މަސްޖިދުލްއަގްސާގެ ހަރިއްމަ ތެރެއަށް އިޒްރޭލު ސިފައިން ވަދެ ފަލަސްތީނު މީހުންނާ ދެކޮޅަށް ރަބަދު ވަޒަން ބޭނުން ކުރުމުން އެތައް ސަތޭކަ މީހުން ޒަޚަމްވެފައިވާ ކަމަށް ރެޑް ކްރެސެންޓާ ހަވާލާ ދީ އަލްޖަޒީރާއިން ބުނެއެވެ.

މިއަދަކީ ފަލަސްތީނު މީހުން ޤުދުސްގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އަދި އިޒްރޭލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީން ވެސް ވަނީ މިއަދު، ހަވީރު ގުދުސްގައި މުޒާހަރާ ކުރާނެ ކަމަށް ބުނެފައެވެ.

އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރަށް ގުޅުއްވައި ވިދާޅުވެފައި ވަނީ އެމެރިކާއިން ގުދުސްގައި މިހާރު ހިނގަމުންދާ މައްސަލައިގެ ތެރެއަށް ނުވަނުމަށް ޖޯ ބައިޑެންއަށް އަންގައި ދިނުމަށް އެދިފައެވެ.

މި ވަގުތު ވެސް ގުދުސްގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނު މީހުންނާ ދެމެދު ދަނީ ކުރިމަތިލުން ހިނގަމުންނެވެ.