އިންޑިއާގެ އުއްތްރަ ޕްރަދޭޝްގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ނަތީޖާއިން ވެރިކަން ކުރާ ބީޖޭޕީއަށް ދަނީ ނުތަނަވަސްކަން ދެމުންނެވެ. ބީޖޭޕީން އެންމެ ބޮޑު ސަމާލުކަމެއް ދޭ ހިންދީ ދީނުގެ މީހުން ހައްޖަށް ގޮސް އުޅޭ ތިން ސިޓީން މިހާތަނަށް ލިބިފައިވާ ނަތީޖާއިން ޕީޖޭޕީ މޭ ކަރުވައިލައިފިއެވެ.

ބާބްރީ މިސްކިތް ތަޅާލައި މަހާ ފައްޅިއެއް އެޅުމަށް ތައްޔާރުކޮށްފައިވާ އަޔޯދިޔާގެ ލޯކަލް ކައުންސިލް އިލެކްޝަންގައި އެ ސިޓީގެ 40 ގޮނޑިއަށް ބީޖޭޕީން ވާދަ ކުރުމުން ލިބުނީ އެންމެ 6 (ހަޔެއް) ގޮނޑިއެވެ.

ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ ކުރީގެ ޗީފް މިނިސްޓަރ، އަކީލޭޝް ޔާދާވްގެ ސަމާޖްވާޑީ ޕާޓީންނެވެ. އެޕާޓީއަށް 24 ގޮނޑި ލިބިފައި ވެއެވެ.

ވާދަވެރި، މަޔާވަތީގެ ބަހޫޖާން ސަމާޖް ޕާޓީއަށް ލިބިފައި ވަނީ ފަސް ގޮނޑިއެވެ.

އުއްތްރަ ޕްރަދޭޝްގައި ހިންދީން މުގައްދަސް ސިޓީތަކެއް ކަމަށް ބަލާ ސިޓީ ތަކަކީ އަޔޯދިޔާއާއި މަތޫރާއާއި ވަރަނާސީއެވެ.

މިސިޓީތަކުގެ ލޯކަލް ކައުންސިލްތަކުގެ ނަތީޖާއިން ދައްކައި ދެނީ ގްރާސްރޫޓްގައި ބީޖޭޕީއާ މެދު ދެކޭ ގޮތެވެ. އުއްތުރް ޕްރަދޭޝްއިން ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އަންނަ އަހަރުއެވެ.

މަތޫރާ ސިޓީގައި ލޯކަލް ކައުންސިލްގެ 33 ގޮނޑިއަށް ވާދަ ކުރުމުން ބީޖޭޕީއަށް ލިބިފައި ވަނީ އެންމެ 8 (އަށެއް) ގޮނޑިއެވެ. މަޔާވަތީގެ ބަހޫޖާން ސަމާޖްވާޑީ ޕާޓީއަށް 13 ގޮނޑި އަދި ރާޝްޓްރިޔަ ލޮކް ދާލްއަށާއި ސަމާޖްވާޑީ ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ގޮނޑިއެކެވެ.

މިހިސާބުގެ މުހިންމު އަނެއް ސިޓީއަކީ ގޯރަކްޕޫރްއެވެ. މިއީ އުއްތުރް ޕްރަދޭޘްގެ ޗީފް މިނިސްޓަރ ޔޯގީ އަދީތިޔަ ނާތްގެ ސިޓީއެވެ.

މި ސިޓީގެ 68 ގޮނޑީގެ ތެރޭން ބީޖޭޕީއާއި ސަމާޖްވާޑީ ޕާޓީއަށް ޕިބިފައިވަނީ ކޮންމެ ޕާޓީއަކަށް 20 ގޮނޑިއެވެ. އސާންމު އާދަމީ ޕާޓީއާއި ކޮންގްރެސްއިން ކުރެ ކޮންމެ ޕާޓީއަކަށް ގޮނޑިއެކެވެ.

އަޔޯދިޔާއާއި މަތޫރާއާއި ޕްރިޔާގްރާޖްއާއި ވަރަނާސީގައި ލޯކަލް ކައުންސިލް ނަތީޖާ ދައްކާ ގޮތުން އަންނަ އަހަރުގެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލިސްގެ އިންތިޚާބްގައި ބީޖޭޕީއަށް އުދަގޫ ވެދާނެ ކަމަށް ބެލެވެއެވެ.

އަޔޯދިޔާއަކީ އެ ސިޓީން ބޮޑު ވަޒީރު ނަރެންދްރަ މޮދީ އިންތިޚާބް ވެފައިވާ ސިޓީއެވެ. މި ސިޓީގެ ލޯކަލް ކައުންސިލް އިންތިޚާބު އަދި ދަނީ ގުނަމުންނެވެ.

ކޮވިޑް19 ކޮންޓްރޯލް ނުވެ، މީހުން ހާލުގައި ޖެހުނު އިރު މޮދީގެ ހިލަމެއް ވެފައި ނުވާތީ، ވަރަނާސީގެ މީހުން ފާޑުކިޔާފައިވެއެވެ.

އެންމެ ފަހުން ބާއްވާފައިވާ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގައިވެސް ބީޖޭޕީން ކުރި ކެމްޕެއިނާ ބަލައި ލިބުނު ކާމިޔާބީ ކުޑަ ކަން ފާހަގަ ވެއެވެ.

ބޮޑު ވަޒީރު މޮދީއާއި ހޯމް މިނިސްޓަރ އަމިތު ޝާހް ގެ ދެބޭފުޅުން ކޮންމެ ދެދުވަހުން އެއް ދުވަހު ވެސްޓް ބެންގޯލަށް ވަޑައިގެން ބޮޑެތި ކެމްޕޭންތައް ކުރެއްވި އިރު އެ ސްޓޭޓްގެ އަޣްލަބިއްޔަތު ނަގާފައި ވަނީ ތްރިނަމޫލް ކޮންގްރެސްއިން ނެވެ. ކެރެލާއާއި ޓެމިލް ނާޑޫގައިވެސް ބީޖޭޕީއަށް ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. ނަމަވެސް އާސާމްއާއި ޕުޑުޗެރީގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ގިނަ ގޮނޑި ނަގައި ސަރުކާރު އެކުލަވާލަނީ ބީޖޭޕީންނެވެ.