މާލެ ސަރަހައްދުން 10 މީހުންނަށްވުރެ ގިނައިން އެއްތަނެއްގައި ކަރަންޓީންވާން ދާނަމަ ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަންޖެހޭގޮތަށް އުސޫލަށް ބަދަލުގެންނަށް ގަސްދުކޮށްފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، މާލެއިން ރަށްރަށަށް ގޮސް ފުރަބަންދުވާންޖެހޭ އުސޫލު އެކުލަވާލައި އަމަލުކުރަން ފެށުމުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވިފައިވާކަމަށާއި، ފުރަބަންދުގައި ތިބޭ އެންމެންވެސް ފުރަބަންދުގެ އުސޫލަށް އަމަލުކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.

ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ އެއްތަނެއްގައި ގިނަ ބަޔަކު ފުރަބަންދު ކަރަންޓީންވާނަމަ އަމަލުކުރަންޖެހޭނީ ވަކި އުސޫލަކުންކަމަށެވެ.

އަދި އުސޫލާއެއްގޮތަށް އިންތިޒާމުތައް ހަމަޖައްސަން ދަތިވާނަމަ ނުވަތަ ވަކިވަކިން ކަރަންޓީނުވެވޭނެ އިންތިޒާމު ހަމަނުޖެއްސޭނަމަ ދެން އަމަލުކުރާނެ ރައްކާތެރިކަމުގެ އުސޫލެއްގެ ގޮތުގައި 10 މީހުންނަށްވުރެ އިތުރަށް އެކީގައި ކަރަންޓީންވާންދާ ހާލަތުގައި ކަރަންޓީނަށް ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަންޖެހޭގޮތަށް އުސޫލު ބަދަލުކުރުމަށް ވިސްނަމުންދާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

"މިގޮތަށް ޕީސީއާރު ޓެސްޓްހަދާނީ ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން. އޭގެ މާނައަކީ ގްރޭޓަރ މާލެ ސަރަހައްދުން މިގޮތަށް ރަށަކަށްގޮސް ގިނަ އަދަދެއްގެ މީހުން ކަރަންޓީންވާން ދާނަމަ، މާނައަކީ 10 މީހުންނަށްވުރެ ގިނަ އަދަދެއްގެ މީހުންދާނަމަ ޕީސީއާރު ޓެސްޓް ހަދަންޖެހޭނެއޭ" ޑރ. އަޙްމަދު ޝަހީދު ވިދާޅުވިއެވެ.