ޔުއެފާ ޔުރޮޕާ ލީގުގެ ސެމީފައިނަލުގައި ދެލެގުގެ އެގްރިގޭޓުން 2-1 އިން އާސެނަލް ބަލިކޮށް ސްޕެއިނުގެ ވިޔަރެއާލް ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ދެވަނަ ލެގަށް ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިދެޓީމުން ނިކުތްއިރު ފުރަތަމަ ލެގް ވިޔަރެއާލްގެ ދަނޑުގައި އެޓީމުން ކާމިޔާބު ކޮށްފައި އޮތީ 2-1 އިންނެވެ. ރަށުން ބޭރުގައި އާސެނަލް ލަނޑެއް ކާމިޔާބު ކޮށްފައިވުމުގެ ސަބަބުން ރޭ 1-0 އިން މޮޅުވެގެންވެސް އެޓީމަށް ފައިނަލަށް ދެވެން އޮތެވެ. އާސެނަލްއިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް ވިޔަރެއާލްގެ ގޯލަށް އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނީ އެންމެ ދެހަމަލާއެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި ކެޕްޓަން އެމްރިކް އަބްމަޔަންގ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިއާ އިންޗިއެއްހައި ކައިރިން ބޭރަށެވެ. އޭގެ ކުރިން ވިޔަރެއާލްއިންވެސް ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ގޯލަށް ފޮނުވާލިއެވެ. ކީޕަރު ލެނޯ ވަނީ ހުށިޔާރުކަމާއެކު އެހަމަލާ ދިފާއު ކޮށްފައެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނީ ގޭމް ޕްލޭނާއި އެއްގޮތަށް ކުޅުންތެރިންނަށް ނުކުޅެވުނު ކަމަށެވެ. "ކުޅުންތެރިންގެ ފަރާތުން ފެނުނީ ގޭމް ޕްލޭނަށް މަސައްކަތް ނުކުރެވުނުތަން. އަހަރެމެން ރޭވި ގޮތަކަށް ނޫން ދަނޑިމަތީގައި ކަންކަން ވެގެންދިޔައީ. މިއީ ކުރިއަށް އޮތް ތަނުގައި ޓީމުގައި ދެމިހުރުމަށް ކުރިމަތިވާނެ ޕްރެޝަރެއް ކަމަށް ޤަބޫލް ކުރަން" އާޓެޓާ ބުންޏެވެ.

އާސެނަލްގެ ކުރީގެ ކޯޗް އަދި ޔުރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗް އުނައި އެމެރީގެ އިރުޝާދުގެ ދަށުން މިސީޒަނާ ކުރިމަތިލި ވިޔަރެއާލް ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ މަޝްހޫރު މެންޗެސްޗަރ ޔުނައިޓެޑާއެވެ.

"ދެލެގަށް ބަލާއިރު ފައިނަލުގެ ޖާގައެއް އަހަރެމެންނަށް ހައްގު. ކުޅުންތެރިން ވަރަށް ވިސްނުންތެރިންކަމާއެކު ކުޅުމުގެ ނަތީޖާ ފެނިގެން މިދިޔައީ" 2019 ވަނަ އަހަރު އާސެނަލްއަށް ޔުރޮޕާ ލީގް ފައިނަލުން ފުރުސަތު ހޯދައިދިން ކޯޗް އެމެރީ ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދީ ދެވަނަ ލެގުގައި ރޯމާ އަތުން 3-2 އިން ބަލިވިނަމަވެސް ދެލެގުގެ އެގްރިގޭޓުން 5-8 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގް ޔުނައިޓެޑުގެ ދަނޑުގައި އެޓީމުން ކާމިޔާބު ކުރީ 6-2 އިންނެވެ. މިއީ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ބޮޑު މުބާރާތެއްގެ ފައިނަލުން މެންޗެސްޓަރ ޔުނައިޓެޑަށް ޖާގަ ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ވިޔަރެއާލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ޕޮލެންޑުގެ ޑްނަސްކް ސްޓޭޑިއަމްގައެވެ.