ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔަ ޢަބްދުﷲ ޔާމީނަށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ފޭސްބުކުގައި ގޮވާލި މީހާގެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމް/ޕީއެންސީ އިން ގޮވާލައިފިއެވެ.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޓެރަރިސްޓް ހަމަލާއެއް ދީ ގޮއްވާލުމަށް ފޭސްބުކު ޕޭޖުގައި ގޮވާލައިފައިވަނީ އަލީ ޔާސިރު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެ ޝާއިޢުކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެއެވެ. "މިފަދަ ނުރައްކާތެރި ޢަމަލު ހިންގުމަށް ގޮވާލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމަޢު ތެރެއަށް ދޫވެފައި ތިބުމަކީ ޤައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަންކަން ކަމުގައި މިކޯލިޝަނުން ދެކެވެ." ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނުގައިވެއެވެ. މިފަދަ ނުރައްކާތެރި ޓެރަރިސްޓް ޢަމަލުތަކަކީ ކުދި ކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެނަމަ، އެފަދަ ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވުމަކީ އެފަދަ ނުރައްކާތެރި ޢަމަލުތައް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު އިތުރުވެގެންދިއުމަށް އޮތް ފުރުސަތެއް ކަމަށް ވެސް ބުނެފައިވެއެވެ.
"އެހެންކަމުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭގައި ހުންނަވަނިކޮށް ގޮއްވާލަން ގޮވާލާ ފޭސްބުކް ގައި ލިޔެފައިވާ (ޢަލީ ޔާސިރު ނަމުގައި ފޭސްބުކް އެކައުންޓް ހަދައިގެން އުޅޭ) ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބައްލަވާ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުން އެދި މިކޯލިޝަންގެ ފަރާތުން ވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައެވެ."
މި މައްސަލަ ބައްލަވައި ފިޔަވަޅުއަޅުއްވާދެއްވުމަށް ދައުލަތުގެ ކަމާ ބެހޭ އެހެން މުއްސަސާތަކަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. އަދި ރައީސް ޢަބދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ.