ޢުމުރުން އެންމެ 18 އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ދާއިރާއަށް ނިކުތް ށ.ކޮމަންޑުއަށް އުފަން ޢަލީ އިބުރާހީމަކީ އޭރުވެސް އެ ދާއިރާއަށް ޝައުޤުވެރިކަން ހުރި ޒުވާނެކެވެ. ރަށު ސުކޫލު ނިންމާލުމަށްފަހު އޭރު ލަންކަން ފިނޮޅު (މިހާރު ޕެރެޑައިސް އައިލޭންޑް ރިސޯޓް) ގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާއަށް ދިޔަ މި ޒުވާނާއަކީ އޭރު އެ ރިސޯޓުގެ ފްރަންޓް އޮފީހުގައި މަސައްކަތް ކުރަމުންދިޔަ އެންމެ ޒުވާން ސްޓާފެވެ. ރިސޯޓަކަށް ވަޒީފާއަށް ދިޔައީ މައިންބަފައިންގެ ތަނަވަސްކަން ނެތުމުން ދެން އިތުރަށް ކިޔެވެން ނެތީމައެވެ. ލަންކަން ފިނޮޅުގައި ވަޒީފާގައި ހޭދަކުރި ދުވަސްތަކުގައި ޢަލީއަށް ވަރަށް ރަނގަޅު ފުރުޞަތެއް ވެސް އެ މާޙައުލުން ލިބިގެންދިޔައެވެ. އެ ރިސޯޓަށް ޢާއްމުކޮށް އަންނަ އިޓަލީ ވިލާތުގެ މަހުޖަނު ދެމަފިރިއަކު (ދަރީން ލިބުމުން މަޙުރޫމްވެފައިތިބި) ޢަލީ ގެންދަން ބޭނުންވިއެވެ. ކިޔަވައިދިނުމަށެވެ. ނަމަވެސް ޢަލީގެ މައިންބަފައިން މިކަމަށް ޢުޒުވެރިވުމުން ޢަލީއަށް އެފުރުޞަތު ގެއްލިގެން ދިޔައެވެ. ޢަލީގެ ބަދަލުގައި އެދެމަފިރިން ފުރައިގެންދަމުން ދިޔައީ އެމީހުންގެ ރޫމްބޯއީ ގޮވައިގެންނެވެ.

ލަންކަންފިނޮޅު ދައުލަތަށް ނެގުމާއެކު ދެން ޢަލީ މަސައްކަތް ކުރީ ދެބެންގެ ދެދަރި ބޭބެއަކާއެކު މަޖީދީ މަގުގައި ހިންގަމުން އައި ފިހާރައެއްގައެވެ. ވިޔަފާރީގެ ދާއިރާގައި ވެސް ކުޑަ ދުވަސްކޮޅަކު ހުރުމަށްފަހު ޚިޔާރު ކުރީ ސަރުކާރުގެ ވަޒީފާއަކަށް ވަނުމަށެވެ. އެގޮތުން ހުހަށް ނުހުންނަންވެގެން ޖަސްޓިސް މިނިސްޓްރީން އެވަގުތު ހުސްވެފައިވާ ސްޓޮކް ކީޕަރެއްގެ މަގާމަށް ކުރިމަތިލިއެވެ. އެތާނގައި 1 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރިއެވެ. އެތާނގައި މަސައްކަތްކުރި ދުވަސްވަރަކީ ޢަލީއަށް ވަރަށް އުފާވެރި ދުވަސްތަކެކެވެ. ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ބަޔަކާ ގުޅުން ބަދަހިވެ ރާއްޖޭގެ ހުރިހާ ކޯޓްތަކުގެ މެޖިސްޓްރޭޓުންނަކީ ޢަލީގެ ވަރަށް ގާތް މީހުންނަށްވިއެވެ. އެ ހުރިހާ ކޯޓްތަކަށް ފޮނުވޭ ލިޔެކިޔުންތަކަކީ ޢަލީގެ އަމިއްލަ އަތުން ޕާރުސަލްކޮށް ލޭބަލް ޖެހިގެން ފޮނުވާ ލިޔުންތަކެވެ.

ޓީޗިން ދާއިރާ ޚިޔާރުކުރުން

ޓީޗިންގ ދާއިރާއަށް ޢަލީ ކުރިމަތިލީ މި ވަޒީފާގައި ހުރެފައެވެ. ޓީޗިންގެ ދާއިރާޢަށް ކުރިމަތިލީ ޢާއިލާ އެދުނު އެދުމެއްގެ މަތިން ރަށަށް ބަދަލުވުމުގެ ނިޔަތުގައެވެ.

1993-1994 އަށް ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ ސެޓިފިކެޓާއެކު ޢަލީ ރަށަށް ބަދަލުވީ 1995 ގައެވެ. ރަށުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 5 އަހަރު ހޭދަކުރުމަށްފަހު 2000 ވަނަ އަހަރު ސާނަވީ މުދައްރިސްކަމުގެ ކޯސް ފުރިހަމަ ކުރުމަށް ވަޒީފާއިން ވަކިވިއެވެ. ސާނަވީ މުދައްރިސްކަމުގެ ތަމްރީން ފުރިހަމަ ކުރުމުގައި ޢަމަލީ ތަޖުރިބާ ހޯދުމަށް މަޖީދިއްޔާ ސުކޫލުގައި ހޭދަކުރި ދުވަސްތައް ނިމުމުން، ޓީޗިންގ ޕްރެކްޓިސް އަށް ދިޔަ ކުދީންގެ ތެރެއިން ބައެއް ކުދީންނަށް އެ ސުކޫލުގެ ޓީޗަރެއްގެ ގޮތުގައި ކުރިމަތިލުމަށް އެދުނެވެ. އެހެންނަމަވެސް ޢަލީ ގަސްދުކުރީ އަނެއްކާވެސް އެނބުރި އަމިއްލަ ރަށަށް ޚިދުމަތް ކުރުމަށް ދިއުމަށެވެ. މަޖީދިއްޔާއިން ހުށަހެޅުންތައް ލިބިފައިވަނިކޮށް ޢަލީ ކިޔެވި ސުކޫލަށް ޚިދުމަތް ކުރުމަށް ދިޔައީ ރަށަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ސާނަވީ މުދައްރިސެއްގެ ގޮތުގައި ވެސް 5 އަހަރު ޚިދުމަތް ކުރުމަށްފަހު އަނެއްކާވެސް 3 އަހަރުގެ ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ވަޒީފާއިން ވަކިވެ 2007 ވަނަ އަހަރު މާލެއަށް ބަދަލުވިއެވެ. މި ދުވަސްތަކުގައި ކިޔަވަމުން މަޖީދިއްޔާ ސުކޫލުގެ ރިސޯސް ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަދި ހުސް ވަގުތުތަކުގައި ކުދީންނަށް ޓިއުޝަންވެސް ދެމުން 3 އަހަރުގެ ކޯސް ފުރިހަމަ ކުރީ ވަރަށް ބުރަ މަސައްކަތާއެކުގައެވެ. ކޯސް ފުރިހަމަ ކުރީ ކޯހުގެ އެކުވެރީންގެ އެހީތެރިކަމާއެކުގައެވެ. ކޯސް ހެދުމަށްފަހު ޢަލީގެ ޚިޔާލު ބަދަލުވިއެވެ. އޭރު ޢަލީގެ ކައިވެންޏަށް ދެ ފިރިހެންކުދީން ލިބިފައިވުމާއެކު އެކުދީންނަށް ތަޢުލީމު ދިނުމަށްޓަކައި ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ އަންހެނުންވެސް ވަޒީފާއިން ވަކި ކުރުމަށްފަހު މާލެއަށް ދިރިއުޅުން ބަދަލުކުރީ ކުދީންގެ ކުރިމަގަށް ދެކޭ ފޮނި ހުވަފެންތަކާއެކުގައެވެ.

2009 ވަނަ އަހަރު ބަހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށްފަހު ޢަލީ މަސައްކަތް ކުރީ މާ ލޭގެ ބިލަބޮންގް (އޭރުގެ މަދަރުސަތުލް އަމީރު އަޙުމަދު ސުކޫލު) ގެ ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. މި މަގާމު ޚިޔާރު ކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރި ރެކްއެސްޓަކަށެވެ. މަދު ކުދިންކޮޅަކަށް ކިޔަވައިދޭން ޖެހުނަސް ޢަލީ މި ސުކޫލުގައި ހޭދަކުރި މަދު ދުވަސްކޮޅުގައި އެސް.އެސް.ސީ އިމްތިޙާނުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނެވެ. އޭގެފަހުން 2012 ވަނަ އަހަރު ޖަމާލުއްދީން ސުކޫލަށް ބަދަލުވިއެވެ. އެއީ އެ އަހަރު ޖަމާލުއްދީން ސުކޫލުގައި އަލަށް ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި އިށީން އަހަރު ވެސްމެއެވެ. މި ވޭތުވެދިޔަ 10 އަހަރުގައި އެ ސުކޫލުގެ ދިވެހި ބަހުގެ ނަތީޖާގައި ޢަލީގެ ޙިއްޞާ ބޮޑެވެ. ޑިޕާޓްމެންޓްގައި މަސައްކަތް ކުރަނީ ހުރިހައި މުދައްރިސުން ވަރަށް ބޮޑަށް ގުޅިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ވޭތުވެދިޔަ އަހަރުތަކުގައި 95 އިންސައްތައަށް ވުރެ މަތީގައި ދިވެހިބަހުގެ ނަތީޖާ ހިފެހެއްޓިފައިވެއެވެ. މީގެއިތުރުން ޢަލީ ކައިރިން ޓިއުޝަން ނަގާ ކުދީންނަކީވެސް ފަޚުރުވެރި ނަތީޖާތައް ދިވެހިބަހުން ޙާޞިލްކުރި ކުދީންނެވެ. ވޭތުވެދިޔަ 2019 ވަނަ އަހަރުގެ އެސް.އެސް.ސީ ނަތީޖާއަށް ބަލާއިރު ވެސް މިކަން ވަރަށް ސާފެވެ. ޢަލީ ޓިއުޝަން ދިން ކުދީންގެ ތެރެއިން 8 ދަރިވަރަކު A* ސްޓަރ ހޯދިއިރު، އަނެއް 10 ދަރިވަރުންވަނީ A ފާސް ހޯދާ 1 ދަރިވަރަކު ވަނީ B ހޯދާފައެވެ.

2013 ވަނަ އަހަރު ބަހުގެ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ޕޯސްޓް ގުރެޖުއޭޓް ސެޓިފިކެޓް އިން އެޑިޔުކޭޝަން ފުރިހަމަކޮށް ނިންމާލީ ވަޒީފާގައި އުޅެމުންނެވެ. 2014-2015 އަށް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އިން ހިންގި ދިވެހި ލޭންގްއޭޖް އެންޑް ކަލްޗަރ ކޯސް ވެސް ފުރިހަމަ ކުރީ ބަހާއި ސަގާފަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

އައްޔަގެ ހުނަރުވެރިކަން

ޢަލީއަކީ ހަމައެކަނި ބަހުގެ މުދައްރިސެކޭ ބުނެގެން ނިންމާލެވޭކަށްނެތެވެ. ޢަލީއަކީ ތަފާތު ހުނަރުވެރިއެކެވެ. ޢަލީގެ ހުނަރުވެރިކަން ފެންނަ އެއް ދާއިރާއަކީ ބަހާއި އަދަބިއްޔާތުގެ ދާއިރާއެވެ. ސުކޫލުގައި އުޅުނުއިރުވެސް ނޫސް ލިޔުމާއި މަޖައްލާ ނެރުމުގެ ޝައުޤުވެރިކަން ހުރުމުގެ ސަބަބުން ލިޔުންތެރިކަމަށް ވަރަށް ބޮޑަށް ގަޔާވެއެވެ. އެގޮތުން ރާއްޖޭގައި ނެރޭ އަދަބީ ބައެއް މަޖައްލާތަކުންނާއި އޮންލައިން ނޫސްތަކުން އަލީގެ ލިޔުންތައް ވޭތުވެދިޔަ ދުވަސްތަކުގައި ފެނިފައިވެއެވެ. މިގޮތުން ޖަމާޢަތުގެ ޚަބަރު، ފަތްތޫރަ، ފުރަދާނަ،ފަންވަތް، ކުރިފަސް ފަދަ މަޖައްލާތަކުގައި ޢަލީގެ ލިޔުންތައް ޝާއިޢު ކުރެވިފައިވެއެވެ.

ޚާއްޞަކޮށް ވާހަކަ ލިޔުމަކީ ޢަލީގެ ވަރަށް ޚާއްޞަ ފަންނެކެވެ. ކުޑައިރު ގޭތެރޭގައި ބޭބެމެން މާލެއިން ފޮނުވާ ބޮޑެތި ދިގު ވާހަކަތައް ހުންނާތީ ވާހަކަ ލިޔުމަށްވުރެ ކިޔުމަށް ޝައުޤުވެރިކަން ހުންނަކަމަށް ޢަލީ ބުނެއެވެ. އޭގެ އިތުރުން ޝަމީމާ ޔަހުޔާ ކުރައްވާފައިވާ ތަރުޖަމާ ދިގު ވާހަކަތައް ސުކޫލު ގަޑީގައި ފޮޅުވަތް އަޅާ އުޞޫލުން އެ ބަލައިގެން ލިޔަން ޖެހޭކަމާއި އަދި ކިޔަންވެސް ޖައްސާކަމެވެ. އޭރު އެގޮތަށް އެކަން ކުރަނީ ދިވެހި މުދައްރިސް އަޙުމަދު އަންވަރު (އޭރު ސުކޫލުގެ ހެޑްމާސްޓަރ) ދިވެހި ގަޑީގައި އެކަން ގަވާޢިދުން ކުރައްވާތީއެވެ. މިއީ ވާހަކަ ލިޔުމަށް ޝައުޤު އުފެދުނު ސަބަބަކަށް ވެދާނެކަމަށް ބުނެއެވެ.

މުދައްރިސްކަމުގެ ތަމްރީނު ހޯދުމުގެ މަސައްކަތްކުރި ދުވަސްވަރު "ދަސްކުރާ މުދައްރިސުންގެ ޖަމްޢިއްޔާ" އިން ބޭއްވި ކުރު ވާހަކަ ލިޔުމުގެ މުބާރާތްތަކުން ފަޚުރުވެރި 1 ވަނަ އާއި ގަދަ 5 ގެ އެންމެ މޮޅު ވާހަކައިގެ ތެރޭގައި ޢަލީގެ ވާހަކަތައް ހިމެނިފައިވެއެވެ. ވާހަކަ ލިޔުމުގެ ޢަމަލީ ފެށުމަކީ މިއީ ކަމަށް ޢަލީ ބުނެއެވެ. މީގެއިތުރުން ވެސް މި ކަމުން ހިތްވަރު ލިބިގެން ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުގައި ޢަލީ އެންމެ ފުރަތަމަ ބައިވެރިވީ 1997 ގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުން އެ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ގައުމީ 14 ވަނަ ވާހަކަ ލިޔުމުގެ މުބާރާތުގެ އަމިއްލަ ބައިން 1 ވަނަ ވާހަކަ ލިޔުންތެރިއަކީ ޢަލީއެވެ. 1999 ވަނަ އަހަރު ފޮތް އެކުލަވާ ލިޔުމާއި ދިގު ވާހަކަ ލިޔުމުގެ މުބާރާތުން 3 ވަނަ ޙާޞިލްކޮށް 2002 ވަނަ އަހަރު ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުން 2 ވަނަ ހޯއްދަވާފައިވެއެވެ. މީގެ އިތުރުން ދިވެހިބަހުގެ އެކެޑެމީން ބޭއްވި ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުގެ އެތައް އެވޯޑެއް ޢަލީއަށް ލިބިފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުން ރަމަޟާން މަހު ފޮނުވާ ކުރުވާހަކަ ލިޔުމުގެ މުބާރާތްތަކުގައި ވެސް ޢަލީގެ ވާހަކަތައް ތަފާތު ހުށަހެޅުންތެރީންގެ އަޑުން ގެނެސްދީފައިވެއެވެ.

ވާހަކަދެއްކުމުގެ ފަންނަކީ ޢަލީ މާ ގަޔާވާ ފަންނަކަށް ނުވިޔަސް އެ ހުނަރު ވެސް ލިބިފައިވާކަން 2002 ވަނަ އަހަރު ށ.ފުނަދޫގައި ބޭއްވި އަތޮޅު ވާހަކަ ދެއްކުމުގެ 6 ވަނަ މުބާރާތުގައި "މެހްމާނުންގެ ބައިން" ވަނީ ދައްކާލާފައެވެ. 15 ރަށެއްގެ 15 މުދައްރިސުން ވާދަކުރި މި ބައިގައި މުޅި އޯޑިއަންސް ކައްކުވާލުމަށްފަހު ފަޚުރުވެރި 1 ވަނަ ހޯދީ ޢަލީއެވެ. މިއީ ދެ މާނަ ދޭހަވާގޮތަށް މަޖާޒީ ގޮތެއްގައި ސަމާސާ އަދަބަށް ފެތޭގޮތަށް ވާހަކަ ދެއްކުމަށް ބޭއްވުނު މުނިފޫހިފިލުވުމުގެ މުބާރާތެކެވެ.

ޢަލީއަކީ އަބަދުވެސް ދިވެހިވަންތަކަމަށް ލޯބިކުރާ މުދައްރިސެކެވެ. ދިވެހި ގޮތްތައް ނެރުމަށް އޭނާގެ ލިޔުންތައް އަބަދުވެސް ބައްޓަން ކުރެއެވެ. މަތީ ތަޢުލީމުގައި ޢަލީ ހެދި ކޯސްތަކުގެ ތީސިސްތައް ވެސް ހަދާފައިވަނީ އެހެން ބައިވެރިންނާ ޚިލާފަށް ދިވެހިވަންތަ ދިވެހި ސަގާފީ މައުޟޫޢުތަކަށެވެ. އެގޮތުން ދިވެހިބަހުގެ ޑިގްރީ ފުރިހަމަ ކުރުމަށް ހެދި "އަތްދޮށު ތަޙުޤީޤު" ހަދާފައިވަނީ އަދި މިހާތަނަށް މީހަކު ރާއްޖޭގައި ހަދާފައިނުވާ ކަހަލަ މައުޟޫޢަކަށެވެ. ދިވެހި ސަގާފީ ކެއުމެއް ކަމުގަ އިވާ ބޮނޑިބަތާ ބެހޭގޮތުންނެވެ. ރާއްޖޭގައި ބޮނޑިބަތް ރަމްޒުކޮށްދޭ މަފްހޫމްތަކަށް އައިސްފައިވާ ތަފާތުތަކުގެ މައްޗަށެވެ. ޑަކުޓަރު މުޙައްމަދު ޢަލީގެ މާވަޑިކަމުގައި ހެދި މި ޢިލްމީ ދިރާސާ ޢަލީ ނިންމާލީ އުނދަގޫ ކަންތައްތައް ވެސް މަސައްކަތް ކުރުމުން ޙާޞިލް ކުރެވިދާނެކަން މިފަދަ ދިރާސާކުރާ އެހެނިހެން ކުދީންނަށް ވެސް ހިތްވަރެއް އާކޮށްދެމުންނެވެ. ޢަލީ ބުނިގޮތުގައި މި ދިރާސާ ހެދުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ލިޓްރެޗަރ ރިވިއު ހެދުމަށް ބޭނުންވާ ފަތްފުށްތައް ލިބެން ނެތުމެވެ. އެހެންނަމަވެސް ޑަކުޓަރު މުޙައްމަދު ޢަލީގެ ދުރު ވިސްނުންފުޅާއެކު ވިދާޅުވި ކޮންމެ ގަލެއް ފުރޮޅައިގެން ޢަލީ މަސައްކަތް ނިންމާލީ ސްޕަވައިޒަރު ވެސް އެންމެ ބޭނުންވި ގޮތަށެވެ.

އެންމެ ބޮޑަށް އުފާވީ ޑިގްރީގެ ދަސްވެނިވުން އޮތް ރޭ ބިލެއްމީރު ކޮށްލުމުގެ ތެރޭގައި ބޮނޑިބަތް ފަރީއްކުޅުވަން ތިއްބެވި އެ ރޭގެ ޚާއްޞަ މެހްމާނުން އެ މާލަމުން ޢަލީއާ ބައްދަލު ކުރުމުންނެވެ. އަދި ޢަލީގެ ތީސިސްއަށް ތަޢުރީފު ކުރެއްވުމުންނެވެ. މި ވާހަކަތައް އެބޭފުޅުންނަށް ތަޢާރަފު ކޮށްދެއްވީ ޢަލީގެ ސްޕަވައިޒަރ ޑަކުޓަރު މުޙައްމަދު ޢަލީއެވެ. މީގެއިތުރުން 2015 ވަނަ އަހަރު ނިންމި މާސްޓާސް ޕްރޮގުރާމުގައިވެސް ޢަލީގެ ތީސިސް ބިނާކުރީ "1965 ގެ ފަހުން ދިވެހީން ޢީދު ފާހަގަ ކުރުމުގައި އިޖުމާޢީގޮތުން އައިސްފައިވާ ބަދަލުތައް" ދައްކުވައިދިނުމަށެވެ. މިއީ ވެސް ވަރަށް ގިނަ ފަތްފުށްތައް ހޯދައިގެން ލިޔެ ނިންމާލެވުނު ތީސިސްއެއް ކަމަށް ޢަލީ ބުނެއެވެ. ފުރަތަމަ ޑިގުރީގައި ހެދި ތީސިސް މިހާރު އޮތީ ފާސްކޮށް ނިމިފައެވެ. އެހެންނަމަވެސް އެކަށީގެންވާ ބަޖެޓެއް ނެތުމުން އަދި ޗާޕްކޮށް ނެރެވޭގޮތްވަނީ ނުވެފައެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމަކަށް ދޫކޮށްލަން ޢަލީގެ ޚިޔާލު އެބަ ހުއްޓެވެ. މިފަދަ އަގުހުރި މަސައްކަތެއް އެހެން ބަޔަކަށްވެސް މަންފާއެއް ލިބިދިނުމުގެ ބޭނުމުގައެވެ.

ކުޅިވަރުގެ ދާއިރާއިން

ޢަލީއަކީ އިޖުތިމާޢީ ގޮތުން ބެލި ކަމުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. ޢަލީގެ ހުނަރު ކިޔަވައިދިނުމުގެ ދާއިރާއިން ނޫނަސް މިއަދު އެހެން ދާއިރާއަކުންވެސް ފެންނަމުން އެބަދެއެވެ. 2012 ވަނަ އަހަރުން ފެށިގެން ޢަލީއާއި އޭނާގެ އެކުވެރިން އަންނަނީ ކުޑަކުދީންނަށް ފުޓްބޯޅަ ދަސްކޮށްދިނުމަށްޓަކައި ފުޓްބޯޅައިގެ ޙަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އެދުވަސްވަރު އާޓިފިޝަލް ބީޗަށް ގޮސް އުޅޭ ބަޔަކަށް މިއީ ކޮން ބައެއްކަން ދެނެގަންނާކަށް މާ ބޮޑު އުނދަގުލެއް ނުވާނެއެވެ. މިއީ އަމިއްލަ ދަރީންނާއެކު ހަފްތާގެ ބަންދުގެ ދުވަސްތައް ހޭދަކުރުމުގެ މަޤުޞަދުގައި ފުރަތަމަ ފެށި ޙަރަކާތެއްކަމަށް ބުނެއެވެ. އެހެންނަމަވެސް މި ޗޭނުގެ ބޮޅުފަތި ދިގުވެގެން ގޮސްފައިވަނީ ހީކުރި ވަރަށްވުރެ ބޮޑުކޮށްކަމަށް ޢަލީ ބުނެއެވެ.

މިވޭތުވެދިޔަ 10 އަހަރު ތެރޭގައި ޢަލީއާއި އޭނާގެ ޓީމުން މި މަސައްކަތް ކުރަމުން އައީ ދަރުމަވެރި ޙަރަކާތެއްގެ ގޮތުގައެވެ. "ފްރެންޑްސް ފުޓްބޯލް ފެމިލީ" ގެ ނަމުގައި ފެށި މި ޙަރަކާތަކީ މިއަދު މީހުންގެ މަގުބޫލުކަން ހޯދާފައިވާ ރަސްމީ ފުޓްބޯޅަ އެކެޑެމީއެކެވެ. "ފްރެންޑް ފުޓްބޯލް ފެމިލީ އެކެޑަމީ" އެވެ. މި އެކެޑެމީގައި މިއަދު 300 އެއްހާ ކުދީން ތިބިއިރު މިއެކެޑެމީން ތަމްރީން ލިބިގެން އެތައް ކުދިންނެއްވަނީ އިސް ދަރިވަރުންގެ ގޮތުގައި ވަކިވެފައެވެ. ޢަލީ ބުނި ގޮތުގައި މި ކުދީންގެ ޚިދުމަތް އަބަދުވެސް އެކެޑެމީއަށް ލިބިލިބި ހުރެއެވެ.

ފްރެންޑްސް ފުޓްބޯލް ފެމިލީ އެކެޑެމީ އަކީ ވަރަށް ހަރުދަނާ ގަވަޢިދުތަކެއްގެ މަތީގައި ހިންގަމުން އަންނަ ޙަރަކާތެކެވެ. ކުދީންނަށް ޙަރަކާތުގެ ތެރެއިން ރީތި އުޅުމާއި ތަރުބިއްޔަތު ދަސްކޮށްދެއެވެ. ފަތިސް ނަމާދަށްފަހު ކޮންމެ ހުކުރު، ހޮނިހިރެއް އަދި ސަރުކާރު ބަންދު ދުވަސްތަކެއް ޢަލީއާއި އޭނާގެ ޓީމުން ހޭދަކުރަނީ ކުދީންނާއެކުގައެވެ. ދުނިޔޭގައި ކުޅޭ ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވެސް މި އެކެޑެމީން އެ ފޯމެޓަށް ފައްތައިގެން ރާވާ ހިންގައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ މުބާރާތް ވެސް "މިނީ ވޯލްޑްކަޕް" ގެ ނަމުގައިވަނީ ބާއްވާފައެވެ. އަދި މީގެއިތުރުން އަހަރަކު މަދުވެގެން 3 މުބާރާތް މި އެކެޑެމީން ކުދީންނަށް ބާއްވަމުން އައިސްފައިވެއެވެ. މިވަގުތު ކޮވިޑްގެ ޙާލަތާ ގުޅިގެން ކުޅުން މެދު ކަނ ޑާލާފައި އޮތަސް މިހާރު ތައްޔާރުވަމުންދަނީ އަލުން ކުޅެން ފެށޭނެ ދުވަހަކަށެވެ. ބެލެނިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއެކު މާލޭގައި އަމިއްލަ ބަޔަކު ދަރުމައަށް ހިންގާ އެންމެ ބޮޑު ފުޓްބޯޅަ ޙަރަކާތަކީ މި ޙަރަކާތޭ ބުނެވެން އެބަ އޮތެވެ. ކުރިމަގުގައި ފްރެންޑްސް ފުޓްބޯލް ފެމިލީއަކީ ވިދުން ގަދަ ޙަރަކާތަކަށް ވާނެކަމަށް އުއްމީދު ކުރެވެއެވެ. އެހެންކަމަށްވާނަމަ މި މާތް މަޤުޞަދުގައި ޢަލީމެން މި ފެއްޓި ޙަރަކާތަކީ ކާމިޔާބު ޙަރަކާތެކޭ ބުނެވެން އެބަ އޮތެވެ. އުއްމީދަކީ ޢަލީގެ މި ހުނަރުވެރި ދަރުމަވެރި މަސައްކަތަށްވެސް ކާމިޔާބު ލިބުމެވެ.

ތަފާތު މޮޅު ހުނަރުވެރިޔާ އަކީ ހިތްވަރުގަދަ ކަންކަމާ ކުރިމަތިލާ ކާމިޔާބީތައް ޙާޞިކޮށްފައިވާ ފަންނާނެކެވެ. އަލީ އިބުރާހިމްގެ ހިއްވަރަށް ހަމަ ސާބަހެވެ. އަދަށްވުރެ ފަހި މާދަމާ އަކަށް އެދެމެވެ.