ޕާކިސްތާން ސިފައިން އަނެއްކާވެސް މީހުންގެ ސަމާލުކަމަށް އައިސްފިއެވެ. މިފހަރު މިހެން ދިމާވެފައި ވަނީ ލާހޯރު ހައި ކޯޓުން ޕާކިސްތާން ސިފައިންނަކީ އެންމެ ގިނައިން އެގައުމުގައި ބިން ފޭރޭ މުއައްސަސާކަމަށް ލޭބަލް ކުރުމުންނެވެ. ހައި ކޯޓުން ސިފައިންނަށް އަންގާފައި ވަނީ "ރަސްކަން ނުކުރުމަށެވެ."

ޕާކިސްތާނަކީ ސިފައިންގެ މުއައްސަސާ މުއްސަނދި ފަގީރު ގައުމެކެވެ. 1947 ން ފެށިގެން މިހާތަނަށް ސިފައިން ވަނީ ވިޔަފާރީގައި މުހިންމު ޝައުގުވެރިކަމެއް ދައްކާފއެވެ. ގައުމުގެ ބޭރުގެ ދަރަނި 110 ބިލިއަންއަށް އަރާއިރު، ސިފައިންނަކީ މިއިން ބޮޑު ފައިދާ ނަގާފައިވާ ފަރާތްތަކެވެ.

ސިފައިންނަކީ ގައުމުގެ މަދަނީ މުއައްސަސާއާ އެއް ހަމައެއްގައި ވެރިކަން ހިއްސާ ކުރާ ބާރެއްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ޔޫއެންޑީޕީން ލަފާ ކުރާ ގޮތުގައި ސިފައިންގެ ވިޔަފާރި އެސެޓްގެ ޖުމުލަ 2.64 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. އަދި މި ވިޔަފާރިތައް ތަރައްގީ ވަމުން ދަނީ އަހަރަކު 13 އިންސައްތައަށެވެ. އަދި މިއާއެކު ސިފައިން ވަނީ ސިޔާސީ ގޮތުންނާއި ނުފޫޒުގެ ގޮތުނ ބޮޑެތި ބާރުތައް ވެރިކޮށްފައެވެ.

ޕާކިސްތާން ސިފައިންގެ މުއައްސަސާއިން މަޝްހޫރު 50 ވިޔަފާރިއެއް ހިންގައެވެ. މީގެ ތެރޭން ބިމާއި އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ފާހަގަ ކުރެވެނީ، ފައުޖީ ފައުންޑޭޝަންއާއި ބަހީރާ ފައުންޑޭޝަންއާއި ޝާހީން ފައުންޑޭޝަންއެވެ. މީގެ އިތުރުން ސިފައިންނަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ވިޔަފާރީގައި ޑިފެންސް ހައުސިންގ އޮތޯރިޓީއާއި އަރމީ ވެލްފެއަރ ޓްރަސްޓް ހިމެނެއެވެ.

ހައިކޯޓުގައި ބަލާފައިވާ މައްސަލައަކީ، ޑިފެންސް ހައުސިންގ އޮތޯރިޓީގެ މައްސަލައެކެވެ. މި އޮތޯރިޓީން ވަނީ 2.5 ހެކްޓަރުގެ ބިން ފޭރިގެންފައި ކަމަށް ތުހުމަތުކޮށްފައި ވެއެވެ. މި ބިމަކީ މިއީ ހައިކޯޓުގެ އަމިއްލަ ބިމެކެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން ފައުޖީ ފައުންޑޭޝަންގެ ވިޔަފާރި 2011ން 2015އާ ދެމެދު 78 ޕަސެންޓަށް ތަރައްގީ ވެފައި ވެއެވެ.

ޕާކިސްތާންގެ ސިފައިންގެ އިދާރާގެ ވިޔަފާރި ކުންފުނިތަކަކީ، ގައުމުން ބޭރުގައވެސް ވިޔަފާރި ކުރާ ކުންފުނިތަކެވެ. ފައުޖީ ފައުނޑޭޝަނުން މޮރޮކޯގައި ވިޔަފާރި ކުރެއެވެ.

މީގެ އިތުރުން ޕާކިސްތާން ސިފައިންގެ އިސްއޮފިސަރުން ރިޓަޔަރ ވާއިރު ދަނޑު ބިމެއްވެސް ލިބެއެވެ. ކޮވިޑް19ގެ ވަބާގައިވެސް ފެނިގެން ގޮސްފައި ވަނީ ޕާކިސްތާން ސިފައިންގެ ބަޖެޓް ބޮޑުވެގެން ދިޔަ ތަނެވެ. މި މުއްދަތުގައި ހެލްތު ސެކްޓަރއަށް ބަޖެޓްގައި 151 މިލިއަން ޑޮލަރު ކަނޑައެޅިއިރު، ސިފައިންނަށް ކަނޑައަޅާފައި އޮތީ 7.85 ބިލިއަން ޑޮލަރެވެ. ސިފައިންގެ ޕެންޝަނަށްވެސް ޕާކިސްތާނުން އަހަރަކު 2 ބިލިއަން ޑޮލަރު ހޭދަ ކުރެއެވެ.

ޕާކިސްތާންގެ އަމާޒަކީ އެގައުމުގެ މިލިޓަރީއަކީ އެތެރޭގެ ގޮންޖެހުންތަކާއި ބޭރުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ވަރުގެ ބާރުގަދަ ބައެއްގެ ގޮތުގައި ބައްވާށެވެ.