ޗައިނާއިން އުފައްދާފައިވާ ވަޔަރލެސް ޓޭކްނޮލޮޖީގެ ސާމާނުތަކަށް ހުއްދަ ދިނުން އިންޑިއާއިން ހުއްޓާލައިފިއެވެ. މީގެ ސަބަބުން ޑެލްއާއި އެޗްޕީއާއި ލެނޯވޯއާއި އޯއްޕޯއާއި ވައިވޯއަށް ވަނީ އައު ޕްރޮޑަކްޓްތައް އިންޑިއާގެ ބާޒާރަށް ނެރުމުގައި ދަތިތަކާ ދިމާވެފައެވެ.

އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުގައި އިންޑިއާއިން ވަނީ އިންޑިއާގެ 5ޖީ ވިއުގައިގައި ޗައިނާގެ ކުންފުނިތައް ބައިވެރި ނުކުރާން ނިންމާފައެވެ.

ޗައިނާއިން އުފައްދާފައިވާ ވައިފައި ހިމެނޭ، ބްލޫޓޫތު ސްޕީކަރާއި ވަޔަރލެސް އިޔަރފޯނާއި ސްމާޓް ފޯނާއި ސްމާޓް ގަޑިއާއި ވައިފައި ލެޕްޓޮޕްތައް ޗައިނާއިން އިމްޕޯޓް ކުރުންވެސް ވަނީ މައްސލައަކަށް ވެފައެވެ.

މިފަދަ ތަކެއްޗަށް އިންޑިއާގައި ބޭނުން ކުމުގެ ހުއްދަ ދެނީ އިންޑިއާގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ހިމެނޭ ވަޔަރލެސް ޕްލޭނިންގ އެންޑް ކޯޑިނޭޝަން ޑިޕާޓްމަންޓުން ދިރާސާތަކަށް ފަހުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮރެއާއި ޗައިނާއާއި އެމެރިކާގެ ކުންފުނިތަކުން އިންޑއާއަށް އެތެރެ ކުރަން އުޅޭ 80 ބާވަތެއްގެ ތަކެއްޗަށް ވަނީ މިއިން ހުރަސް އެޅިފައެވެ.

ވަޔަރލެސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޗައިނާއިން ދުރުން ޖާސޫސް ކުރާކަމަށް ތުހުމަތު ކުރެވެއެވެ. އަދި މިކަން ދިރާސާކޮށް ގައުމުތަކަށް މިކަމާ ބެހޭ މަޢްލޫމާތު ދިނުމަށް ފައިވް އައިގެ ނަމުން ގްރޫޕެއް ހަދައިގެން ބޮޑެތި ގައުމުތަކުން މަސައްކަތް ކުރެއެވެ.