ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޔަން ކުރެއްވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހީދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވަރޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑަރސް އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން މި އިވެންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ސީ.ވީ.އެފްގެ ރިޔާސަތާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ،

މިނިސްޓަރ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރަކަށް ވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީ.ވީ.އެފްގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަމަށެވެ.

އަންނަ އަހަރު ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މި އޮތް ބާރުމިނުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. އަދި، މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ޤައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް މިނިސްޓަރގެ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ޤައުމަކަންވެސް ޤައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގުފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭކަމުގައި ވިދާޅުވިއެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެން އައީ ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވި އ.ދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް 48 ޤައުމުގެ އަޑު އުފުލައި ބައިނަލްއަޤްވާމީ ދުނިޔޭގައި ގުގުމާލަދޭ ތަފާތު ފޯރަމެއްގެ ގޮތުގައި ސީ.ވީ.އެފް ފާހަގަކުރެވެއެވެ.