީސް ގެއަށް ބަދަލުކޮށްދޭން އާއިލާގެ ފަރާތުންނާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ. އެ ސިޓީގައި އެދިފައިވަނީ، ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ޑޮކްޓަރުންގެ ލަފާގެ މަތިން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކޮށްދިނުމަށެވެ.

ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމާމެދު ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ ރަސްމީ ނިންމުމެއް ނިންމާފައި އަދި ނުވާ ކަމަށެވެ.އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ވަރަށް އަވަހަށް ނިންމާނެ އެވެ. މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އެކަމުގެ ފައިނަލް މަޝްވަރާތައް ކަަމަށް އެނގިފައިވެއެވެ. ނަމަވެސް ކަރެކްޝަންގެ މީޑިއާ އޮފިސަރު އެކަމަށް ކޮމެންޓެެއް ނުކުރައްވައެވެ.