މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށް ގެންދާއިރު އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން އެއްބާރުލުން ދެމުންދާ ކަަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެކި އެކި މައްސަލަތަކުގައި ބަދަލުނަގައިދިނުމުގައި ރިއާޔަތްކުރަން ޖެހޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި މަދަނީ އިޖުރާތުގެ ބިލް ނުނިމި ލަސްވަނީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ވަނީ ބުނެފައެވެ. އެ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވަނީ އެކަމުގެ ތަފްސީލް ވިދާޅުވެ ދެއްވާފައެވެ.

މަޖިލީހުގެ ވާހަކަތަކަށް ރައްދުދީ މިރޭ އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާ އަދި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުޙަލާ ނިމި ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނީ ފެބުރުވަރީ، 12 2020 ގައެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ ޖޫން 25، 2019 ގައި ސަރުކާރުން އިއުލާނުކުރި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނުނު މުހިންމު ބިލުތަކުގެ ތެރެއިން އެއް ބިލު ކަމަށާ އެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަ ކުރަން ޖެހުނު މަސައްކަތެއް ކަމަށެވެ. އެ ބިލުގެ ކޮމިޓީ މަރުހަލާގައި ބިލު އަލުން މުރާޖައާކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ގުޅިގެން މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"... އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ސަފްހާގެ ބިލެއް ކަމުން ކޮމިޓީން ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތަށް ހުރަހަކަށް ނުވާނެ އުސޫލުން މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި މި އޮފީހުން [އެޓާނީ ޖެނެރަލް އޮފީސް] އެ ބިލު މުރާޖައާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖައާކޮށް އެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ ބައިތައް އިސްލާހު ކުރުމަށްފަހުގައި ކޮމިޓީއާ ހިއްސާކުރަމުންދާ ގޮތަށް ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއްގެ ގޮތުގައި،"

އޭޖީގެ ބަޔާނުގައި ބުނެފައިވަނީ ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށް ގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ބުނުމުން އެ ބިލު އެކުގައި މުރާޖައާކޮށް މުޅި ބިލުގެ އިސްލާހުކޮށްފައިވާ ދެލިކޮޕީއެއް މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ހިއްސާކުރަން ނިންމާ އެ މަސައްކަތް މުޅިން ނިމި އިސްލާހު ކުރެވުނު ބިލު ކޮމިޓީއަށް ފޮނުވީ ނޮވެމްބަރު 4، 2020 ގައި ކަމަށެވެ. އޭގެ ފަހުން ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެހީއެއްގެ ގޮތުގައި ބޭނުން ކުރެއްވޭނެ ބިލުގެ ހުލާސާއެއްވެސް އެކުލަވާލައި މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

"މަދަނީ އިޖުރާއަތުގެ ބިލަކީ ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ތަރުތީބު ވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ އެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށް ގެންދަވާއިރު އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވަނީ ދެމުންގޮސްފައި. އަދި ކުރިއަށް އޮތްތާނގައިވެސް އެ ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމިޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުންގެންދާނެ ވާހަކަ ދަންނަވަން،" އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.