ބަންގްލަދޭޝްގެ ހައްދުފަހަނަޅާފައިވާ ހިފާޒަތޭ އިސްލާމީ ޖާމާއަތުގެ މީހުން ބަންގްލަދޭޝްގައި ތާލިބާންފަދަ ސަރުކާރެއް ގާއިމް ކުރުމަށް ނިންމާފައި އޮތް ކަމަށް އެއްބަސްވެއްޖެއެވެ. މިކަން ހާމަ ކޮށްފައިވަނީ ހިފާޒަތޭ ޖަމާއަތުގެ މީހުންނާ އެކު ތަހްގީގުކޮށްގެން ލިބުނު މަޢްލޫމާތު ހާމަކުރައްވަމުން ޑާކާގެ ފުލުހުންގެ ވެރިޔާއެވެ.
މަހްބޫބުއްރަހްމާނ ވިދާޅުވިގޮތުގައި ހިފާޒަތު ޖަމާއަތުގެ މީހުންނާއި ޕާކިސްތާންގެ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ލަޝްކަރޭ ތޮއްތިބާގެ މީހުންނާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ.
ބަންގްލަދޭޝް ސަރުކާރުން ވަނީ ހިފާޒަތުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި އެމީހުންގެ ލީޑަރުން ކަމަށްވާ މަމްނޫނުލް ހައްގުއާއި ހާރޫން އިޒްހާރް ހިމެނެއެވެ.
މިޖަމާއަތުގެ ހަރަކްތާތއް ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. މިޖަމާއަތުގެ އިސް ލީޑަރުން ބަންދުކޮށްފައިވާ މައްސަލައާ ގުޅިގެން މިމީހުން ވަނީ ބަންގްލަދޭޝްގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ޚާން ކަމާލްއާވެސް ބައްދަލުކޮށްފައެވެ. މިމީހުން އެދިފައި ވަނީ، އެމީހުންގެ ހަރަކާތްތަކަށް ސަރުކާރުން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައި އެމީހުންގެ ލީޑަރުން މިނިވަން ކޮށްދިނުމަށެވެ.
ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ހައްދުފަހަނަޅާފައިވާ އިސްލާމީ ޖަމާއަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދެއްވާފައެވެ.