އެއްވެސް ބަޔަކަށް ލިބޭ ކާމިޔާބީއަކީ އޭގެ ސަބަބުން ބޮޑާވެ ކިބުރުވެރިކަން ދައްކަންވީ ސަބެއް ނޫންކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ކާމިޔާބުގެ ސަބަބުން ދެންތިބި މީހުން ހައްގުތަކުން މަހުރޫމު ވެސް ކޮށްގެން ނުވާނެ ކަމަށެވެ. "ކާމިޔާބެއް ލިބުމަކީ ބޮޑާކަމާއި ކިބުރުވެރިކަން ދައްކައި އަނެކުން ނިކަމެތިކޮށް ހައްގުތަކުން މަހުރޫމް ކުރަންވީ ސަބަބެއްނޫން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ނާކާމިޔާބެއް ކުރިމަތިވުމަކީ ހާސްވުމާއި ގޮތް ހުސްވުމާއި ކަންބޮޑުވެ މާޔޫސްވާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ. "ނާކާމިޔާބެއް ލިބުމަކީ ހާސްވެ ގޮތްހުސްވެ މާޔޫސްވެ ތިމާއާއި ތިމާގެ ޖަމާއަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއްނޫން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިޓުވީޓު ކުރެއްވީ ޖަލުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމީން ގެކޮޅަށް ބަދަލު ކުރެއްވުމުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.