ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިރާއްޖޭގެ 19 ދަރިވަރަކު އެސްއެސްސީ އިމްތިޙާނު ފުރިހަމަ ކޮށްފިއެވެ.

މި ދަރިވަރުންގެ އިމްތިޙާނު އޮތީ ސްރީލަންކާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައެވެ.

ސޯސަންވިލާގައި ކުރިޔަށްދިޔަ އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވި 19 ދަރިވަރުންގެ ތެރެއިން 13 ދަރިވަރުންނަކީ ސޯސަންވިލާގެ ދަރިވަރުންނެވެ. އަނެއް 6 ދަރިވަރުން ބައިވެރި ވެފައި ވަނީ އަމިއްލަ ގޮތުންނެވެ. ދަރިވަރުންގެ އިސްލާމް އިމްތިޙާނު އޮތީ މިމަގެ 2 އަދި 3 ވަނަ ދުވަހުއެވެ. އެއަށް ފަހު ދިވެހި އިމްތިޙާނު އޮތީ މިމަހުގެ 8 އަދި 9 ވަނަ ދުވަހުއެވެ.

އެސްއެސްސީ އިމްތިޙާނަށް ސޯސަންވިލާގެ ދަރިވަރުން އައީ ވަރަށް ދުރާލައި ތައްޔާރު ވަމުންނެވެ. އެގޮތުން އެ ދަރިވަރުން އިމްތިޙާނަށް ތައްޔާރު ވުމަށްޓަކައި ސޯސަންވިލާއިން އައީ އިތުރު ކުލާސް ތަކެއް ދަރިވަރުންނަށް ނަގައިދެމުންނެވެ.

އެމްއީސީސީ ނުވަތަ ސޯސަންވިލާއަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި، އިސްލާމް، ޤުރުއާން ކިޔަވައި ދެމުން އަންނަ ތަނެކެވެ. އެމްއީސީސީގައި ނާސަރީން ފެށިގެން ގްރޭޑް 10 އަށް ކިޔަވައި ދެމުން ގެންދެއެވެ. ކިޔަވައި ދެއްވަނީ ދިވެހި މުދައްރިސުންނެވެ.