ޗައިނާ އިން ފަޒާގައި ބިނާ ކުރާ ސްޕޭސް ސްޓޭޝަންގެ ފުރަތަމަ ބައިތަކާއެކު ފޮނުވާލި ރޮކެޓެއް އެއްވެސް ކޮންޓްރޯލެއް ނެތި އަނބުރާ ދުނިޔެއަށް ވެއްޓުނީ ދ. ކުޑަހުވަދޫ އާ އެންމެ 27 މޭލު ދުރަށެވެ.

ޗައިނާއިން ފޮނުވި ރޮކެޓުގެ ބޮޑު ބައެއް ވެއްޓިއްޖެ ކަމަށާއި، އެއީ 18 ޓަނުގެ ބަރުދަން ހުރި ބޮޑު ބައެއް ކަމުގައި، އެ ގައުމުގެ ސްޕޭސް އޭޖެންސީ އިން ބުނެފިއެވެ. އަދި އެ ބައި ވެއްޓުނީ އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ބެއިޖިންގައި ކަމާބެހޭ އޮފިޝަލުން ވިދާޅުވީ "ލޯންގް މާޗް 5ބީ" ގެ ބައެއް އެއްވެސް ރަށަކާ ދިމާވުމުގެ ފުރުސަތު ކުޑަކަމަށެވެ. އެ ރޮކެޓަކީ ޗައިނާއިން ގާއިމުކުރަން އުޅޭ ސްޕޭސް ސްޓޭޝަންގެ ފުރަތަމަ ޝިޕްމެންޓް ހިފައިގެން ފުރި ރޮކެޓެވެ. އެ ރޮކެޓުގައި އެއްވެސް މީހަކު ނުދެއެވެ. 29 އޭޕްރިލް 2021 ގައި ފޮނުވި ސްޕޭސް އުޅަނދު އޭގެ މަންޒިލަށް ދިޔައެވެ. ނަމަވެސް އެ އުޅަނދު ދުނިޔެއިން ބޭރަށް ގެންދިއުމަށް ބޭނުންކުރި ރޮކެޓް އަނބުރާ ދުނިޔެއަށް ގެނައުމުގެ އެއްވެސް ނިޒާމެއް އެ ރޮކެޓުގައި ފަރުމާކޮށް ނެތުމުގެ ސަބަބުން، އެފަދަ އެހެން ރޮކެޓުތަކެކޭ އެއްފަދައިން، އެ ރޮކެޓުވެސް އަމިއްލައަށް ދުނިޔެއަށް ވެއްޓެން ދޫކޮށްލީއެވެ.

މިއީ ސްޕޭސް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރާ ގޮތެވެ. ވީއިރު މިފަހަރު މިކަން ބޮޑު ކަމަކަށްވީ ކީއްވެބާއެވެ؟

މިފަހަރު އަމިއްލައަށް ވެއްޓެން ދޫކޮށްލީ މާސިންގާ ބޮޑު ރޮކެޓެކެވެ. އެއީ 21 ޓަނުގެ އުޅަނދެކެވެ. އެގޮތަށް އަމިއްލައަށް ވެއްޓެން ދޫކޮށްލާ އެހެން ރޮކެޓުތައް އެއަށް ވުރެ ކުޑައެވެ. ނުވަތަ އެއަށް ވުރެ ކުޑަ ބައިތަކަކަށް ބެހިގެން ދެއެވެ. އެހެންކަމުން، އެއިން ބައެއް ބިމާ ހަމައަށް ފޯރުމުގެ ކުރިން ޖައްވުތެރޭގައި އެބައި ވިރި އަނދާހުލި ވެއެވެ.

"ޗައިނާ މޭންޑް ސްޕޭސް އެންޖިނިއަރިންގް އޮފިސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ލިބިފައިވާ ޑޭޓާ ބަލާ މުރާޖައާ ކުރުމަށްފަހު، މިއަދު، 09 މޭ 2021، ހެނދުނު (ރާއްޖޭގަޑިން) 07:24 ގައި، 'ލޯންގް މާޗް 5ބީ' ރޮކެޓުގެ އެންމެ ފަހުބައި ދުނިޔެއަށް އަނބުރާ ވެއްޓިއްޖެއެވެ." އެމީހުން ދިން އަރުލާއި ތޫލަކީ 2.65 ޑިގުރީ އުތުރުން 72.47 ޑިގުރީ އިރެވެ.

އެއީ ދ. ކުޑަހުވަދޫގެ ހުޅަނގުން އެންމެ 27 މޭލު ދުރުގައިވާ ޕޮއިންޓެކެވެ.

ރޮކެޓު ވެއްޓުނުކަމަށް ބުނާ ޕޮއިންޓު

އޭގެ އިތުރުން، ކަނޑާހަމައަށް ވެއްޓުމުގެ ކުރިން ރޮކެޓުގެ ބޮޑުބައި ފުނޑުވެ އަނދާހުލި ވިކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ އަސްކަރީ ޑޭޓާ ބޭނުންކޮށްގެން، އެ ހާދިސާގެ މައުލޫމާތު ބެލުމަށްފަހު، "ސްޕޭސް ޓްރެކް" އިންވެސް އެކަން ކަށަވަރު ކޮށްދިނެއެވެ.

"ލޯންގް މާޗް 5ބީ ވެއްޓެމުގެ ހާދިސާއާ މެދު ކަންބޮޑުވެފައިތިބި އެންމެނަށް މިހާރު ހަމަނޭވާ ލެވޭނެއެވެ. އެ ރޮކެޓު ވެއްޓިއްޖެއެވެ." އެމީހުން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ދުނިޔޭގެ %70 އަކީ ކަނޑުގެ ސަރަހައްދުކަމުން، ގިނަ މާހިރުންވެސް އެއްބަސްވެފައިވަނީ އެ ރޮކެޓުގެ ބައިތަކުން އަނދާހުލި ނުވާ އެތިކޮޅުތައް ވެއްޓޭނީ ކަނޑަށް ކަމުގައި ލަފާކުރެވިދާނެކަމަށެވެ.

އެމެރިކާ އާއި ޔޫރަޕުގެ ސްޕޭސް އެޖެންސީ ތަކުން ވެސް މި ހާދިސާ ވަރަށް ތަފުސީލުކޮށް ބަލަމުން ދިޔައެވެ. އެހެން ނަމަވެސް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލިއޯއިޑް އޮސްޓިން ވިދާޅުވެފައިވަނީ އެ ރޮކެޓަށް ހަމަލާދީގެން ފުނޑުފުނޑު ކޮށްލުމުގެ ރޭވުމެއް އެމެރިކާގެ އަސްކަރިއްޔާއިން ނުގެންގުޅޭކަމަށެވެ. މިހާދިސާ އަކީ ޗައިނާގެ އިހުމާލުން ވި ކަމެއް ކަމުގައިވެސް އޭނާ އިޝާރާތް ކުރެއްވިއެވެ.

މިދިޔަ އަހަރުވެސް، ޗައިނާގެ ލޯންގް މާޗް ރޮކެޓެއްގެ އެތިކޮޅުތަކެއް، އައިވަރީ ކޯސްޓުގެ އަވަށަކަށް ވެއްޓުނެވެ. ބައެއް ގެއްލުން ވިނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިއްކައެއް ނުވެއެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، ބައެއް މާހިރުން ވިދާޅުވަނީ، ލޯންގް މާޗް 5ބީ ގެ ފަރުމާއަށް ބަދަލު ގެނައުމަށެވެ.

"ކަނޑަށް ވެއްޓުމުގެ ފުރުސަތު އަބަދުވެސް ބޮޑުވާނެ" ކަމަށް ހާވަރޑް ޔުނިވަރސިޓީގެ އެސްޓްރޮނޯމަރ ޖޮނަތަން މެކްޑޮވެލް ޓްވީޓްކުރެވިއެވެ. އަދި މިފަހަރު ޗައިނާއިން ހީކުރި ގޮތަށް ގެއްލުންނުވެ އެކަން ނިމިއްޖެއެވެ. ނަމަވެސް އެއީ ދިވެހިރާއްޖެއިން އެއާ ހިލާފަށް ހަބަރެއް ނުލިބޭނަމަ ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.