ގިނަ ބަދަލުތަކަކާއެކު ސުޕްރީމް ކޯޓުގެ އައު ޤަވާޢިދެއް އެކުލަވާލާއި، ހޮނިހިރު ދުވަހު އަމަލުކުރަން އެކޯޓުން ނިންމައިފިއެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާޢިދު" އެކޯޓުން ވަނީ އާންމުކޮށްފައެވެ. .މި އޮކްޓޫބަރު މަހުގެ ދިހައެއްވާ ހޮނިހިރު ދުވަހު ޢަމަލުކުރަން ފަށާ ސުޕްރީމް ކޯޓުގެ މި އައު ޤަވާއިދާއެކު، 2008 ވަނަ އަހަރުގެ ސެޕްޓެންބަރު 21 ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ "ސުޕްރީމް ކޯޓުގެ ގަވާއިދު 2009" އާއި އެ ގަވާއިދަށް ގެނެވުނު އިޞްލާޙްތަކާއި މި ޤަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރެވިފައިވާ ސުޕްރީމް ކޯޓުގެ ނިންމުންތައް އުވުނީކަމަށް ޤަވާޢިދުގައިހިމަނާފައިވެއެވެ.
އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ސުޕްރީމް ކޯޓަށް ހުށަހެޅޭ ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާޢީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް މި ޤަވާއިދުގައި ވަނީ ހިމެމަނާފައެވެ.
އާ ޤަވާއިދުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ރައްދުކުރުމާއި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ އުސޫލުތައްވެސް ހިމެނެއެވެ.
ޖުމްލަ 161 މާއްދާ ހިމެނޭ މި ޤަވާއިދުގެ ދަށުން އައު ފޯމުތަކެއްވެސް އެކޯޓުންވަނީ ތަޢާރަފުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާޠިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު، މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމުގެ އިތުރުން ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމުވެސް ހިމެނެއެވެ.
މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން މައްސަލަ ބަލައިގަތުމާއި، އެ ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި ބޭއްވޭ އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ޤަވާއިދެވެ.