ގުދުސްގައި ޒައެނިސްޓުން މުސްލިމުންނަސް ދެމުންދާ ހަމަލާތަކާއި، ހިފާފައިވާ އިރުމަތީ ގުދުސުން މުސްލިމުން ބޭރުކުރުމަށް ޔަހޫދީ ދައުލަތުން ކުރަމުންދާ މަސައްކަތް ތޫނުސްއިން ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި އިންނަ އަރަބި ގައުމުތައް ތަމްސީލު ކުރާ މި ދައުރުގެ މެމްބަރު، ތޫނުސް އިން ވަނީ ރައީސް ޤައިސް ސަޢީދުގެ އެދިވަޑައިގަތުމަށް ޒަޔަނިސްޓުންގެ އުދުވާނާ މެދު ބަހުސް ކުރުމަށް ހުށަހަޅާފައެވެ. މިކަމާ ބެހޭ ސަލާމަތީ މަޖިލީހުގެ ޖަލްސާ އޮންނާނީ މާދަމާ ހޯމަ ދުވަހުއެވެ.
ސައޫދީ، މިސްރު އަދި ޔޫއޭއީ މަޣްރިބް އަދި އުރުދުންއާއި އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ ޔަހޫދީން ގުދުސްގައި މުސްލިމުންނަށް ދޭ ހަމަލަ ކުށްވެރިކޮށްފައެވެ.
އިންޓަރނޭޝަނަލް މީޑިއާ ބުނާ ގޮތުން ގުދުސްއޮތީ އުތުރިއެރުމަކަށް ތައްޔާރަށެވެ.
އިޒްރޭލުގެ ޒަޔަނިސްޓު ފައުޖުން ވަނީ މަސްޖިދުލް އަގްސާ ތެރެއަށް ވަދެ ނަމާދަށް ތިބި މީހުންނަށް ކަރުނަ ގޭސް ޖަހާފައެވެ. އަދި އަގްސާގެ ހަރިއްމަ ތެރޭން މީހުން ނެރެން މަސައްކަތް ކޮށްފައެވެ.
މީގެ އިތުރުން އިޒްރޭލުން ހިފައިގެން އުޅޭ އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާހް އަވަށުން މީހުން ބޭރުކުރުމަށްވެސް ޒަޔަނިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިޒްރޭލުގައި މި އުދުވާަން ހިނގަމުންދާއިރު އިޒްރޭލުގައި ސަރުކާރެއް އެކުލަވާލުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މިހާރު ހުރި ނަތަންޔާހޫ ބޮޑު ވަޒީރަށް ސަރުކާރެއް އެކުލަވައި ނުލެވުނު ފަސްމަންޒަރުގައި މުސްލިމުންނަށާއި ފަލަސްތީނު މީހުންނަށް ވަނީ ފިއްތުންތައް އިތުރު ކޮށްފައެވެ.
ޔަހޫދީ ދައުލަތުން ވަނީ ދެ އަހަރު ތެރޭ ހަތަރު އިންތިޚާބް ބާއްވާފައެވެ.