ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓު އެލާޓް ނެރެފިއެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 3:00 އިން ހެނދުނު 8:00 އާ ހަމަށެވެ.
ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވައިޓް އެލާޓު ނެރުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ކަމަށް އެތަނުން ބުނެފައިވެއެވެ. އެތަނުން ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޫސުމާބެހޭ އޮފީހުން ކުރިން ވެސް ބުނެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އާންމުގޮތެއްގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. ރާޅުގެ އުސްމިން 3 - 5 ފޫޓު ހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އޮފީހުން ވަނީ އެދިފައެވެ.