ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުގެ ސައުތު އެމެރިކާ ބައްރުގެ ކޮލިފައިން ފުރަތަމަ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ޕެނަލްޓީން އިކްއެޑޯ 01- އިން ބަލިކޮށް އާޖެންޓީނާ މުހިއްމު ތިން ޕޮއިންޓް ރޭ ހޯދައިފިއެވެ.

އާޖެންޓީނާގެ މަޝްހޫރު ލަ-ބޮންބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މިމެޗަށް އާޖެންޓީނާއިން ނިކުތީ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ވިންގަރ އެންހެލް ޑިމާރިއާ އާއި މިޑްފީލްޑަރު ޕައުލޯ ޑައިބަލާ ސްކޮޑުގައި ނުހިމަނައެވެ. ކޯޗް ލިއޮނަލް ސްކޮލާނީ އާޖެންޓީނާގެ ހަމަލާތައް އުފެއްދުމުގެ ޒިއްމާތައް ހަވާލް ކުރީ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން ސެވިއްޔާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިންގަރ ލޫކަސް އޮކަމްޕޮސް އާއި އިންޓަމިލާނުގެ ލައުރާޓޯ މާޓިނޭޒަށެވެ.

ކޮވިޑުގެ ސަބަބުން ސަޕޯޓަރުން ނުވައްދައި ކުޅުނު މިމެޗުގައި އާޖެންޓީނާއިން ލީޑް ނެގީ މެޗުގެ 10 މިނެޓުގައި އިކްއެޑޯ ކުޅުންތެރިޔަކު އޮކަމްޕޮސްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން މެސީއެވެ. މިއީ ގައުމީ ޓީމަށް މެސީ ކާމިޔާބު ކޮށްދިން 71 ވަނަ ލަނޑެވެ. މެޗުގައި ލަނޑު ޖަހާނެ މާރަނގަޅު ފުރުސަތުތަކެއް އިކްއެޑޯއަށް ލިބިފައި ނުވާއިރު ލީޑް ފުޅާކުރަން ދެވަނަ ހާފުގައި އާޖެންޓީނާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެސީ ތަނަވަސްކޮށްދިން މިފުރުސަތުން އޮކަމްޕޮސް ފޮނުވާލި ބޯޅަ އިކްއެޑޯގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެ އިތުރުން މެސީ ފޮނުވާލި ހަމަލާއެއް އޭރިޔާގެ ތެރެއިން އިކްއެޑޯގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނެވެ. އެކަމަކު ވީއޭއާރުން ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ.

ސައުތު އެމެރިކާ ބައްރުގެ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފޯރިގަދަ ކުޅުމަކަށްފަހު އަމިއްލަ ދަނޑުގައި އުރުގުއޭއިން ވަނީ 2-1 އިން ޗިލީ ބަލިކޮށްފައެވެ. އުރުގުއޭއިން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ހަމިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ލުއިޒް ސްއަރޭޒްއެވެ. ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޗިލީން އެއްވަރު ކުރި އެލެކްސް ސަންޗޭޒްގެ ލަނޑުންނެވެ. މެޗް އެއްވަރުވާން ދަނިކޮށް އުރުގުއޭ މޮޅުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި މެކްސިމިލާނޯ ގޮމޭޒްއެވެ. ޕެރަގުއޭ އާއި ޕެރޫ ބައްދަލު ކުރި މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މަޝްހޫރު ބްރެޒިލް ކޮލިފައިން ފުރަތަމަ މެޗުގައި މިރޭ ފަތިހު ނިކުންނާނީ ބޮލީވިޔާއާ ދެކޮޅަށެވެ.

ޗިލީ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްއަރޭޒް އުފާފާޅު ކުރަނީ.

ސައުތު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ކުރިން ފަށަން ހަމަޖެހިފައި އޮތީ މިއަހަރުގެ މާޗު މަހުއެވެ. އެކަމަކު ކޮވިޑު ވައިރަހުގެ ނުރައްކަލާހެދި ފީފާއިން ނިންމީ ކޮލިފިކޭޝަން އޮކްޓޫބަރު މަހު ފެށުމަށެވެ. ސައުތު އެމެރިކާ ބައްރުގެ ކޮލިފައިންގައި 10 ގައުމު ވާދަކުރާއިރު ކޮލިފައިން ކުރިއަށްދާނީ ލީގް އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ގައުމަށް ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނެއެވެ. ފަސްވަނައަށްދާ ގައުމު ޕްލޭއޯފްގައި ބައްދަލު ކުރަންޖެހޭނީ އޯޝޭނިޔާ ބައްރުގެ ކޮލިފައިންގެ އެއްވަނަ ހޯދާ ގައުމާއެވެ. ސައުތު އެމެރިކާ ބައްރުގައި ކޮލިފައިން 18 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މިއަހަރު 8 މެޗް ކުޅޭނެއެވެ. ބާކީ 10 މެޗް ކުޅޭނީ އަންނަ އަހަރުއެވެ. ޕްލޭއޯފް ކުޅުމަށް ފީފާއިން މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުއެވެ.