މޫދުގެ ރާޅުތައް އަހަރެންގެ ފައިގައި ބީއްސަމުން ދިޔައީ އުފާވެރި އިހުސާސްތައް ގެނުވަމުންނެވެ. މަޑު ވައި ރޯޅިއަހަރެންގެ ހަށިގަނޑުގައި ބީހެމުން ދިޔައީ އުފަލާއި އެކުގައެވެ. އެހަމަ ހިމޭން މާހަލުގައި އަހަރެން މޫދާއި ދިމާލަށް ބަލަހައްޓައިގެން އިނީ އިރުއޮއްސޭ މަންޒަރު ބަލާށެވެ. ފެންނަ ހިސާބެއްގައި އެއްވެސް މީހަކު ނެތެވެ. މުޅި ހިސާބުގައި ވަނީ ހަމަހިމޭންކަން ވެރިވެފައެވެ.

އެއީ މީގެ ފަންސަވީސް އަހަރުގެ ކުރިއެވެ. އަހަރެން އޮފީސް ދަތުރެއްގައި ރަށުން ބޭރަށް ދާންޖެހުނެވެ. ރާއްޖޭގެ އުތުރުގެ އަތޮޅަކަށެވެ. އަހަންނަކީ ދަތުރުކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހަކަށް ވުމުން އެދަތުރުގައި ބައިވެރިވީ ވަރަށް ޝަޢުގުވެރިކަމާއިއެކީގައެވެ. ރާއްޖޭގެ އެކި ހިސާބުގެ މީހުންގެ ދިރިއުޅުން ހުންނަގޮތް ތަޖުރިބާ ކޮއްލުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. ފްލައިޓް ގޮސް ރަންވޭގައި ޖެއްސިއިރު އަހަރެމެންގެ އިސްތިގްބާލްގައި އެރަށުގެ އިސްބޭފުޅަކު ވަޑައިގެން ހުންނެވިއެވެ. ކުޑަމިނުން ހިނގާފައިވެސް ދާކަށް ނުޖެހެއެވެ. އަހަރެމެން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ލޯންޗާއި ހަމައަށް ވެސް ގެންދިޔައީ ވެހިކަލެއްގައެވެ. ދިވެހިންގެ މެހެމާންދާރީ ހާދަހާ ފުރިހަމައޭ ހިތަށް އެރިއެވެ. ލޯންޗް އޭގެ ބާރު ދުވެލީގައި ގޮސް ރަށުގެ ފަޅުތެރެއަށް ވަދެގެން ދިޔައިރު އަހަރެންގެ އިނީ ރަށުގެ ރީތިމަންޒަރުތަކަށް ގެއްލިހުސްވެފައެވެ.

އަހަރެމެން ތިބޭ ގެއާއި ރަށުއޮފީސް ކައިރިކަމުން އަހަރެމެންގެ މަސައްކަތަށް ވަރަށްބޮޑު ފަސޭހައެއްވިއެވެ. އެއީ އަވަހަށް ނިންމަންޖެހޭ މަސައްކަތެއް ވީމާ އަހަރެމެންގެ ދަތުރުގެ ހުރިހާ ބައިވެރިންވެސް އުޅުނީ ވަރަށް ބުރަކޮށެވެ. މަސައްކަތް ނިންމާފައި ލިބޭ ހުސްވަގުތު އޮންނަނީ މަސްދަތުރު ދިޔުމާއި މަޖާކުރުމެވެ. އަހަރެމެން ފޫހިވާނެ އެއްވެސް ވަގުތެއް މިރަށުގެ ޒުވާނުންނުދެއެވެ.

ރެއަކީ އުޑުމަތި ސާފު ރީތި ރެއެކެވެ. މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައިރު އެންމެން އުޅުނީ އަތިރިމަތީގައި މަސް ފިހެއުމުގެ ކަންތަކުގައެވެ. ކޮންމެ މީހަކުވެސް އެމީހަކާއި ހަވާލުކުރި މަސައްކަތާއިގެން ބާރަށް ކުރިއަށް ދެއެވެ. އަހަރެންވެސް މަސައްކަތުގައި އުޅެފައި މަންމަ ގުޅީމައި ފޯނަށް ޖަވާބުދޭން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. އެހެން މީހުންގެ އުނދަގޫ ނުވާ ހިސާބަށެވެ. ފޯންކޯލް ނިންމާލައިފައި ދުވަހުގެ ޚަބަރު ބަލާލުމަށް ނޫސްތައް ކިޔާލަން ފޯނަށް ބަލަހައްޓައިގެން އަތިރިމަތީގައި އިށީނީމެވެ.

” ކާކަށް ތި ޗެޓް ކުރަނީ. އަނެއްކާ ބިޓް އޯ ވައިފްތަ ” އަހަރެން ސިއްސައިގެން ދިޔައީ އިބާނާ ސުވާލުކޮއްލި އަޑަށެވެ.

ތިބުނާ އެއްވެސް ކަމެއް އަހަރެންގެ ނެތް ކަމަށް ޖަވާބު ދިނީމެވެ. އެވަރުންވެސް އިބާނާގެ ސުވާލަކަށް ފަހު ސުވާލެއް ކުރިމަތިކުރަމުން ދިޔައެވެ. އިބާނާގެ ކިބައިން ސަލާމަތްވުމުގެ ބޭނުމުގައި އިބާނާ ގޮވައިގެން ހިގައިގެންފީމެވެ. އެހެން ކުދިންގެ ގާތަށެވެ.

” އަހަރެންގެވެސް ނުހުންނާނެ. އަސްލު ކުޑަމިނުން ބިޓެއް ހުންނަނަމަވެސް ފޫހި ފިލާނެ ދޯ ” އިބާނާ އަހަރެންނަށް ދޯ ދެމުން ބުނެލިއެވެ. އަހަރެމެން ގޮސް ދަތުރުގެ ބައިވެރިންނާއި ހަމަވީއިރު ކަމަކު ދާކަށް ނެތެވެ. އެންމެން ތިބީ އަހަރެމެންނާއި ދިމާލަށް ބުނެލާނެ އެއްޗެއް ލިޔެ ހިތުދަސްކޮއްގެން ހީވިއެވެ. އެއްބަޔަކު ދިޔައީ މަރުހަބާ ކިޔަމުންނެވެ. އަނެއްބަޔަކު ދިޔައީ ދެން ދޫކޮށް ނުލުމަށާއި މިފަހަރު ދާންވާނީ ގޮވައިގެން ކަމަށް ބުނަމުންނެވެ.

ގެއަށް އައިސް ފެންވަރާލައިގެން އޮށޯތީ މާދަމާ އަވަހަށް މަސައްކަތަށް ދިއުމަށެވެ. ނަމަވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ އިބާނާގެ ޚިޔާލުތަކެވެ. އިބާނާގެ ޖެހިލުން ޖެހިލުން ކުޑަކަމެވެ. އެހެން އަންހެން ކުދިންނާއި ވަރަށް ތަފާތެވެ. ބުނަން ބޭނުންވާ ވާހަކަ އެއް ވަގުތުން ބުނެލައެވެ. އެއީ އަހަރެން ވަރަށް ގަޔާވާ ސިފައެކެވެ. އަހަރެންނަށް އެޚިޔާލުގައި އޮވެވުނީ ދިހަވަރަކަށް މިނިޓެވެ. އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. އިބާނާއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ވާން މި އުޅެނީ ކީއްބާވައޭ ހިތަށް އެރިއެވެ. އަހަރެން ފޯނު ނަގަން ނުނަގަން އިނދެފައި އެއްމެފަހުން ފޯނަށް ޖަވާބު ދިނީމެވެ.

” އަދިވެސް ނުނިދަނީތަ ” އިބާނާ ފުރަތަމަވެސް ކުރީ ސުވާލެވެ. ޖަވާބުގައި އާނ އެކޭ ބުނެ ނިންމާލީމެވެ. ނަމަވެސް އެވަރަކުން އިބާނާ ނިންމާލާކަށް ނޫޅުނެވެ. ހީވަނީ ބޮޑު ތަހުގީގަކަށް ހާޒިރު ކޮއްފައިއިން ހެނެވެ. ނަމަވެސް އެފޯނުކޯލަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮއްލި ކޯލެކެވެ. އަހަރެންނަށް އާދުނިޔެކަށް އާދެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެންގެ ހިތް އިބާނާއަށް ގޮވަންފެށިއެވެ. އިބާނާގެ ސޫރަ ދެކެން އެދުނެވެ. އެންމެ ފަހުން އަހަރެންމެން ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން ފެށުނީއެވެ. ދުވަހަކުވެސް ވަކިނުވާން ހުވާކުރެވުނެވެ.

އަހަރެންނަށް ހެނދުނު ހޭލެވުނީ ނުވައެއްވެސް ޖެހިފަހުންނެވެ. އެވެސް އިބާނާގެ ފޯނުކޯލަކުންނެވެ. މަސައްކަތަށް ދިއުން ލަސްވީމައެވެ. އިބާނާ އަކީ އަހަރެންގެ އޮފީސް ކުއްޖެއް ނޫނަސް އަހަރެންގެ ހުރިހާ ކަމެއް ބަލާކަން މިއަދު އެގިއްޖެއެވެ. އަވަހަށް ފެންވަރާލައިގެން އޮފީހާއި ދިމާލަށް މިސްރާބު ޖެހީމެވެ. މާބޮޑަށް ލަސްވީމަ އަހަރެން ހުރީ ވަރަށް ދެރަވެފައެވެ.” އޭ ހެލޯ. މަޑުކޮއްލަދީފާނަންތަ ” އަހަރެން ސިއްސައިގެން ދިޔައީ އިބާނާގެ އަޑަށެވެ. އަހަރެން ފަހުން ގުޅާނެ ކަމަށް ބުނެ ހިގައިގެންފީއެވެ.

” ތި އޮފީސް ކުދިން އެބަތިބި އަހަރެމެންގެ ގޭގައި ސައިބޯން. މަ މިއައީ ތިބޭފުޅާ ބަލާ ” އިބާނާ ލާނެތް ފާޑަކަށް ހޭންފެށިއެވެ. އަހަރެން އިބާނާމެން ގެއަށް ދިޔައިރު ހުރިހާ ކުދިން ސައިބޯން ތިއްބެވެ. އަހަރެންވެސް މޭޒުދޮށުގައި އިށީނީމެވެ. ކައިރީގައި އިބާނާގެ މަންމަ އާއި ބައްޕަ ވެސް ތިއްބެވެ. މަޖަލުގެ ތެރޭގައި ސައިބޮއި ނިމުނު އިރެއްވެސް ނޭގުނެވެ.

” ކޮބާ ދުފާލަންވާނެދޯ ” އަހަރެންގެ އަތަށް ދުފާ ތަބައް ދެމުން އިބާނާގެ ބައްޕަ ބުނެލިއެވެ. ދެން ފެށުނީ އާއިލާގެ ތަޢާރަފެކެވެ. އަހަރެމެން ހުރިހާ އެންމެނަށް އެ އާއިލާ ތަޢާރަފް ކޮއްލަދިނީއެވެ. ފުރަތަމަވެސް އިބާނާގެ މޮޅުވާހަކައެވެ.

އަހަރެންނަށް ގެއަށް އާދެވުނުއިރު ހުރީ އިރުއޮއްސެން ގާތްވެފައެވެ. މާދަމާ އަކީ އަހަރެމެންގެ ދަތުރު ނިންމާލަފައި އެނބުރި މާލެދާން ފުރާދުވަހެވެ. އަހަރެންނާއި އެކީ އިބާނާވެސް ގެއާއި ހަމައަށް އައެވެ. އެއިރުވެސް އިބާނާގެ އަނގަ ހުއްޓައެއް ނުލައެވެ. އިބާނާ އެހާ ރަނގަޅީ ނަރުސް ކުއްޖަކަށް ވުމުން ކަމަށް ވެދާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. ބަލި މީހުންނަށް އަޅާލާ އޯގާތެރި ވުމަކީ އިބާނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމުގައި އިބާނާ ބުންޏެވެ.

” އާލިފް ފުރީމަ އަހަރެން ވަރަށް ފޫހިވާނެ ” އިބާނާ އަހަރެން އަތުގައި ހިފެހެއްޓިއެވެ.

” ދެރަނުވޭ އަހަރެން މާލެ ގޮސް ހުރިހާ ކަމެއް ހަމަޖައްސާނަން ” އަހަރެން އިބާނާ ހިތްހަމަޖެއްސޭތޯ ބެލީމެވެ.

” ތީ މާލެ މީހުންގެ ގޮތް. ތިހެން ބުނެފައި ދެން ގޮސް ގެއްލޭނީ ” އިބާނާ ރޮވެން ފެށިއެވެ.

އަހަރެންނަކީ މީހުންނަށް ދޮގު ހަދާ އޮޅުވާލާ މީހެއް ނޫނެވެ. އަހަރެންގެ ހުރިހާ ވާހަކައެއް އިބާނާ އަކަށް ނޭގޭނެއެވެ. ހުރިހާ ވާހަކަތައް މީހުންނަށް އެގުމަކީ ދެއްކުންތެރިކަން ނޫނީ ދެން ކޮންމެހެއްޔެވެ. މިއީ އަހަރެން ގަބޫލުކުރާ ގޮތެވެ. ހެނދުނުހެނދުނާއި އަހަރެން ފުރައިގެން މާލެ އައީމެވެ. މާލެ އައުމާއި އެކު ފުރަތަމަވެސް އަހަރެންގެ ކަމަކަށްވީ އަހަރެންގެ މައިންބަފައިންގެ ގާތުގައި އިބާނާގެ ވާހަކަ ދެއްކުމެވެ. އަދި ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ހަމަޖެއްސުމަށެވެ. ނަސީބުވެސް ވަރަށް ރަނގަޅެވެ. އަހަރެން އެދުނު ގޮތަށް އަހަރެން ބޭނުން ދުވަހަކު ކައިވެނީގެ ކަންތައް ކުރިއަށް ގެންދިއުމަށް އެދުނުނެވެ. އަހަރެން ހުރީ އުފަލުން ފޮޅިފައެވެ. ވަގުތުން އިބާނާއަށް ގުޅާފައި އެވާހަކަ ބުނީމެވެ.

އަހަރެމެން ކައިވެނި ކުރީ އިބާނާގެ އުފަންދުވަހުގައެވެ. އެއީ އިބާނާވެސް ބޭނުންވި ގޮތެވެ. ދެފަރާތުގެ އާއިލާގެ ގިނަ މީހުން އެހަފްލާގައި ބައިވެރިވިއެވެ. ކުޑަ ހަފްލާއެއް ނަމަވެސް އުފާވެރިކަން އިންތިހާއެވެ. ކައިވެންޏަށްފަހު އިބާނާ ބަދަލުވީ މާލެއަށެވެ. އަހަރެންގެ ގާތަށެވެ. ދުވަސް ކޮޅަކަށް ގޭގައި އިބާނާ މަޑުކުރިއެވެ. އިބާނާގެ ވަޒީފާ މާލެއަށް ބަދަލުވަންދެނެވެ. ވަޒީފާ މާލެއަށް ބަދަލުވުމާއިއެކު އިބާނާ ވަޒީފާއަށް ނިކުންނަން ފެށިއެވެ. ވަޒީފާއަށް އިބާނާ ނިކުތީ ބޭނުންވެގެންނެވެ. އިބާނާ ވަޒީފާ އަށް ނިކުތްތާ މާގިނަ ދުވަހެއް ނުވަނީސް އަހަރެންގެ ބައްޕަ މި ފަނާވަނިވި ދުނިޔެ ދޫކޮއްފިއެވެ. އެދުވަސްކޮޅު ތަންކޮޅެއް ހިތާމައިގައި އުޅުނަސް ދުވަސްކޮޅަކުން ހަމައަކަށް އެޅިއްޖެއެވެ. އިބާނާގެ ހިތްވަރުންނެވެ.

ހެނދުނު ހޭލެވުނުއިރު އިބާނާ ހޮޑުލަނީއެވެ. ކުޑަކޮށް ހުންއައިސްފައެވެ. އަހަރެން އަވަސްވެގަތީ އިބާނާ ހޮސްޕިޓަލަށް ގެންދެވޭތޯއެވެ. ޓެކްސީ އަށް ގުޅައިގެން އަވަސްވާނެ ގޮތެއް ނުވިއެވެ. ނަމަވެސް ކެތްތެރިކަމާއި އެކު ހުރީއެވެ. ހޮސްޕިޓަލަށް ދެވުނުއިރު ހުރީ ވަރަށް ލަސްވެފައެވެ. އަވަހަށް އިމަޖެންސީ ރޫމަށް ވައްދައިފިއެވެ. ޑޮކްޓަރ ދިނީ އަހަރެންގެ ހިތް އުފަލުން ބަންޑުންކޮއްލި ޚަބަރެކެވެ. އަހަރެން ބައްޕައަކަށް ވަނީއެވެ. އިބާނާވެސް އިނީ އުފަލުން ފޮޅިފައެވެ. ގެއަށް އައުމުގެ މަގުމަތީގައި ދެފަރާތުގެ އާއިލާގެ މީހުންނަށް އެޚަބަރު ދިނީމެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އަހަރެން ސިޓިންގރޫމްގައި އިންދާ އިބާނާ ގޮވި އަޑު އިވުނެވެ. ވޭނީ އަޑަކުންނެވެ. އަހަރެން ދުވެފައި ކޮޓަރިއަށް ވަނީމެވެ. އެއިރު އިބާނާ އެނދުގައި އިށީދެއިނެވެ. އަހަރެން ގޮސް އިބާނާގެ ގައިގައި ބައްދާލީމެވެ. އިބާނާ ބަނޑުގައި ރިއްސަނީއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އިބާނާގެ ބަނޑަށް އަދި ހަތްމަސް ވީ ކިރިޔާއެވެ. އަހަރެންގެ އުންމީދު ފުޑުފުޑުވަނީބާއެވެ. އަވަހަށް ހޮސްޕިޓަލަށް ދިއުމަށް އެމްބިއުލާންސަށް ގުލީމެވެ. މާގިނައިރެއް ނުވަނީސް އަހަރެމެންނަށް ހޮސްޕިޓަލަށް ދެވުނެވެ. ވަގުތުން އިބާނާ ވެއްދީ ވިއްސާ ކޮޓަރިއަށެވެ. ވިހި މިނިޓްވެސް ނުވަނީސް ޑޮކްޓަރ އަހަރެންގެ އަތަށް ދިނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އަހަރެން އުފަލުން ބައްދާލީމެވެ. މުޅިދުނިޔޭގައިވާ ހުރިހާ އުފަލެއް އެއްފަހަރާ އަހަރެންނަށް ލިބުނު ކަހަލައެވެ.

ދަރިފުޅު އުމުރުން އެއް އަހަރުވީތަނާ އިބާނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް އަންނަން ފަށައިފިއެވެ. އަހަރެންނާއި ދޭތެރޭ އިންތިހާއަށްފަރުވާ ކުޑަކުރި ނަމަވެސް އަހަރެން އެކަމަކާއި އަޅައެއް ނުލަމެވެ. ދެމީހުން ދޭތެރޭ މައްސަލަ ޖެހެން ބޭނުން ނުވާތީއެވެ. އަހަރެންނަށް އިސްކަން ނުދިނަސް އެންމެ ރަނގަޅެވެ. އެކަމަކު ދަރިފުޅަށް އަޅާލުމާއި ލޯބި ދޭންވާނެއެވެ. އެކަމަކު ދަރިފުޅަށް ވުރެ ވަޒީފާއަށް އިބާނާ އިސްކަންދޭކަން ފާހަގަ ކުރެވެއެވެ. އަހަރެން ނަސޭހަތެއް ދިނަސް ގަބޫލު ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ދަނީ ދެކެމުންނެވެ. އެވަރުންވެސް އަހަރެން ހިތްވަރު ކުރީމެވެ. އެއީ އަހަރެންގެ އަނބިމީހާއެވެ. އަދި އަހަރެންގެ ފުރާނަ ފަދަ އަހަރެންގެ ދަރިފުޅުގެ މަންމައެވެ. އަހަރެން އިބާނާއަށް އިތުބާރު ގެއްލުވާލަންވީ ކީއްކުރަން ހެއްޔެވެ.

އިބާނާ ޑިއުޓީ ނިންމާފައި ގެއަށް އައި ގަޑިއެވެ. އަހަރެން އިނީ ދަރިފުޅާއި އެކީ ސިޓިންގރޫމްގައެވެ.

” މިރޭ ހާދަ ލަސްކޮއްލާފައި ތިއައީ ” އިބާނާ އެހާ ލަސްކޮއްލާފައި ގެއަށް އައުމުން ސުވާލު ކުރީމެވެ.

” ކަލެއަށް ކޮން ކަމެއް ” އިބާނާ ދިނީ ރުންކުރު ޖަވާބެކެވެ. ނަމަވެސް ދަރިފުޅު އަހަރެން ގާތުގައި އިނީމަ އެއްޗެކޭ ނުބުނަމެވެ.

” އާލިފް ތީ މާރަނގަޅު މީހެއްތަ މަށަށް ގޮތް ކިޔައިދޭން ” އަހަރެން އެއްޗެކޭ ނުބުންޏަސް އިބާނާ ހުއްޓައެއް ނުލިއެވެ.

” އިބާ. އަހަރެމެންގެ ދަރިފުޅު މިއިނީ އަހަރެމެންގެ ގާތުގައި ތިކިޔާ އެއްޗެއް އަޑު އަހަން. ހުއްޓާލަފާނަންތަ ” އަހަރެން އިބާނާ ހުއްޓުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވުމުން ކޮޓަރިއަށް ދާން ހިގައިގަތީމެވެ. އިބާނާ ފަހަތުން އައިސް އަހަރެންގެ އިސްށިގަނޑުގައި ހިފެހެއްޓިއެވެ.

” މިހާރު މަ ފަހަތުން ފާރަވެސްލާންފެށީތަ ” އިބާނާ ހަޅޭލަވަމުން ދިޔައެވެ. އަހަރެން އަނގައިންވެސް ނުބުނަން ހުރީއެވެ.

” އޭ ކިހިނެތްވެގެންތަ ތި އުޅެނީ ” އަހަރެންގެ މަންމަ އައިސް އިބާނާގެ އަތުގައި ހިފެހެއްޓިއެވެ. ހަމަ އެއާއި އެކު އިބާނާގެ ބާރު ހަމަލައެއް މަންމަގެ މޫނު މައްޗަށް އަރުވައިލިއެވެ. މަންމަ އަރި އަޅައިލިވަގުތު މަންމަ ގައިގައި ހިފެހެއްޓޭތޯ އަހަރެން މަސައްކަތްކުރި ނަމަވެސް މަންމަ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނީއެވެ. މަންމަގެ ހޭވެރިކަމެއް ނެތެވެ. ވަގުތުން މަންމަ ގޮވައިގެން ހޮސްޕިޓަލަށްދިޔައީމެވެ. އަހަރެންނާއި އެކުގައި އިބާނާވެސް ހޮސްޕިޓަލަށް ދިޔައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. އެގޮތުން އިބާނާ އަށް ވެސް ކުރެވުނު ކުށަށް ތައުބާވީ ކަންނޭގޭނޫންހެއްޔެވެ. އެހެން ނޫންނަމަ އިބާނާ އަހަރެންގެ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ނައީހެވެ. ޑޮކްޓަރަށް ދެއްކުމުން ދިނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. މަންމަގެ ބޮލުގެ ނާރެއް ފަޅައިގެން ދިޔުމުން މަންމަ ދުނިޔޭގައި އޮންނާނެ ކަމުގެ އުއްމީދު ކަނޑައިލީއެވެ. އަހަރެން އިބާނާ އާއި ދަރިފުޅު ގެއަށް ފޮނުވާލާފައި ހޮސްޕިޓަލުގައި މަޑުކޮއްލީމެވެ. މަންމަގެ ހާލު ދަށްވަމުން ގޮސް ފަތިސްނަމާދަށް ގޮވިތަނާހެން މިދުނިޔެ ދޫކޮއްފިއެވެ. އަހަރެން އެކަނިވި ކަހަލައެވެ. އަހަރެން އިބާނާއަށް އެޚަބަރު ދިންތާ ގިނައިރެއް ނުވަނީސް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އަދި މަންމަ ވަޅުލާ ހުރިހާ ކަމެއް ނިމެންދެން އިބާނާ އުޅުނެވެ. އިބާނާގެ އެ އަމަލުތަކުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

މަންމަގެ ޖަނާޒާގެ ކަންތައް ނިންމާލުމަށްފަހު އަހަރެން ގެއަށް އައިސް ފެންވަރައިގެން ނިކުތްއިރު އިބާނާ ސިޓިންގރޫމްގައި އިނެވެ. އަހަރެން ފެނުމުން ހީލިއެވެ. އަހަރެންވެސް ޖަވާބުގައި ހީލީމެވެ.

” ހިނގާ ސައިބޯން ” އިބާނާ ވަރަށް ލޯބިން ބުނެލިއެވެ.

އަހަރެން ސައިބޯން އިށީނީމެވެ. ދަރިފުޅުވެސް ސޯފާގައި އިނެވެ.

” އަހަރެން ބޭނުން ވަރިވާން. އަހަރެންނަށް ދެން އާލިފާއި އެކީ ނޫޅެވޭނެ ” އިބާނާގެ އެޖުމްލަ ހީވީ އަހަރެންގެ ހިތް ކުދިކުދިކޮށް ކޮށާލިހެންނެވެ.

” އެއީ ކީއްކުރަން. ދަރިފުޅާއި މެދު ވިސްނާލިންތަ ” އަހަރެން އާދޭސް ކުރީމެވެ. ނަމަވެސް އެކަމަށް އިބާނާ ދިނީ ބީރުކަންފަތެކެވެ. އެންމެ ފަހުން އަހަރެން ގޮތް ހުސްވެ އިބާނާ ވަރިކުރީމެވެ. އިބާނާ އުފަލުން ފޮޅުނެވެ.

އިބާނާ ރަށަށް ދާން ފުރިއިރު ޖެޓީމަތީގައި އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ލޯންޗު ފުރިއިރު ދަރިފުޅު އަހަރެންނަށް އަތުން ޓާޓާ ކިޔަމުން ދިޔައިރު އިބާނާ އެކަމަށް ހުރަސް އަޅަން މަސައްކަތް ކުރަމުން ދިޔައެވެ. ލޯންޗު ލޮލުގެ ކޮޅަށް ގޮސް ގެއްލެންދެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އަހަރެން އެންމެ ދެރަވީ އަހަރެންގެ ދަރިފުޅު ގޮވައިގެން އިބާނާ ދިޔައިމައެވެ. އެރަށަށް އެމީހުންނަށް ދިއުމަށްފަހުވެސް ދަރިފުޅުގެ ހާލު ބަލާ ޚަރަދު ކުރަމުން ދިޔައީމެވެ. ނަމަވެސް އިބާނާގެ ވާހަކައެއް ނުދައްކައެވެ. އިބާނާ ރަށަށް ދިޔަތާ ހަތަރުމަސް ވީތަނާ އަހަރެންނަށް އަޑުއިވުނީ އިބާނާ ކައިވެނި ކުރި ޚަބަރެވެ. އަހަރެން މަރުހަބާ ކިޔުމަށް އިބާނާ އަށް ގުޅީމެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ކޮންމެ ފަހަރަކުވެސް ފޯނު ބިޒީކޮއްލަނީއެވެ. ނަމަވެސް އެކައިވެންޏަކީ އެހާ އުފާވެރި ކައިވެންޏަކަށް ނުވިއެވެ. އަނިޔާވެރިއެއްގެ އަތްދަށު އިބާނާ ވީއެވެ. އެންމެފަހުން އެއަނިޔާއަށް ކެތްނުކުރެވި އިބާނާވެސް މިދުނިޔެ ދޫކޮށް ދާންޖެހުނީއެވެ. އަހަރެން މިހާރު އިބާނާގެ ރަށުގައި މިހުރީ އަހަރެންގެ ދަރިފުޅުގެ އަލަތު ކައިވެންޏަށް އައިހެވެ. އުފާވެރި ހިތަކާއިގެންނެވެ. ނަމަވެސް އެއީ މީގެ ފަންސަވީސް އަހަރުގެ ކުރި ނަމަވެސް އިބާނާގެ ހަނދާންތައް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފިލައެވެ. އަބަދުވެސް އިބާނާގެ އޯގާތެރި ކަމަށް އުއްމީދު ކުރީމެވެ. އޯގާވެ ބަހެއް ބުނެލާތޯ އެންމެ ފަހު ވަގުތަށްވެސް އަހަރެން އިންތިޒާރު ކުރީމެވެ.

= ނިމުނީ =