ވަގުތު ފާއިތު ނުވަނީސް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރާއްޖެއިން އިއްޔެ ރެކޯޑް އަދަދަށް މީހުން ޕޮޒިޓިވް ވުމާގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަތޮޅު ތެރޭގައި އެއްރަށުން އަނެއްރަށަށް ދަތުރު ނުކުރެވޭނެހެން އަޅާފައިވާ ފިޔަވަޅާއި އެއްގޮތަށް މާލެ ސަރަހައްދުގައިވެސް ހަރުކަށި ފިޔަވަޅުތައް އަޅަން އަވަސް ކުރަންޖެހޭ ކަމަށެވެ.

"ރަށްރަށަށް ދަތުރު ކުރުން މަނާ ކުރުން އެއީ ކޯވިޑް ކޮންޓްރޯލު ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް. މާލޭގައި ވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ. ނޫނީ މާ ލަސްވެދާނެ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 500 އިން މައްޗަށް އަރާފައެވެ. ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު ވަނީ 5،500 އަށްވުރެއް މައްޗަށް އަރާފައެވެ. އަދި ހޮސްޕިޓަލުގައި ދަނީ 172 މީހަކަށް ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޟަރޫރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫންގޮތަކަށް މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓަލުމަށް އަންގާފައެވެ.