ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ގައުމެއްގެ އަމިއްލަ ދަރިން، ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅިވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހު ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ގައުމު ތަރައްގީކުރަން ފަށަން ވެއްޖެ ކަމަށެވެ. އެކަން އެގޮތަށް ކޮށްފިނަމަ މިހާރަށްވުރެ މާ ފުރިހަމަ ތަރައްގީއެއް ހޯދޭނެކަމީ ޔަގީން ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ކޮންމެ މީހަކުވެސް ބުރަ މަސައްކަތްކޮށް، ގައިން ދައު އޮހޮރުވަނީ، ވަރަށް މަތިވެރި އަޒުމެއްގައެވެ. ވަރަށް ފޮނި އުންމީދެއްގައެވެ. އެއީ، އުފާވެރި ތަނަވަސް ދިރިއުޅުމެއް ހޯދުމެވެ." މިއަދަކީ އެ ވަރުގަދަ ޢަޒުމްގައި މަސައްކަތްކުރާ މީހުންގެ ޢީދު ދުވަސް ކަމަށް ވެސް ރައީސް ސިފަ ކުރައްވާފައި ވެއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނަށާއި، ވަޒީފާ އަދާކުރާ އެންމެންނަށް، ވަރަށް އުފާވެރި ބާއްޖަވެރި ތަނަވަސް މުސްތަގުބަލަކަށް އެދި ވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.