ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރި ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅުރަށެކެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވާ އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް އަތުލުމަށްފަހު ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ.އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފަ ކަމަށް ވެއެވެ.

ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.

އެހެންކަމުން އަލަށް ދައުވާކުރުމަށް ފޮނުވާފައިމިވާ އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައިފިނަމަ އެ މައްސަލަ ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލާ ހަ ވަނަ ޖިނާއީ ދައުވާއަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް އުފުލާފައެވެ. އެމައްސަލައިގެ ޝަރީޢަތް ވެސް ވަނީ ފަށާފައެވެ.