حَمْدًا لِمَنْ عَلَّمَ بِالْقَلَمِ عَلَّمَ اْلإِنْسَانَ مَا لَمْ يَعْلَمْ

އިސްލާމް ދީނުގައި ނަމާދުގެ މަޤާމް:

ނަމާދަކީ އިސްލާމީ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނެވެ. އަދި ދީނުގެ ބިންގަލަކީ ނަމާދުކަމުގައި ލޮބުވެތި رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَގެ ޞައްޙަ ޙަދީޘުފުޅުތަކުގައި ވާރިދުވެފައި ވެއެވެ. ނަމާދު އަދާނުކޮށެއް މުސްލިމަކު އޭނާގެ އީމާންކަންމަތީ ޤާއިމުވެ ނުހުރެވޭނެއެވެ. ނަމާދާ އިންކާރުކޮށްފި މީހަކު އިސްލާމް ދީނުން ބޭރުވާނެ ކަމުގައި ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ.

އަލްޙަމްދަކީ ނަމާދުގެ އެންމެ މުހިންމު ރުކުނެވެ.

ނަމާދުގައި ރުކުންތަކަކާއި ސުއްނަތްތަކެއް ވެއެވެ. މިގޮތުން ސާދަ ރުކުނެއް ވާކަމުގައި އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މިބުނެވުނު ސާދަ ރުކުނުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ އަލްޙަމްދު ކިޔެވުމެވެ. އެހެންކަމުން ނަމާދަށްޓަކައި އަލްޙަމްދުގެ މުހިއްމު ކަމާހުރެ رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ވަނީ އަލްޙަމްދަށް ނަމާދުގެ ނަމުން ނަންދެއްވާފައެވެ. އެއީ ޙައްޖަށް ޢަަރަފާތުގެ ނަމުން ނަން ދެއްވި ފަދައިންނެވެ.

އަލްޙަމްދުގައި ވަނީ ހަތް އާޔަތެވެ.

ކީރިތި ޤުރުއާނުގެ ޙިޖްރު ސޫރަތުގައި މާތް ﷲ އަންގަވާފައިވާ ފަދައިން އަލްޙަމްދުގައި ވަނީ ހަތް އާޔަތެވެ. ނަމާދު ކުރާއިރު މިހަތް އާޔަތް ކިޔެވުމުގައި ސަމާލުކަން ދޭން ޖެހޭނެއެވެ. އޭގެތެރެއިން އެއް އާޔަތަކީ ބިސްމިއެވެ. އެހެންކަމުން ބިސްމިއާ ނުލައި އަލްޙަމްދު ފުރިހަމަ ނުވާނެއެވެ. އަދި އަލްޙަމްދާ ނުލައި ނަމާދު ޞައްޙަ ނުވާނެއެވެ. މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ތިރީގައި ބިސްމިއާބެހޭ އިތުރު ތަފްޞީލު ބަޔާން ކުރާން ޤަޞްދު ކުރަމެވެ.

މާތް ﷲ ވަނީ 114 ފަހަރު ބިސްމި ބާވައިލައްވަވާފައެވެ.

ބިސްމިއަކީ ކީރިތި ޤުރުއާނުގެ ބަރާއަތު ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއް ފެށުމުގައި މާތް ﷲ ބާވައިލައްވާފައިވާ އާޔަތެކެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ސުވަރުގެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުންގެ މިތުރު އަޞްޙާބު ބޭކަލުން ކީރިތި ޤުރުއާން ލިއުއްވިއިރު ބަރާއަތު ސޫރަތް ފިޔަވައި ކޮންމެ ސޫރަތެއްގެ ފެށުމުގައި بِسْمِ اللَّهِ ލިއުއްވާފައި ވަނީ އެބޭކަލުންގެ މެދުގައި އެއްވެސް ޚިޔާލު ތަފާތުވެ ވަޑައިގަތުމެއްނެތި އެންމެހައި ބޭކަލުންގެ އިޖުމާޢުން އެކަމަށް އެއްބަސްވެ ވަޑައިގެންނެވެ. އަދި ޤުރުއާން ދަސްފުޅު އަޞްޙާބު ބޭކަލުން ވެސް ކޮންމެ ސޫރަތަކާއެކު ބިސްމިވެސް ދަސްފުޅު ކުރަށްވާފައި ވާތީއެވެ. ހަމައެހެންމެ ބަރާއަތު ސޫރަތުގައި بِسْمِ اللَّهِ ނޯންނަ ކަމަށްވެސް އަޞްޙާބު ބޭކަލުންނާއި އެންމެހައި ދަންނަބޭކަލުން ވަނީ އެއްބަސްވެ އިޖްމާޢުވެ ވަޑައިގެންފައެވެ.

ބިސްމީގެ މަޤާމް:

އާދެ! އަޑުހަރުކޮށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ ބާރަށް ކިއުމާމެދު މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވެރިވުން އުފެދިގެންދާތީ އެބަ ފެނެއެވެ. މިއީ ޙަޤީޤަތުގައި ވަރަށްވެސް ދެރަކަމެކެވެ. މިދެބަސްވެރިކަން އުފެދި އެންމެފަހުން މިއޮތީ އެކަކު އަނެކެއްގެ ބޮލުގައި ބާޠިލުގެ ތުހުމަތު އަޅުވަމުންދާ ދަރަޖައަށް މައްސަލަތައް ގޯސްވެފައެވެ. ދަންނަބޭކަލުންގެ މެދުގައި މިމައްސަލައާމެދު އިޚްތިލާފު އުފެދިފައި އޮތްކަމުގައި ވިއަސް އެބޭކަލުން އިޚްތިލާފުވެ ވަޑައިގެންފައިވަނީ ހަމައެކަނި އައުލާގޮތަކީ ކޮބައިތޯ ބެލުމުގެ މައްސަލައިގައެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް އެންމެން އެއްގޮތަކަށް ބާރަށް ބިސްމި ކިޔަމުން ދަނިކޮށް ކުއްލިޔަކަށް މިދިމާވީ ބޮޑު ފިތުނައަކާއެވެ. ދީނުގައި އެންމެ ޞައްޙަކަން ބޮޑު ރަގަޅުގޮތޭ ކިޔައިގެން އުޅޭ ބަޔަކު ދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތައް މުގުރާލައިގެން ތިމާމެންނަށް އެނގިފައިހުރި އެއްޗެއް އެއީ އެންމެ ޞައްޙަގޮތްކަމަށް ބުނެ އެހެން ގޮތްތައް ބާޠިލްކޮށް، ބިދުޢައެކޭބުނެ ހަދަންފެށުމުން ދެން ނުވެނުދާނެގޮތް މިދަނީ ފެންނަމުންނެވެ. އެއްބަޔަކު އަނެއްބައެއްގެ ފަހަތުގައި ނަމާދު ނުކުރާ ހިސާބަށް ކަންތައް މިއޮތީ ގޮސްފައެވެ. މިތާގައި ވިސްނާލަން ޖެހޭ ކަމަކީ ކަމެއްކުރުމަށް ސުއްނަތުން ދެގޮތެއް ސާބިތުވާން އޮވެފައި ބަޔަކު އެއިން އެއްގޮތަކަށް ޢަމަލު ކުރަނިކޮށް އެސުއްނަތް ދޫކޮށް އަނެއް ސުއްނަތަށް ޢަމަލުކުރަން އެންގުމުން ތިމާމެންނަށް އިތުރުވަނީ ކޮން ސަވާބެއްތޯ ބަލާލަން ޖެހެއެވެ. އާދޭހެވެ! އިތުރުވިހައިވެސް އެއްޗަކީ ތަނުގައި އުފެދިގެންދިޔަ ބޮޑު ފިތުނަވެރި ކަމަކާއި ރޯވެގެންދިޔަ ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާންގަނޑެވެ. މިތާގައި އޮތް އެންމެ ބޮޑު ހިތާމައަކީ މިއައު ގޮތްތައް ފަތުރަންއުޅޭ ގިނަމީހުންނަކީ ދީނުން އެއްވެސް މިންވަރެއް ކިޔަވާފައިނެތް މީހުންނެވެ. އަމިއްލަ އަމިއްލައަށް އެދުރުވެގެން ފަތުވާ ދިނުމުގެ ހަރުފަތަށް އަރައިގެން އުޅޭ މީހުންނެވެ. މިފެންވަރުގެ މީހުން އިސްލާމް ދީނުގައި އެންމެ ޞައްޙަކަން ބޮޑުގޮތަކީ ކޮބައިކަން ހޯދާނީވެސް ކިހިނަކުންތޯއެވެ!؟ އަނެއްބަޔަކީ ކޮންމެވެސްވަރަކަށް ދީނުގެއެއްޗެހި ކިޔަވާފައި ތިބި ކަމުގައިވިއަސް މިފަދަ މައްސަލައެއް ޙައްލު ކުރުމުގެ ޤާބިލްކަން ނެތްބައެއްކަން އެބައިމީހުންގެ ޢަމަލާއި ބަހުން އެބަދޭހަވެއެވެ. (ނުމިނޭ)