ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް (އައި.އޭ.އެލް) އިމްތިޙާނުގެ ސުވާލު ކަރުދާސްތަކުގެ ތެރެއިން އެއްވެސް ކަރުދާހެއް ރާއްޖެއިން ލީކުވެފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވީ ފިސިކްސް ކަރުދާސް 1 ލީކް ވީކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައެވެ.

މިނިސްޓްރީން ވިދާުޅުވީ އިމްތިހާން ކަރުދާސްތައް "ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުޞޫލުތަކާ އެއްގޮތަށް ކުރިޔަށްދާ ކަމުގައި ދަންނަވަމެވެ. އަދި، އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިޙާނު ސެންޓަރަކުން ލީކުވެފައިނުވާ ކަމުގައި ދެންނެވީމެވެ."

ރާއްޖެއިން މީގެ ކަރުދާހެއް ލީކުނުވިޔަސް އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެވެސް ޤައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު ވަނީ އެ މިނިސްޓްރީއަަށް ވެސް ލިބިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި ވެސް އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.