އެޕްރީލް 2021 ގައި މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 173.8% އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 82.6% އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ. މީގެ އިތުރުން، ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް މި މަހުގެ ތެރޭގައި ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކުރެއެވެ. އަދި މި އަދަދު އެޕްރީލް މަހު ލިބިފައިވާ އާމްދަނީގެ %20 ހިއްސާކުރާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އަނެއް ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރާ ސަބަބަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުކޮށްފައިވުމުގެ ސަބަބުން އެ މަހުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި ދަށްވެފައިވުމުން، އެ މުއްދަތާ އަޅައިބަލައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
އެޕްރީލް 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 60.1% ނުވަތަ 849.61 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %9.8 ނުވަތަ 139.12 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ (6.8%)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ (5.3%)، ބީ.ޕީ.ޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ (2.8%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 214.56 މިލިއަން ރުފިޔާ (15.2%) ހިމެނެއެވެ.
އެޕްރީލް 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ޚަބަރު: މީރާ