ރާއްޖޭގައި މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ 235 ސެންޓަރެއްގައި އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު، މީގެ ތެރޭގައި ހިމެނެނީ މާލޭގެ 22 ސެންޓަރަކާއި އަތޮޅުތެރޭގެ 213 ސެންޓަރެކެވެ.

މިފަހަރުގެ އިމްތިހާނުގައި ޖުމުލަ 5955 ދަރިވަރުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާލެއިން އިމްތިހާނު ހަދާ 2،196 ދަރިވަރުންނާއި، އަތޮޅުތެރެއިން އިމްތިހާނު ހަދާ 3،759 ދަރިވަރުންނެވެ.

އޯލެވަލް އިމްތިހާނު މިއަދު ފަށާފައިވާއިރު އެޑެކްސެލް އޭލެވަލް އިމްތިހާނު ވެސް މިހާރު ކުރިއަށް އެބަދެ އެވެ. އެޑެކްސެލް އިމްތިހާންގައި 2800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ އެވެ. އެއީ މާލޭގެ ސްކޫލްތަކުން 1،890 ދަރިވަރުންނާއި، އަތޮޅުތެރޭގެ ސްކޫލުތަކުން 931 ދަރިވަރުންނެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ އިމްތިހާންތައް ކުރިއަށް ގެންދަނީ ކޮވިޑް 19އާއި ގުޅިގެން އެޗްޕީއޭ އިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.