މަސައްކަތްތެރިން ހައްގުތައް އަދިވެސް ފުރިހަމަނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފަހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.
ރައީސް ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި، މަސައްކަތް ކުރުވުމަށްފަހު، އެމީހުންގެ ހައްގު އުޖޫރަ ނުދިނުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ޙާލަތްތަކުގައި، މަސައްކަތްތެރިން ގެންގުޅުން ފަދަ މައްސަލަތައް، މިހާރުވެސް ހިނގަމުން އަންނަކަމަށެވެ.
"މަސައްކަތްތެރިންނާ ގުޅިފައިވާ މިފަދަ މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްގުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައްވެސް މި އަންނަނީ ގެންނަމުންނެވެ. އޭގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން މިހާރު ވާނީ ޤާނޫނީ ގޮތުން ލާޒިމް ކުރެވިފައެވެ." ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، 10 އިންސައްތައަށްވުރެ މަދު ނޫން އަދަދަކުން ސަރވިސް ޗާޖް ނެގުމަށާއި، ސަރވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާ، މުވައްޒަފުންނަށް ދިނުމަށް، ޤާނޫނުގައި މިހާރުވަނީ ކަނޑައަޅައި ކަމަށެވެ.
ކޮވިޑްގެ ނުރައްކާތެރިކަމުގެ ތެރޭގައިވެސް، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި މަސައްކަތްތެރިން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. "އޭގެ ތެރެއިންވެސް، ސިއްހީ ދާއިރާގެ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަންޖެހެއެވެ. އަދި ހަމަ މި ދަތިކަމުގެ ތެރޭގައި، ގިނަ ޢަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަންވެސް ފާހަގަކޮށްލަމެވެ. އެފަދަ މީހުންގެ ހައްގުތައް ޙިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވާނީ، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައެވެ."