މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވުމާއި ގުޅިގެން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާތީ ކަމަށެވެ. މާފުށީ ޖަލުން މިހާތަނަށް ތިން އޮފިސަރަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 21 މުވައްޒަފަކު ތިބީ ކަރަންޓީނުގައެވެ.

ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވީތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުދަންނަަވަމުން ޣައްސާން ވިދާޅުވީ، ރައީސް ޔާމީންއަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށެވެ. އަދި އެމަނިކުފާނު މިނިވަންކޮށް 2023ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިމިވަނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.