ށ. ފުނަދޫ، މޫންލައިޓް، ޒޫނާ އަބުދުލް މުހުސިނަކީ ހުނަރުވެރި ޒުވާނެކެވެ. ގިނަ މަސައްކަތްތަކެއް ކުރަމުންދާ ހީވާގި ފަންނާނެކެވެ. 3 ދަރިންގެ މަންމައެކެވެ. ބުރަކޮށް އުޅެމުން ވެސް އޭނާ ގެންދަނީ އޭނާގެ ހުނަރުވެރިކަން ފުޅާކުރަމުންނެވެ.

ފެހުމާއި ކޭކު އެޅުމާއި ކައިވެނީގެ ހަފުލާތަކަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުމާއި ތަފާތު ބާވަތްތަކުގެ ގަހަނާ ޑިޒައިން ކުރުމުގެ އިތުރަށް ލިކުއިޑް އެމްބްރޮއިޑްގެ މަސައްކަތްވެސް ޒޫނާ ކުރެއެވެ.

މަސައްކަތް ފެށުނުގޮތް

ޒޫނާ ބުނާ ގޮތުގައި އޭނާ ފެހުމުގެ މަސައްކަތަށް ޝައުޤުވެރިވީ ކުޑައިރުއްސުރެ މަންމަ ފަހާތަން ފެންނާތީއެވެ. "ފަހާފޮށީގެ ދަތްގަނޑު އަނބުރަން އެނގޭވަރު ވީއިރަށް މަންމަގެ އެހީތެރިކަން ލިބިއްޖެ." ޒޫނާ ބުންޏެވެ. ޒޫނާ ފަހަން ދަސްކުރީ އޭނާގެ މަންމަގެ ކިބައިންނެވެ.

މިހާރު އޭނާ ފަހާ ބާވަތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހެދުމާއި ބޮޑެތިމީހުންގެ ހެދުމާއި ވެޑިންޑްރެސް ފެހުމާއި ޑިޒައިން ކުރުން ހިމެނެއެވެ. މީގެ އިތުރަށް ވެޑިން ބުކޭސް، އާއި ރިޓާން ގިފްޓްގެ އިތުރަށް ކައިވެނީގެ ހަފުލާތަކަށް ބޭނުންވާ ވަރަށް ގިނަ ބާވަތްތަކުގެ ތަކެތި ޒޫނާ ތައްޔާރު ކުރެއެވެ.

ގަހާނާ ހެދުމަށް ޝައުގުވެރިވިގޮތް

ޒޫނާ ބުނާ ގޮތުގައި އަންހެ ދަރިއަކު ލިބުމުން ދަރިފުޅު ޒީނަތްތެރިކުރުމަށް ހެދުން ފެހުމުގެ އިތުރަށް ބޮލުގައި އަޅާ ބޭންޑާއި ކަރުގައި އަޅާ ގަހަނާ ތައްޔާރު ކުރަން ފެށި އެވެ. އެއީ ހެދުމާ ގުޅާގޮތުން ދަރިފުޅު ޒީނަތްތެރި ކުރުމަށްޓަކައެވެ. މިގޮތުން ފެށުނު މަސައްކަތް ފުޅާވެ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ބޭންޑާއި އަތުގާ އަޅާ ކެވެލި، އަނގޮޓި ފައިވާން ފަދަ ތަކެތި ޑިޒައިން ކުރަން ފެށިއެވެ. މި ގޮތުން މިނާ އާއި ބީޑްސް އަދި ބޮލިން ޒޫނާ ތައްޔާރުކުރާ ތަކަކެތި ވަރަށް ރީއްޗެވެ. އަދި ހަދާލާފާ ހުންނަ މާބޮނޑިތައް ވެސް ވަރަށް ހިތްގައިމެވެ.

ޒޫނާ ކުރާ މަސައްކަތް ފުޅާކޮށް ވިޔަފާރި ކުރި އެރުމަށް ފޭސްބުކް ގައި ޕޭޖެއްވެސް ތައްޔާރުކޮށްފައިވެއެވެ. ޒޫނާ ތައްޔާރު ކުރާ ތަކެއްޗަށް އޯޑަރު ދިނުމަށް “Yan’s collection” މެސެޖު ކޮށްލުމުން ލިބޭނެއެވެ. އަދި މީގެ އިތުރަށް އިނސްޓަގްރާމް ޕޭޖް " yan’bloom" އިން ޒޫނާގެ ހުނަރުވެރި މަސައްކަތް ތައް ފެންނާނެއެވެ.

އެހެންމީހުނަށް ދަސްކޮށްދިނުން

ޒޫނާ އަކީ އޭނާ ކުރާ މަސައްކަތްތައް އެހެންމީހުނަށް ދަސްކޮށްދިނުމަށް ޝައުގުވެރިވާ ޒުވާނެކެވެ. މިގޮތުން މާ ހެދުމާއި ގަހަނާ ތައްޔާރުކުރުން ފަދަ ކަންތައްތައް ދަސްކުރުމަށް އޭނާ ގާތައް އަންނަ އެއްވެސް ކުއްޖަކު ހުސް އަތާ ދާކަށް ދޫކޮށެއް ނުލައެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވާ ގޮތަށް އެ އެއްޗެއް ތައްޔާރުކުރަން ދަސްކޮށްދެއެވެ. މީގެ އިތުރަށް މިހާރު ޒޫނާ ށ. ޅައިމަގުގައި މިފަދަ ކޯސްތައްވެސް ހިންގަން ފަށައިފިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފުރުޞަތު ލިބޭ މިންވަރަކުން އިތުރު ކޯސްތައް ހިންގުމަށް ޒޫނާ ހުރީ އަތު ކުރި އޮޅާލައިގެނެވެ.

މަސްކަތް ކުރިއަށް ދިއުމުގެ އެންމެ ބޮޑު ބާރު

ޒޫނާ ބުނާގޮތުގައި އޭނާގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ މަންމަ އެވެ. އަދި ފިރިމީހާ އެވެ. މީގެ އިތުރަށް އާއިލާގެ އެންމެންވެސް އޭނާގެ މަސައްކަތުގައި އެހީތެރިވެދެއެވެ. އަދި ރަޙުމަތްތެރިންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބޭކަމަށް ޒޫނާ ބުންޏެވެ.

ކުރިމަތިވާ ދަތިކަން

ރާއްޖޭގެ ރަށެއްގައި މިފަދަ މަސައްކަތްތައް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. މިއީ ހަމަ އެކަނި ޒޫނާ އަށް އެކަނި ކުރިމަތިވާ މަސއްސަލައެއްނޫނެވެ. މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމަކީ މަސައްކަތް އަވަހަށް ނިންމުމަށް އެޅޭ ހުރަހެކެވެ. އޯޑަރު ދޭ ތަކެތި ލަސްވުމާއި އެތަކެތި ބޯޓްތަކަށް ގެންގޮސްދޭނެ މީހަކު ނެތުމަކީ ޒޫނާއަށް ވެސް ކުރިމަތިވެފައިވާ ދަތި ކަމެކެވެ. ނަމަވެސް މި ދަތިތައް ގިރާކޮށް ކުރިއަށް ދިއުމަށް ޒޫނާ ހުރީ ވަރަގަދަ އަޒުމުގައެވެ.

ޒޫނާ ކުރާ މަސައްކަތަކަށް މިކަމުގެ ސަބަބުން ހުއްޓުމެއް ނާދެއެވެ. އޯޑަރުތަކަށް ތަކެތި ތައްޔާރުކުރުމުގައި އުޒު ނުދައްކައެވެ.

ޒޫނާއެވެ. ތިޔައީ މަސައްކަތްތެރި ހުނަރުވެރި ކަނބަލެކެވެ. ގައުމަށް ބޭނުންވަނީ ތިޔަފަދަ ހުނަރުވެރި ޒުވާނުންނެވެ. ޒޫނާގެ ތިޔަ މަސައްކަތަށް އަބަދުވެސް ކާމިޔާބު މިންވަރު ކުރައްވާށިއެވެ.