އައިޕީއެލްގައި އުޅޭ އޮސްޓްރޭލިއާ ކުޅުންތެރިންނަށް ގައުމަށް އެނބުރި ދެވޭނީ ރާއްޖެ ނުވަތަ ލަންކާގައި ކަރަންޓީނު ވުމަށްފަހުގައި ކަމަށް އެޓީމުން ބުނެފިއެވެ. ލަންކާގައި ކޮވިޑް19 ބާރަށް ފެތުރެމުންދާތީ، ބެލެވެނީ އައިޕީއެލް ގައި ބައިވެރިވި އޮސްޓްރޭލިއާ ޓީމު އަންނާނީ ރާއްޖެއަށް ކަމަށެވެ.

މޭ މަހުގެ 15 އާ ހަމައަށް އޮސްޓްރޭލިއާއިން ވަނީ އިންޑިއާއިން އަންނަ މީހުންނަށް ބޯޑަރު ބަންދު ކޮށްފައެވެ. އަދި ނާތަހުޒީބީ ގޮތަކަށް އިޢްލާން ކުރަމުން އޮސްޓްރޭލިއާއިން ބުނެފައި ވަނީ މި މުއްދަތުގައި އިންޑިއާއިން އަންނަ މީހުން ޖަލަށް ލާނެ ކަމަށެވެ. ފަހުން މަސްއޫލުވެރިން ވިދާޅުވީ އެއީ އެގޮތަށް ދައްކާފައިވާ ވާހަކައެއް ނޫން ކަމަށެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ނިންމާފައިވަނީ އޮސްޓްރޭލިއާ 38 މީހުންގެ ޓީމު އެނބުރި ރަށަށް ދާން ބޭނުން ކޮންމެ އިރެއްގައި ޗާޓަރ ފްލައިޓެއްގައި އެމީހުން ފޮނުވައި ދިނުމަށެވެ.

އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑުން ވަނީ މުބާރާތްތައް ފަސްކުރުމަށް ނިންމާފައެވެ.

އިންޑިއާގައި ފެތުރެމުންދާ ކޮވިޑްގެ ސަބަބުން ކޯލްކަޓާ ނައިޓް ރައިޑަރޒްގެ ކުޅުން ބައެއް ތެރިންނާއި ސަން ރައިޒަރޒް ހައިދަރްއާބާދުގެ ބައެއް ކުޅުންތެރިން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޮސްޓްރޭލިއާ މީހުންގެ ތެރޭން ފައްސި ވެފައިވަނީ އެންމެ މީހެކެވެ.