ކޮރޯނާ ވައިރަސް، ސާރސް ކޮވް2 ދަނީ ހިނދުމެއް ނެތި، ދުނިޔޭގެ އެކި ހިސާބު ހިސާބުން ބޯހިއްލަމުންނެވެ. ސައިންޓިސްޓުން ބުނާ ގޮތުން މި ވައިރަސް މިއީ ސަމާސާއެއް ނޫނެވެ.

މިހާރު އާންމު ވަމުންދާ ވައްތަރަކީ، މީގެ ކުރިން ފެނިފައިވާ ވައްތަރުތަކަށް ވުރެން ނުރައްކާ ވައްތަރެކެވެ. މާސްކް ދަތްދޮޅީގައި އަޅައިގެން ޖޭމްސް ބޮންޑް ހެދިފައި އުޅޭ ވަރަށް ވުރެން ތިޔަ ސޮރަށް ނުރައްކާ އެއްޗެއް ކަން ހަނދާން ކޮށްލާށެވެ.

ކުރިން ކިޔައި އުޅުނީ އިނގިރޭސިވިލާތުން އައި ވައްތަރެއްގެ ވާހަކައެވެ. ދެން ކިޔަން ފެށީ އިންޑިއާގެ ޑަބަލް މިއުޓެންޓެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތު ވައްތަރަކީ، B.1.1.7 އެވެ. އިންޑިއާގެ ޑަބަލް މިއުޓެންޓް ވައްތަރަކީ، B.1.617އެވެ.

އިންޑިއާގެ ސެންޓަރ ފޯރ ސެލިއުލާރ އެންޑް މޮލެކިއުލަރ ބައެލޮޖީ (ސީސީއެމްބީ) އިން ވަނީ މާނުރައްކާ އައު ވައްތަރެއް އުޅޭކަމަށް ބުނެފައެވެ. އެއަށް ދީފައިވާ ކޯޑު ނަމަކީ، N440K އެވެ.

މިހާރު މިއުޅޭ ވަބާގެ ފެތުރެމުންދާގޮތް ދިރާސާ ކުރުމަށްފަހު، ތަޖުރިބާކާރުން ބުނަނީ N440K އަކީ ކުރިން އުޅުނު ވައްތަރަށް ވުރެން 15 ގުނައަށް ނުރައްކާ ވައްތަރެއް ކަމަށެވެ. އަދި މިއީ އިންޑިއާގެ ޑަބަލް މިއުޓަންޓް ވައްތަރަށް ވުރެންވެސް މާބޮޑަށް ނުރައްކާ ވައްތަރެއް ކަމަށެވެ.

ދެކުނު އިންޑިއާގައި ޑަބަލް މިއުޓެންޓްގެ ވައްތަރުގެ ބަދަލުގައި މިހާރު N440K ފެތުރެމުންދާ ކަމަށްވެސް ސައިންޓިސްޓުން ޝައްކު ކުރެއެވެ.

ސީސީއެމްބީ ސައިންޓިސްޓުން ބުނާ ގޮތުގައި ކުރިން އުޅުނު ވައްތަރަށް ވުރެން N440K މީހުންގެ މެދުގައ މާ ފުޅާކޮށް އަދި ފަސޭހައިން ފެތުރެއެވެ.

މީގެ ކުރިން ބްރަޒިލް ވައްތަރަކާއި ދެކުނު އެފްރިކާ ވައްތަރެއްވެސް ފެނިފައި ވެއެވެ.

މި ވައިރަސް އިން ތިމާއާއި ދެން ތިބި މީހުންނަށް ރައްކާތެރިކަން އޮތީ ކޮންމެ މީހަކުވެސް ޚުދު ތިމާ އަމިއްލައަށް ރައްކާތެރި ފިޔަވަޅު އަޅައިގެންނެވެ.

ބޮޑު ބަސްބުނެ ގޮން ޖަހަމުން ޖޭމްސް ބޮންޑް ހެދިފައި އުޅުމުން ހިތާމަކުރަން ޖެހޭނީ އަމިއްލައަށެވެ. ދެރަ ގޮތެއް ދިމާވާ ދުވަހަކުން، ސިއްޙީ ފަރުވާ ދޭން ތިބޭ ފަރާތްތައް ބަދުނާމު ކުރަން ނުހަދާށެވެ!