"ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗް" ގެ ނަމުގައި ތަޢުލީމާއި ތަމްރީންދޭ މަރުކަޒެއް ފެނަކަ ކޯޕަރޭޝަނުން ރަޖިސްޓްރީކޮށްފިއެވެ.

މި އިންސްޓިޓިއުޓްގެ މަޤްޞަދަކީ ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވޮކޭޝަނަލް ޓްރޭނިންގ ދިނުމާއި، ދެވޭ ޚިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އަދި މި އިންސްޓިޓިއުޓުން ރިނިއުބަލް އެނާރޖީ ނުވަތަ އިޔާދަރަކުރަނިވި ހަކަތާއާއި، ފެނާއި ނަރުދަމާއާއި ގުޅުންހުރި ތަފާތު ދިރާސާތައް ކުރެވިގެން ދާނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. އަދި މި އިންސްޓިޓިއުޓުން ދަސްވެނިވާ މުވައްޒަފުންގެ ބައިނަލް އަޤްވާމީ ފެންވަރު ހުރުމާއެކު އެފެންވަރުގެ ސެޓްފިކެޓެއް ދެވޭނެ ކަމަށެވެ.

ކުންފުނީގެ އަމާޒަކީ އާއިލާ އާއެކު އެއްފަސްގަނޑެއްގައި ތިބެ މުވައްޒަފުންނަށް އުނގެނުމަށް ފަހިކޮށްދީ ޒަމާނީ ތަމްރީނާ އި ތައުލީމުދީ ޒިންމާދާރު ނަޒާހަތްތެރި މުވައްޒިފުންތަކެއް ބިނާކުރުން ކަމަށް ފެނަކައިން ބުނެއެވެ. އަދި މި އިންސްޓިޓިއުޓާއެކު 3300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ފެނަކައިގެ ހިންގުން ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ މޭސްތިރިންގެ ގޮތުގައި ޤާބިލު މުވައްޒަފުން އުފެއްދިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އަދި ފެނަކަ ކޯޕަރޭޝަން އައި.އޯ.އެސް އަށް ސާރޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއެކު ދެވޭ ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރަށް ފެތޭތީކަމަށް އެކުންފުނިން ވިދާޅުވެއެވެ. ފެނަކަ ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ޚިދުމަތުގައި އެންމެ އުސްކުންނަށް ވާޞިލުވުމަށްކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.