އިސްލާހު ކުރަން ފިނޭންސް މިނިސްޓްރީން ފެނަކައަށް އެންގެވި ކަންކަން މިހާރުވަނީ ރަނގަޅުކޮށްފައި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ 4 ކަމެއް ރަނގަޅު ކުރަން ފެނަކައަށް އެންގެވި ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އެކަންކަން ރަނގަޅު ކުރަން ފެނަކައިން ދިން މުއްދަތު ހަމަވެފައިވަނީ އެޕްރީލް މަހު 7 ވަނަ ދުވަހު ކަމަށެވެ.

ކަންކަން ރަނގަޅު ކުރަން އެކުންފުންޏަށް އެންގެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް ހުށަހަޅާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ހައްލުކުރުމަށެވެ. އެގޮތުން އިސްލާހުވާން ނުވަތަ އިސްލާހު ކުރަން އެންގެވީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ތައްޔާރުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސީޖަރ އަދި ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ނުވަ އިސްލާހެއް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ފެނަކައަށް އަންގައިފައި ކަމަށް މަބުރޫކު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އިސްލާހު ކުރަން ފެންނަ އިތުރު 4 ކަމެއް އިސްލާހު ކުރުމަށް ވެސް އެ ކުންފުންޏަށް ވަނީ އަންގާފައެވެ. "މި ކަންކަން އިސްލާހު ކުރުމަށް އެ ކުންފުންޏަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ، 2021 އޭޕްރިލް 7 ވަނަ ދުވަހެވެ. މީގެ އިތުރުން، އެ ކުންފުނީގެ ދެ އޮޑިޓެއް މި އަހަރު ނިމުމުގެ ކުރިން ހެދުމަށް ވެސް ވަނީ ނިންމާފައެވެ."